އަންނަ އަހަރުގެ ރިޔާސީ ޓިކެޓާ ހެދި އިދިކޮޅު ޕީޕީއެމްގެ ތެރޭގައި ފެކްޝަން އުފެދިއްޖެ ކަމަށް އަޑުފެތުރިޔަސް އެއީ ވާދަވެރިން ފަތުރާ އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
25 ސެޕްޓެމްބަރ 2022
އަންނަ އަހަރުގެ ރިޔާސީ ޓިކެޓާ ހެދި އިދިކޮޅު ޕީޕީއެމްގެ ތެރޭގައި ފެކްޝަން އުފެދިއްޖެ ކަމަށް އަޑުފެތުރިޔަސް އެއީ ވާދަވެރިން ފަތުރާ އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެއްވެސް ބަޔަކާ ކޯލިޝަނެއް ނުހަދައި ވެސް އެ މަނިކުފާނަށް އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް އެބައޮތް ކަމަށެވެ. ޕީޕީއެމްގެ ތެރޭގައި ފިތުނަ އުފައްދަން އެހެން ޕާޓީތަކުން މަސައްކަތް ކުރަނީ ޔާމީންގެ މަގުބޫލުކަން ފެނި، އިންތިހާބާ މެދު ޔަގީންކަން ކުޑަވުމުން ކަމަށް އަދުރޭ ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވިޔަސް، ޕާޓީގެ ތެރެއިން ޔާމީނާ ދެކޮޅަށް މަސައްކަތް ކޮށްފާނެ ބަޔަކު ތިބި ކަމަށް ދޭހަވާ ޓުވީޓެއް އެ މަނިކުފާނުގެ އަރިސް އަހްމުދު މުސްތަފާ (މުސްތޮ) ވަނީ ކުރައްވައިފަ އެވެ.
ޔާމީންގެ ވެރިކަމުގައި މުލީއާގޭގެ ޗީފް އޮފް ސްޓާފްގެ މަގާމު ފުރުއްވި މުސްތަފާ ވިދާޅުވީ "މަތިން މިނިކާ ބާޒުތައް، ތިރިން ހިޔަޅުތައް ކުރިކާލި ކަނޑާލަކަނޑާލާ ތިބެނީ ޖަންގަލީގެ ރަސްގެފާނު، ސިންގާ ހިފައި ހައްޔަރުކުރޭތޯ ބަލަބަލައި ކަމަށެވެ. މަގްސަދަކީ ނިކަން ބާރަށް ސިންގާގެ މައްޗަށް ޖެހިގަނެ، ވެރިވެގަނެވޭތޯ ބެލުން ކަމަށް ވެސް ވިދާޅުވި އެވެ.
މުސްތަފާގެ ޓުވީޓުގައި ސިންގާ ކަމަށް އިޝާރާތް ކުރެއްވީ ބެލެވޭ ގޮތުގައި ޔާމީންގެ ޝަރީއަތްތަކާ ގުޅުވައި އެ މަނިކުފާނަށެވެ. މިނިކާ ބާޒުތަކާއި ހިޔަޅުތައް، ސިންގާ ހައްޔަރުކުރާނެ ކަމުގެ އުއްމީދުގައި ތިބި ކަމަށް ވިދާޅުވިޔަސް ސާފުކޮށް އެއީ ކޮން ބައެއް ކަމެއް ވިދާޅެއް ނުވެ އެވެ.
ރައީސް ޔާމީން ސަޕޯޓަރުންނާ އެކު: ޕާޓީތެރޭގައި ބައިބައިވުން އޮތް ކަމަށް އަޑުފަތުރަނީ ވާދަވެރިން ކަމަށް އަދުރޭ ވިދާޅުވި. -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ސިޔާސީ ބައެއް ބޭފުޅުން، މާނަ ނަންގަވާ ގޮތުގައި މުސްތަފާގެ ތުހުމަތު ސީދާ އަމާޒުވަނީ ޕީޕީއެމާއި ޕީއެންސީގެ ބައެއް ބޭފުޅުންނަށެވެ.
އެކަމަކު އަދުރޭ ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި މުސްތަފާ އެ އިޝާރާތް ކުރައްވަނީ އެހެން ޕާޓީތަކުގެ ސިޔާސީ ބޭފުޅުންނަށެވެ. ކުޑަ ޕާޓީތައް ހަދައިގެންނާއި މިހާރު ޕާޓީތަކުގައި ތިއްބެވި ބޭފުޅުން ވެސް ޕީޕީއެމްގެ ލީޑަޝިޕް ލިބޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އަދުރޭ ވިދާޅުވި އެވެ.
