Roadha Mihaaru
ވޯލްޑްކަޕް ކޮލިފައިންގައި ޔޫކްރޭން ކުޅޭ މެޗު ފަސްކޮށްފި

ވޯލްޑް ކަޕް ކޮލިފައިންގައި ޔޫކްރޭން ކުޅޭ މެޗު ފަސްކޮށްފި

08 މާޗް 2022

ގްލާސްގޯ، ސްކޮޓްލެންޑް (މާޗް 8) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު 24 ވަނަ ދުވަހު ޔޫކްރޭނާއި ސްކޮޓްލެންޑް ކުޅެން އޮތް މެޗު ފަސް ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ގްލާސްގޯ، ސްކޮޓްލެންޑް (މާޗް 8) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު 24 ވަނަ ދުވަހު ޔޫކްރޭނާއި ސްކޮޓްލެންޑް ކުޅެން އޮތް މެޗު ފަސް ކޮށްފި އެވެ.

ސްކޮޓްލެންޑުގައި މެޗު ކުޅެން ޖެހުނު ނަމަވެސް މެޗު ފަސްކުރީ، ރަޝިއާ ސިފައިން ޔޫކްރޭނަށް އަރައި ފަށާފައިވާ ހަނގުރާމައިގެ ސަބަބުން، ޔޫކްރޭނުން ފީފާގައި އެ ގޮތަށް އެދިގެންނެވެ. ސްކޮޓްލެންޑުން ވެސް ވަނީ ޔޫކްރޭނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މި މެޗް ފަސްކޮށްދޭން މީގެ ކުރިން ފީފާއާ މަޝްވަރާ ކޮށްފަ އެވެ.

ހަމަ އެދުވަހު ޔޫކްރޭނާއި ސްކޮޓްލެންޑް ހިމެނޭ ޕްލޭއޮފް ބްރެކެޓުގައި ދެން އޮތް އޮސްޓްރިއާ އާއި ވޭލްސް ކުޅޭ ސެމީގެ މެޗު ޝެޑިއުލަށް އަދި ބަދަލެއް ނާދެ އެވެ. ނަމަވެސް މި މަހު 29 ގައި ކުޅެން އޮތް ފައިނަލް މެޗު ފަސްކުރާނެ އެވެ.

ކޮލިފައިންގެ ފަހު މެޗުތައް ދެން ބާއްވާނެ ދުވަހަކާ މެދު މަޝްވަރާތައް ފަށާފައިވާއިރު، ބެލެވޭ ގޮތުގައި ދެން މެޗުތައް ކުޅޭނީ ޖޫން މަހު ކުރީކޮޅު ލިބޭ އިންޓަނޭޝަނަލް ބްރޭކުގަ އެވެ. އެ ދުވަސްވަރު ޔޫއެފާ ނޭޝަންސް ލީގު ވެސް ފަށަން ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް އާއްމު ގޮތެއްގައި ވޯލްޑް ކަޕް ފެށެން 100 ދުވަހަށް ވުމުން މުބާރާތަށް ކޮލިފައިވި ގައުމުތަކާ އެކު ފީފާ އިން ވޯކްޝޮޕެއް ބާއްވާނެ އެވެ.

ޔޫކްރޭނުން އެންމެ ފަހުން މިދިޔަ ނޮވެމްބަރު މަހު ވޯލްޑް ކަޕް ކޮލިފައިން އަށް ނެގި 23 ކުޅުންތެރިންގެ ސްކޮޑުގައި އަމިއްލަ ގައުމުގައި ކުޅޭ 15 ކުޅުންތެރިން ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި އެ ޓީމުގެ ކެޕްޓަން، މަޝްހޫރު ޝަކްތާ ޑޮނެސްކަށް ކުޅޭ ކީޕަރު އަންޑްރީ ޕްޔާޓޮވް ވެސް ހިމެނެ އެވެ.

ގަތަރުގައި މި އަހަރުގެ ވޯލްޑް ކަޕް ބާއްވަން ހަމަޖެހިފައި ވަނީ ނޮވެމްބަރު 21 އިން ޑިސެމްބަރު 18 އަށެވެ.

ހަނގުރާމައިގެ ސަބަބުން ފީފާ އިން ވަނީ، ވޯލްޑް ކަޕް ކޮލިފައިން އިން ރަޝިއާ ބޭރު ކޮށްފަ އެވެ. ރަޝިއާ އޮތީ ޕްލޭއޮފް ބްރެކެޓް ދޭއްގެ ސެމީ ފައިނަލުގައި އަމިއްލަ ގައުމުގައި ޕޮލެންޑާ ދެކޮޅަށް ކުޅޭ ގޮތަށެވެ. އެ މެޗުން ރަޝިއާ މޮޅުވެއްޖެ ނަމަ ސްވިޑެން އާއި ޗެކް ރިޕަބްލިކް ކުޅެ މޮޅުވާ ޓީމަކާ ދެކޮޅަށް ފައިނަލް މެޗު ކުޅެން ހަމަޖެހިފައި އޮތީ ވެސް ރަޝިއާގަ އެވެ.