Roadha Mihaaru
ގުރުއާން އެންދުމުގެ ކަންބޮޑުވުން ޑެންމާކް ސަރުކާރަށް

ގުރުއާން އެންދުމުގެ ކަންބޮޑުވުން ޑެންމާކްގެ ޚާރިޖީ ވަޒީރަށް

03 އޯގަސްޓް 2023

މުސްލިމުން ރުޅިއަރުވައި އިހާނެތިކޮށް ހިތުމުގެ ގޮތުން ޑެންމާކްގައި ކީރިތި ގުރްއާން އެންދުން ކުށްވެރިކުރައްވައި، ސައޫދީ ޚާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރްހާން، ސައޫދީ އަރަބިއްޔާގެ ކަންބޮޑުވުންތައް ޑެންމާކްގެ ޚާރިޖީ ވަޒީރާ ހިއްސާ ކުރައްވައިފި އެވެ.

މުސްލިމުން ރުޅިއަރުވައި އިހާނެތިކޮށް ހިތުމުގެ ގޮތުން ޑެންމާކްގައި ކީރިތި ގުރްއާން އެންދުން ކުށްވެރިކުރައްވައި، ސައޫދީ ޚާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރްހާން، ސައޫދީ އަރަބިއްޔާގެ ކަންބޮޑުވުންތައް ޑެންމާކްގެ ޚާރިޖީ ވަޒީރާ ހިއްސާ ކުރައްވައިފި އެވެ.

މިދިޔަ އަންގާރަ ދުވަހު، ޑެންމާކްގެ ޚާރިޖީ ވަޒީރު ލާސް ލޫކާ ރަސްމުސޭން އަށް ފޯނުން ގުޅުއްވައި އަމީރު ފައިސަލް ވިދާޅުވީ، ކިތަންމެ ހުއްޖަތެއް ދައްކައިގެން ކީރިތި ގުރުއާން އެންދިކަމުގައި ވިޔަސް، ސައޫދީން އެކަން ބަލައިނުގަންނާނެ ކަމަށެވެ. އަދި ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތުމުގެ ގޮތުން ކުރާ ކިތަންމެ ކުޑަ ކަމެއް ވިޔަސް، އެކަމަކަށް ސައޫދީން ދެކޮޅު ހަދާނެ ކަމަށް ވެސް އަމީރު ފައިސަލް ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންގެ އިހުސާސްތަކަށް ގޯނާކުރުމުގެ ގޮތުން ހިންގާ އެފަދަ ހައްދުފަހަނައެޅި އަމަލުތައް ހުއްޓުވުމަށް ވެސް، ޑެންމާކްގެ ޚާރިޖީ ވަޒީރުގެ އަރިހުން އެދިވަޑައިގެންފަ އެވެ.

އަމީރު ފައިސަލް ވިދާޅުވި ގޮތުގައި ހައްދުފަހަނައެޅި މީހުން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ހިފަނީ، ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށެވެ. އެއީ އިސްލާމް ދީނަށް ފާޑުކިޔުމުގެ ގޮތުން އެކަނި ކުރާ ކަމެއް ނޫން ކަމަށާއި، އެކަން ކުރަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުން ރުޅިއެރުވުމުގެ ގޮތުން ކަމަށް ވެސް އަމީރު ފައިސަލް ވިދާޅުވި އެވެ.

"ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ހިންގާ މިފަދަ އަމަލުތަކުން ޑެންމާކްގެ ބައިނަލްއަގުވާމީ މަސްލަހަތަށް ވެސް އެއްވެސް މަންފާއެއް ނުކުރާނެ. އޭގެ ބަދަލުގައި އެފަދަ އަމަލުތަކުން ފައިދާ ލިބޭނީ ހައްދުފަހަނައެޅި މީހުންނަށް،" ޑެންމާކްގެ ޚާރިޖީ ވަޒީރަށް އަމީރު ފައިސަލް ދެންނެވި އެވެ.

އަމީރު ފައިސަލްގެ ކަންބޮޑުވުންތަކާ ބެހޭ ގޮތުން ޑެންމާކްގެ ޚާރިޖީ ވަޒީރު ވިދާޅުވީ ގުރްއާން އެންދުމުގެ އަމަލުތައް ޑެންމާކް ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ. އަދި މުސްލިމުން ރުޅިއެރުވުމަށް ހިންގާ އެފަދަ އަމަލުތަކާ މެދު ޑެންމާކް ސަރުކާރު ހިތާމަކުރާ ކަމަށާއި، މީގެ ކުރިން ވެސް އެފަދަ އަމަލުތަކަށް ސަރުކާރުން ދެކޮޅުހަދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އާދީއްތަ ދުވަހު ޑެންމާކް ސަރުކާރުން ބުނެފައިވަނީ ގުރްއާން އެންދުމުގެ އަމަލުތައް ހުއްޓުވުމުގެ ބާރު ސަރުކާރުގެ އިދާރާތަކަށް ލިބިދޭ ގާނޫނީ އޮނިގަނޑެއް އެކުލަވައިލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ގާނޫނީ ގޮތުން އެކަން ހުއްޓުވުމަށް މަސައްކަތް ކުރަނީ ސަރުކާރަށް ކުރިމަތިވާ ފިއްތުންތަކުގެ ސަބަބުން ނޫން ކަމަށާއި، ގައުމުގެ މަސްލަހަތު ހުރީ އެފަދަ އަމަލުތައް ހުއްޓުވައިގެން ކަމަށްވާތީ ކަމަށްވެސް ޑެންމާކް ސަރުކާރުން ބުންޏެވެ.