Roadha Mihaaru
ޔާމީން މި ފަހަރު ވެސް ނަމެއް ނުދެއްވި، ސެނެޓް މާދަމާ

ތިންވަނަ ފަހަރު ވެސް ޔާމީން ނަމެއް ނުދެއްވި، ޕީއެންސީގެ ސެނެޓް މާދަމާ ބާއްވަނީ

02 އޯގަސްޓް 2023

މި ފަހަރުގެ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް އެ ޕާޓީން ކަނޑައަޅާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފުރުސަތު ގެއްލިއްޖެ ނަމަ ދެން ޕީއެންސީން ނެރޭނެ ކެންޑިޑޭޓާއި ރަނިންމޭޓް ދެއްކެވުމަށް ޔާމީންގެ އަރިހުން ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން އެދުނު ތިންވަނަ ފަހަރު ވެސް ވަކި ޖަވާބެއް ނުދެއްވައި އެކަން ޕީއެންސީ އަށް އެ މަނިކުފާނު ދޫކޮށްލައްވައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މި ފަހަރުގެ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް އެ ޕާޓީން ކަނޑައަޅާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފުރުސަތު ގެއްލިއްޖެ ނަމަ ދެން ޕީއެންސީން ނެރޭނެ ކެންޑިޑޭޓާއި ރަނިންމޭޓް ދެއްކެވުމަށް ޔާމީންގެ އަރިހުން ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން އެދުނު ތިންވަނަ ފަހަރު ވެސް ވަކި ޖަވާބެއް ނުދެއްވައި އެކަން ޕީއެންސީ އަށް އެ މަނިކުފާނު ދޫކޮށްލައްވައިފި އެވެ.

މި ފަހަރު ވެސް ފުރުސަތު ޕީއެންސީ އަށް ދޫކޮށްލެއްވީ މިއަދު މެންދުރު ބޭއްވި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބައްދަލުވުމުގަައި ވެސް ޔާމީން ބޭނުންފުޅުވާ ނަންތަކެއް ދެއްވުމަށް ފާސްކުރުމުންނެވެ. ލީޑަޝިޕުން ފާސްކުރީ ޔާމީން ކަނޑައަޅުއްވާ ކެންޑިޑޭޓަކާއި ރަނިންމޭޓަކާ މެދު ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓުން ދެން ގޮތެއް ނިންމާށެވެ. އެ ގޮތް ވެސް ޔާމީނަށް ލީޑަޝިޕުން މިއަދު ހުށަހެޅި ކަމަށް ވެ އެވެ. އެކަމަކު، ގޮތް ނިންމުން ވެސް އެ މަނިކުފާނު ދޫކޮށްލެއްވީ ޕީއެންސީ އަށެވެ.

އެކަމާ ގުޅިގެން ޕީއެންސީގެ ސެނެޓްގެ ބައްދަލުވުމެއް މިހާރު ވަނީ މާދަމާގެ ހެނދުނު 10 ޖަހާއިރަށް ތާވަލުކޮށްފަ އެވެ. ޕީޕީއެމާ އެކު މަސައްކަތް ކުރާ ޕީއެންސީގެ ސެނެޓްގެ މެމްބަރުންނަށް މިރޭ ފޮނުވި އެޖެންޑާގައިވާ ގޮތުން މާދަމާ އޮންނާނީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމާ މެދު ގޮތެއް ނިންމުމާއި އެ ގޮތަށް ނިންމައިފި ނަމަ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމެވެ.

