Roadha Mihaaru
ޖޫރިމަނާއާ ހެދި ޔާމީންގެ ކެންޑިޑެސީއަށް އިތުރު ހުރަހެއް

ޔާމީންގެ ކެންޑިޑެސީ: ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ އޮތުމުން އިތުރު މައްސަލައެއް!

04 އޯގަސްޓް 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ގެ ޖޫރިމަނާއެއް އޮތުމުން ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ އެމަނިކުފާނުގެ ގާނޫނީ ޝަރުތާ މެދު އިތުރު މައްސަލައެއް މިއަދު ފެންމަތިވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ގެ ޖޫރިމަނާއެއް އޮތުމުން ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ އެމަނިކުފާނުގެ ގާނޫނީ ޝަރުތާ މެދު އިތުރު މައްސަލައެއް މިއަދު ފެންމަތިވެއްޖެ އެވެ.

ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކްރިމިނަލް ކޯޓުން އިއްވި އެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތުތަކުގެ ތެރޭގައި އެއް އަހަރަށް ވުރެ ދިގު ހުކުމެއް ތަންފީޒު ކުރަމުން ނުދިއުމާއި ސާބިތު ދަރަންޏެއް އޮތްނަމަ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ގެންދިއުން ހިމެނެ އެވެ. އިލެކްޝަންސް ކޮމިޝަނުން ޔާމީންގެ ޝަރުތު ހަމަނުވާ ކަމަށް ނިންމީ އެ ދެ ސަބަބުގެ މައްޗަށް ބިނާކޮށެވެ.

ނަމަވެސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޖަލު ހުކުމުގެ ސަބަބުން ކުރިމަތިނުލެއްވޭނެ ކަމަށް ނިންމި ބައެވެ. ސާބިތު ދަރަންޏެއް އޮތް ކަމަށް ކޮމިޝަނުން ނިންމި ބައި އިސްތިއުނާފު ނުކުރާތީ، ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަނުން އެކަން ފާހަގަކުރި އެވެ.

ޔާމީންގެ ވަކީލުން ވިދާޅުވީ ކޮމިޝަނުން އެންމެ ފުރަތަމަ ދިން ލިޔުމުގައި ސާބިތު ދަރަނީގެ މައްސަލަ ފާހަގަކޮށްފައި ނެތް ކަމަށާއި އެކަން އޮތީ އޭގެ ފަހުން ކޮމިޝަނުން ދިން ލިޔުމެއްގައި ކަމަށެވެ. އަދި އެ ލިޔުން ލިބުނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ފަހުން ކަމަށް ވަކީލުން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ޖޫރިމަނާއަކީ ޖަލު ހުކުމާ އެކު އިއްވި އެ ހުކުމުގެ ބައެއް ކަމަށެވެ. އަދި ޖޫރިމަނާ ދައްކަން ކޯޓުން ދިން މުއްދަތު ހަމަނުވާ ކަމަށާއި އަދި ޖޫރިމަނާ ދައްކަން މީރާއިން ވެސް އެމަނިކުފާނަށް އަންގާފައިނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ސާބިތު ދަރަނީގެ މައްސަލާގައި ނިންމި ނިންމުން އިސްތިއުނާފް ކޮށްފައި ނުވާތީ މި މައްސަލާގެ ބޭނުމެއް އެބައޮތްތޯ ސުވާލު އުފެދޭ ކަމަށެވެ.

"އިސްތިއުނާފް މައްސަލަ ތި ފަރާތާ އެއްކޮޅަށް ނިންމާ ހާލަތުގައި ވެސް ޔާމީން އަބްދުލްގައްޔޫމްގެ ނަން ވޯޓު ކަރުދާސް ކޮޅުގައި އޮންނާނެތޯ. އިލެކްޝަންސް ކޮމިޝަނުން އެ ވިދާޅުވަނީ ޑިސްކޮލިފައިވާ ހާލަތެއް އެބައޮތޭ މި ނޫނަސް." ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވި އެވެ.

ޔާމީންގެ ވަކީލުން އެދިވަޑައިގަތީ ސާބިތު ދަރަންޏެއް އޮތް ކަމަށް ބުނެ ލިޔުމެއް ދިނީ ފަހުން ކަމަށްވާތީ، ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފް އިސްލާހު ކުރުމުގެ ފުރުސަތު ދިނުމަށެވެ. އެކަމާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށް ބެންޗުން ވިދާޅުވި އެވެ.