"އެއްގޮތަކަށް ވެސް ޕާޓީގެ ތެރޭގައި [ރިޔާސީ ޓިކެޓް ބޭނުންވާ] ބޭފުޅުން ތިއްބެވި ކަމަކަށް ނޫން. ރައީސް ޔާމީން ވެސް ކުރިން ވިދާޅުވެފައިވާ ގޮތަށް މިނިކާ ބާޒުތަކެއްހެން ޕާޓީއަށް ވެރިވެގަންނަން އުޅޭ ސިޔާސީ ވާދަވެރިންތަކެއް އެބަތިބި،" އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު އެންމެ ތާއީދު ބޮޑު، ސިޔާސީ ލީޑަރަކަށް ހުންނެވި ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ އެވެ. ނުހައްގު ދައުވާތަކެއް އިއްވިޔަސް އެ މަނިކުފާނު ނޫން ބޭފުޅަކަށް މި ގައުމަށް ތަރައްގީ އާއި ކުރިއެރުން ނުގެނެވޭނެ ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
ގައުމުގެ ހާލަތު އޮތް ގޮތާއި ޔާމީންގެ ވެރިކަމުގެ ތަޖުރިބާ އާއި އެމްޑީޕީގެ މި ވެރިކަން އަޅާކިޔާއިރު، އިތުރު ދައުރެއް އެމްޑީޕީ އަށް ދޭން ރައްޔިތުން ބޭނުން ނުވާ ކަން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ވެސް އެނގޭ ކަމަށް އަދުރޭ ވިދާޅުވި އެވެ.
"ރައީސް ޔާމީނަށް އޮތް ތާއީދު ވާދަވެރިންނަށް މިހާރު ފެންނަނީ. އެ މަނިކުފާނު އަތުނުވާ ހިސާބަށް ތާއީދު އިތުރުވެއްޖެ. ބަދަހި ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް/ޕީއެންސީ ދެމިއޮތުމަށް ވާދަވެރިން ބޭނުން ނުވާ ސަބަބަކީ އެއީ. އެ މަގްސަދުގައި ރޭވިގެން ޕާޓީ ބައިބައިކޮށްލަން އަޑުތަކެއް ފަތުރަމުންދަނީ. އެ ވިދާޅުވާ ފެކްޝަންތަކެއް ކަމަށް ބުނެ ދައްކާ ވާހަކަތަކުގައި ހަގީގަތެއް ނެތް،" އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ ޓިކެޓް ބޭނުންވާ އެއްވެސް ބޭފުޅަކު ޕާޓީގެ ލީޑަޝިޕަކު ނެތެވެ. ޔާމީނާ ނުލައި 2023 ގައި ކުރިއަށް ނުދެވޭނެކަން މުޅި ކޯލިޝަން ގަބޫލުކުރާ ކަމަށް އަދުރޭ ވިދާޅުވި އެވެ.
"ޕީޕީއެމް،ޕީއެންސީއަކީ ރައީސް ޔާމީން. އެ މަނިކާފު ނޫން ބޭފުޅަކު ޕާޓީގެ ތެރެއިން އިންތިހާބުގައި ވާދަކުރާކަށް ބޭނުމެއް ނުވޭ. އަޅުގަނޑުމެންގެ ޕާޓީ އޮތީ ބަދަހިކޮށް، ވާދަވެރިންނަށް އެކަން ބަލައިނުގަނެވެނީ،" އަދުރޭ ވިދާޅުވި އެވެ.
ކޮންފަރެންސް ސަރުކާރަށް ހަޖަމެއް ނުވި: އަދުރޭ
ދެވަނަ ބުރަކަށް އިންތިޒާރު ނުކުރަން: އަބްދުއްރަހީމް
އޮޅުވާލުމާއި ޔާމީންގެ އަޑި ނޭނގޭ އެކި މޫނުތައް!
ޔާމީން މި ފަހަރު ވެސް ނަމެއް ނުދެއްވި، ސެނެޓް މާދަމާ
ޔާމީން ދައްކާ ކެންޑިޑޭޓާ މެދު ގޮތެއް ނިންމުން ސެނެޓަށް
ޕީޕީއެމް ރޫޅި ހައްގު ގެއްލުނަސް ގޮތް ދޫކުރުމެއް ނެތް!
އިދިކޮޅުގެ ޖަވާބު ބަދަލު ނުވާނެ "ކެންޑިޑޭޓަކީ ޔާމީން"
ޔާމީން ނޫން ޕްލޭނެއްގެ ވާހަކަ ދެއްކުމުން ހޫނުވެއްޖެ!
މާޔޫސް ނުވޭ، ޔާމީން ދެން އަންނާނީ މާ ގަދަކޮށް:އަދުރޭ
ހޯޕް ކޮންފަރެންސް: ޔާމީން ނޫނީ ބޭނުމެއް ނޫން