ޕީއެންސީގެ ސެނެޓްގެ ބައްދަލުވުމެއް މާދަމާ އަށް ތާވަލުކުރިޔަސް ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓް ބައްދަލުވުމެއް ބޭއްވުމާ މެދު އެ ޕާޓީގެ ލީޑަޝިޕްގެ ވިސްނުން ހުރި ގޮތެއް އަދި ސާފެއް ނޫނެވެ. ދެ ޕާޓީގެ ލީޑަޝިޕްގެ ބައްދަލުވުމެއް މިއަދު މެންދުރުގެ އިތުރުން މިރޭ ވެސް ބޭއްވި އެވެ. ޕީއެންސީގެ ސެނެޓްގެ ބައްދަލުވުމެއް މާދަމާ އަށް ތާވަލުކުރީ ލީޑަޝިޕްގެ މިރޭގެ ބައްދަލުވުމަށް ފަހު އެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގައި ތިއްބަވަނީ އެ ދެ ޕާޓީގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން ރައްޔިތުންގެ މަޖިހުގައި ތިއްބަވާ އެ ކޯލިޝަންގެ 8 މެމްބަރުންނެވެ.

ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާނެ ކަމަށް ބުރަވެވެނީ އިވޭ އަޑުތަކަށް ބަލާއިރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސަައީދެވެ. އެކަމަކު، އެ ނަންތަކާ މެދު އަދި މަޝްވަރާ ނުކުރާ ކަމަށް އެނގިފައި ވެ އެވެ.

ޕީޕީއެމްގެ ބައްދަލުވުމެއްގައި ޔާމީން ބައިވެރިވެވަޑައިގަންނަވަނީ.

ޕީޕީއެމްގެ ބައްދަލުވުމެއްގައި ޔާމީން ބައިވެރިވެވަޑައިގަންނަވަނީ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށް އެ ޕާޓީން ކަނޑައަޅާފައި އޮތަސް އެ މަނިކުފާނުގެ ގާނޫނީ ޝަރުތެއް އުނިވެފައިވާތީ ޔާމީންގެ ނަން އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބަލައިނުގަތީ އެވެ. އެހެންވެ، ޕީޕީއެމުން ރޭ ފަތިހު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

ޔާމީންގެ ރަނިންމޭޓަށް އެ މަނިކުފާނު ކަނޑައެޅުއްވީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލެވެ.

ރައިސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒު ކޮށް ނިމުނުތާ ނުވަތަ ހުކުމް ކަނޑައެޅި އަދަބު މާފު ކުރިތާ ތިން އަހަރުވެފައި ވުން ހިމެނެ އެވެ.

މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެގެން، ޔާމީނަށް މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި ކްރިމިނަލް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެ މަނިކުފާނު އެ ހުކުމް ތަންފީޒު ކުރައްވާއިރު، ހައި ކޯޓުގައި ފަށާފައިވާ އިސްތިއުނާފުގެ ޝަރީއަތް އަދި ނިމުމަކާ ގާތަށް ވެސް ނުދެ އެވެ. އެހެންވެ، 11 އަހަރުގެ ޖަލު ހުކުމް އަދިވެސް ދެމިއޮތުމުން ރިޔަސީ އިންތިހާބަށް ކުރިމަތިލެއްވުމުގެ ގާނޫނީ ޝަރުތު ޔާމީންގެ ފުރިހަމަ ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނިންމީ އެވެ.

ރިޔާސީ އިންތިހާބަށް ޝައުގުވެރިވާ މީހުންގެ ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ފަހު ދުވަހަކީ އަންނަ ހޯމަ ދުވަހެވެ. އޭގެ ކުރިން ގޮތެއް ނިންމުމުގެ ހައްސާސްކަން ބޮޑުވެފައިވާއިރު ޕީޕީއެމްގެ ސެނެޓްގައި އެ މައްސަލާގައި މަޝްވަރާ ނުކުރާތީ ވެސް ސެނެޓްގެ ބައެއް މެމްބަރުންގެ މެދުގައި ނުތަނަވަސްކަން ވަރަށް ބޮޑެވެ. އޭގެ ޒުވާބެއް ސެނެޓްގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕްގައި ވެސް ރޭ ވަރަށް ހޫނުކޮށް ދިޔަ އެވެ.