Roadha Mihaaru
ވެލާފެޅި މީހުން ޖޫރިމަނާ ފައިސާ ނުދެއްކި!

ވެލާފެޅި މީހުން ޖޫރިމަނާ ފައިސާ ނުދެއްކި!

30 ޖުލައި 2023

ބ. އަތޮޅު ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި ބައިވެރިވި، އެ އަތޮޅުގެ ކެންދޫގެ ހަތް މީހަކަށް ކޮށްފައިވާ ޖޫރިމަނާގެ މުއްދަތު ހަމަވިއިރު ވެސް އެ ފައިސާ ނުދައްކާ ކަމަށް އީޕީއޭ އިން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ބ. އަތޮޅު ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި ބައިވެރިވި، އެ އަތޮޅުގެ ކެންދޫގެ ހަތް މީހަކަށް ކޮށްފައިވާ ޖޫރިމަނާގެ މުއްދަތު ހަމަވިއިރު ވެސް އެ ފައިސާ ނުދައްކާ ކަމަށް އީޕީއޭ އިން ބުނެފި އެވެ.

ވެލާ ފެޅުމުގައި ބައިވެރިވި ކޮންމެ މީހަކު 198،000ރ. އިން ޖޫރިމަނާކޮށްފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އެއީ 30 ދުވަސް ތެރޭގައި އެ ފައިސާ ދެއްކުމަށެވެ.

އީޕީއޭގެ ޑިރެކްޓަރު އިބްރާހިމް ނައީމް މިއަދު ވިދާޅުވީ، މުއްދަތު ހަމަވެފައި ވާއިރު ވެސް އެ ފައިސާ ދައްކާފައި ނުވާ ކަމަށެވެ.

ކެޔޮދު އަށް ބަޔަކު ގޮސް، އެ ރަށުގައި ވެލާ ފަޅައިގެން އުޅޭ ކަމުގެ މައުލޫމާތެއް ފުލުހުންނަށް ލިބުނީ މިދިޔަ ފެބްރުއަރީ މަހުގެ ތިނެއްގަ އެވެ. އެހެންވެ، އެ ރަށަށް ފުލުހުން ގޮސް އެކަމުގައި ބަލަން ޖެހޭ ކަންކަން ބަލައި އެ މައުލޫމާތު އީޕީއޭއާ ހިއްސާކުރީ އެވެ.

ފުލުހުން އެ އެންމެންގެ ބަޔާން ނެގުމަށް ފަހު ދޫކޮށްލީ އެވެ.

އީޕީއޭ އިން ބުނެފައި ވަނީ އެކަމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ހަ ވެލާ ފެޅި ކަމަށާއި އެ ރަށުގައި އެ މީހުން ވެލާ ފެޅި ކަމުގެ ހެއްކާއި އެހެނިހެން މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.

ރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އޭޕްރީލް 4، 2016 އިން ފެށިގެން ވެލަ އާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ހިމާޔަތްކޮށްފަ އެވެ.

ވެލާ ކަހަނބުގެ ބާވަތްތައް ހިފުމާއި އެއަށް ގޯނާކުރުމަކީ މަނާކަމެކެވެ. އެއީ ބޮޑު ޖޫރިމަނާއެއް އަންނަ ކުށަކަށް ވިޔަސް އަދިވެސް ދިވެހިންގެ ތެރޭގައި ވެލާ ހިފައި، އެ ކައި ހަދާ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވެ އެވެ.