Roadha Mihaaru
ނުކުރެވޭ ކަންކަން ހޯދައިގެން މީހުން ދޫކުރާތީ ނުރުހުން

"ނުކުރެވި ހުރި ކަންކަން ހޯދައިގެން" މީހުން ދޫކުރުމަކީ ނުރައްކަލެއް: ހައި ކޯޓް

02 އޯގަސްޓް 2023

ދައުލަތަށް ނުކުރެވި ހުރި ކަންކަން ހޯދައިގެން، ކުށުގެ ތުހުމަތު ކުރެވޭ މީހުން ކޯޓުތަކުން މުޖްތަމައުގެ ތެރެއަށް ދޫކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް ހައި ކޯޓުން މިއަދު ކުރި ހުކުމެއްގައި ބުނެފި އެވެ.

ދައުލަތަށް ނުކުރެވި ހުރި ކަންކަން ހޯދައިގެން، ކުށުގެ ތުހުމަތު ކުރެވޭ މީހުން ކޯޓުތަކުން މުޖްތަމައުގެ ތެރެއަށް ދޫކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް ހައި ކޯޓުން މިއަދު ކުރި ހުކުމެއްގައި ބުނެފި އެވެ.

ހަތިޔާރު ހިފައިގެން މަގުމަތީގައި އުޅުނު ކަމުގެ ތުހުމަތުގައި ގ. ޝާރާޒް ހުސައިން މަފާޒް މުހައްމަދު ސަލީމް ހައްޔަރު ކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުން މިދިޔަ މަހު އޭނާ ދޫކޮށްލީ އޭނާގެ ކުށުގެ ރެކޯޑްތައް ފުލުހުން ހުށަހަޅާފައި ނެތުމުން މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް ބުނެ އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ނުރައްކާތެރި ހަތިޔާރު ހިމެނޭ ކުށުގެ ރެކޯޑްތަކެއް މަފާޒާ ގުޅޭގޮތުން އޮތްއިރު އެކަން ދަށު ކޯޓުން ކަށަވަރު ކޮށްފައިނުވާ ކަމަށެވެ. އަދި އެއީ ކޯޓުން އަމިއްލައަށް ކަށަވަރު ކުރަންޖެހޭ ކަމެއް ކަމަށާއި އަދި ނުކުރެވި ހުރި ކަންކަން ހޯދައިގެން މުޖްތަމައުގެ ތެރެއަށް މީހުން ދޫކޮށްލައި، ޖިނާއީ އަދުލުގެ ނިޒާމާ އިދިކޮޅަށް ކަންކަން ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް ހުކުމުގައިވެ އެވެ.

"ސާފުކޮށް ފެންނަން ހުރި ކަންކަމަށް ނުބަލާ ދޫކޮށްލުމަށްފަހު، ތަހުގީގު ނުވަތަ ޕްރޮސެކިއުޝަނުން ނުވަތަ މުއްތަހަމުގެ ފަރާތުން އެވެނި މިވެނި ކަމެއް ކޮށްފަައި ނެތޭ ބުނެ، ނުކުރެވި ހުރި ކަންކަން ހޯދައިގެން އެކަންކަން އެހެން ހުރިނަމަ މިހެންވީސް ކަމަށް ބުނެ ހަމަތަކާއި ޖިނާއީ އަދުލުގެ ނިޒާމު ނުއަތަށް ހިނގާ ގޮތަށް މަސައްކަތް ކުރުމަކީ ނުރައްކާތެރި ކަމެއް." ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ކުށުގެ ތުހުމަތުވާ މީހުން އެގޮތަށް ދޫކޮށްލުމުން، މުޖްތަމައުގައި ގާނޫނާ އެއްގޮތަށް އުޅޭ މީހުން "ފިލައިގެން އުޅެން" ޖެހެ އެވެ. އަދި އެއީ އިންތިޒާމްވެގެން ހިނގާ ދައުލަތެއްގައި ކަންކަން ވެގެންވާނެ ގޮތެއް ނޫން ކަމަށާއި އަދި އެކަމާ މެދު މުއައްސަސާތަކުން ވިސްނަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.

"މިއީ ގާނޫނުތަކެއްގެ މައްޗަށް އިންތިޒާމްވެގެން ހިނގާ ދައުލަތެއްގައި ހުރެގެންވާނެ ސިފައެއް ނޫންކަން އަދުލު އިންސާފު ގާއިމް ކުރުމުގައި މަސައްކަތްކުރާ ފަނޑިޔާރުންނާއި ވަކީލުންނާއި ފުލުހުންނާއި އަދި މިކަމުގައި ޝާމިލްވާ ހަމަ ކޮންމެ ފަރާތަކުން ވެސް ވިސްނަންޖެހޭ." ހުކުމުގައި ބުނެފައިވެ އެވެ.

ފަނޑިޔާރު މުހައްމަދު ނިޔާޒް ރިޔާސަތު ބެލެހެއްޓެވި ބެންޗުގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ މަފާޒް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލް ކުރުމަށެވެ. އަދި އޭނާ އަލުން ބަންދުކުރަން ދައުލަތުން ހަތް ދުވަސް ތެރޭގައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފިނަމަ އެކަމާ މެދު ގޮތެއް ނިންމަން އަމުރުކުރި އެވެ.

ފަނޑިޔާރު ނިޔާޒްގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އަހުމަދު ޝަކީލެވެ.