04 އޯގަސްޓް 2023
ދިވެހި ޕްރިމިއާ ލީގުގައި ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ވެލެންސިއާގެ މިޑްފީލްޑަރު އުމުރުން 15 އަހަރުގެ ޔޫސުފް އަޔާން އާމިރު (އާންބެ) މިއަދު ހަދައިފި އެވެ.
ދިވެހި ޕްރިމިއާ ލީގުގައި ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ވެލެންސިއާގެ މިޑްފީލްޑަރު އުމުރުން 15 އަހަރުގެ ޔޫސުފް އަޔާން އާމިރު (އާންބެ) މިއަދު ހަދައިފި އެވެ.
މިއަދު ގްރީން ސްޓްރީޓްސް އާ ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗު ނިމުނީ 1-1 އެއްވަރު ވެގެންނެވެ. މިއީ އުމުރުން ހަގު ސްކޮޑަކާ އެކު މިއަހަރުގެ ސީޒަނަށް ނުކުތް ވެލެންސިއާ ލީގުގައި އެޓީމު ކުޅުނު ހަތް މެޗުން ހޯދި ފުރަތަމަ ޕޮއިންޓެވެ.
އަޔާން އަށް ވެލެންސިއާގައި ކޯޗުކޮށް ދޭ އޭނާގެ ބޮޑުބޭބެ އިސްމާއީލް އާސިފް (ކުޑަ ހީނާ)، އަޔާން މެޗަށް ނެރުނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެ ޓީމަށް އަށް އޭނާ ނަތީޖާ ހަމަހަމަ ކޮށް ދިނީ މެޗުގެ 87 ވަނަ މިނިޓުގަ އެވެ. އަބްދުﷲ ޔާމީން (ޔާން) ޖައްސާލި ބޯޅަ ތިރިތިރިން، އަޔާން ގޯލަށް ފޮނުވާލީ ގްރީންގެ ދެ ޑިފެންޑަރުންނާއި ގޯލްކީޕަރަށް ވެސް ފުރުސަތެއް ނުދީ އެވެ.
"ހީނާ ގަސްދޮށުން" ނުކުތް މާ އުންމީދީ ތަރިއެއް https://t.co/YTu5OIMGBd
— Mihaaru (@Mihaarunews) September 3, 2022
އަޔާން މިއަދު ގޯލް ޖެހިއިރު އޭނާގެ އުމުރަކީ 15 އަހަރާއި ހަ މަހާއި 13 ދުވަހެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ 14 އަހަރުން ދަށުގެ ޔޫތު ލީގު ކާމިޔާބު ކުރި ވެލެންސިއާ ޓީމާއި މިއަހަރު 15 އަހަރުން ދަށުގެ އިންޓަ ސްކޫލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިސްކަންދަރު ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ.
އެކި އުމުރުފުރާގެ ގައުމީ ޓީމުތަކަށް ކުޅެފައިވާ އަޔާން ވަނީ މިދިޔަ އަހަރު 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެފަ އެވެ. ފުޓްބޯޅައިގެ އިތުރުން އޭނާ އަންނަނީ އެތުލެޓިކްސްގައި ވެސް ފާހަގަ ކޮށްލެވޭ ކާމިޔާބީތައް ހޯދަމުންނެވެ.
ގްރީން އިން މެޗުގައި ލީޑު ނެގީ 14 ވަނަ މިނިޓުގައި އޭރިއާ ބޭރުން ލިބުނު ހިލޭޖެހުމަކުން ޑިފެންޑަރު އިބްރާހިމް ހަސީބު، ވެލެންސިއާގެ ގޯލްކީޕަރު ބޯ މަތިން ފޮނުވާލި ބޯޅައިންނެވެ.
ދެހާސް ވަނަ އަހަރު ތައާރަފު ކުރި ދިވެހި ލީގުގެ ތާރީހުގައި، 2015 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގަށް ރީބްރޭންޑް ކުރި ފަހުން ވެސް 16 އަހަރުން ދަށުގެ ކުޅުންތެރިޔަކު މި ނޫނީ ލީގުގައި ލަނޑެއް ޖަހާފައެއް ނެތެވެ.
ވެލެންސިއާގެ ޒުވާން ސްކޮޑުން ވަނީ ގްރީން އާ ދެކޮޅަށް މެޗުގައި ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފަ އެވެ. އެގޮތުން 14 އަހަރުގެ އީތަން އިބްރާހިމް ޒަކީ އާއި މުހައްމަދު އިލާން އިމްރާނަށް ވެސް ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.
މެޗުގެ ދެވަނަ މިނިޓުގައި އީތަން އަށް ހުސްކޮށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ގޯލު މަތީ ކަނާ ދިމާލުން ބޭރަށް ދިޔައިރު، ޔާނު ފޮނުވާލި ހިލޭޖެހުން ގްރީންގެ ކީޕަރު އަހުމަދު ރަމީޒް ދިފާއު ކުރުމުން ލިބުނު ރީބައުންސް ބޯޅަ އީތަން ފޮނުވާލުމުން ވެސް ކީޕަރު ދިފާއު ކުރި އެވެ. އަދި ފަހު ހާފުގައި އިލާން ފޮނުވާލި ބާރު ހަމަލާ ވެސް ދިޔައީ ގޯލު އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލެންސިއާގެ އަހުމަދު ސިޒާން (ސިއްޕެ) އެވެ.
މި ސީޒަންގައި ވެލެންސިއާ ވަނީ ލީގުގައި އެޓީމަށް އޮތް ފުރަތަމަ ހަތް މެޗުގެ ތެރެއިން ހަ މެޗު ކުޅެފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު މާޒިޔާއާ ދެކޮޅަށް ކުޅެން އޮތް މެޗަށް އެޓީމަށް ކުޅުންތެރިން ހަމަ ނުކުރެވުނީ މާލޭގައި ހަލުވިކަމާ އެކު ފެތުރޭ ހުމުގެ ރޯގާގެ އަސަރު ސްކޮޑުގެ ކުޅުންތެރިންނަށް ކޮށްގެންނެވެ. ހަ މެޗުން ވެލެންސިއާ މިއަދު ފުރަތަމަ ގޯލު ކާމިޔާބު ކުރިއިރު، އެޓީމު ކޮޅަށް 14 ގޯލު ވަދެފައި ވެއެވެ.
ލީގުގެ ކުރިން އޮތް ޕްރެޒިޑެންޓްސް ކަޕްގައި ވެސް ވެލެންސިއާ ކުޅުނެވެ. މުބާރާތުގައި ކުޅުނު ދެ މެޗުން ވެލެންސިއާ އަށް ގޯލެއް ނުޖެހި، އެޓީމު ކޮޅަށް ޖުމްލަ ނުވަ ގޯލު ވަނީ ވަދެފަ އެވެ.
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
އިލާންއަށް ގޯލާއި އެސިސްޓްގެ ހަގު ކުޅުންތެރިޔާގެ ރެކޯޑް
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ވެލެންސިއާ ބަލިކޮށް ގްރީން ހަތަރުވަނަ އަށް
ވެލެންސިއާ އަތުން މާޒިޔާ އަށް މުހިންމު މޮޅެއް
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގުން ވަކިވިކަން ގްރީންއިން ރަސްމީކޮށް އަންގައިފި
ވެލެންސިއާ އާއި ގްރީން ލީގުގައި ވާދަނުކުރަން ނިންމައިފި