Roadha Mihaaru
އިލާންއަށް ގޯލާއި އެސިސްޓްގެ ހަގު ކުޅުންތެރިޔާގެ ރެކޯޑް

އިލާންގެ ރެކޯޑް؛ އެއްވަނަ ޑިވިޝަނުގައި ގޯލް ޖެހި އަދި އެސިސްޓް ކުރި އެންމެ ހަގު ކުޅުންތެރިޔާ

25 އޯގަސްޓް 2023

އުމުރުން 14 އަހަރުގެ ފޯވާޑް މުހައްމަދު އިލާން އިމްރާން ދިވެހި ޕްރިމިއާ ލީގުގައި ކާމިޔާބުކުރި ފުރަތަމަ ގޯލާ އެކު ކްލަބް ގްރީން ސްޓްރީޓްސްއާ 2-2 އިން އެއްވަރުކޮށް ކްލަބް ވެލެންސިއާ ލީގުގައި ދެވަނަ ޕޮއިންޓް ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އުމުރުން 14 އަހަރުގެ ފޯވާޑް މުހައްމަދު އިލާން އިމްރާން ދިވެހި ޕްރިމިއާ ލީގުގައި ކާމިޔާބުކުރި ފުރަތަމަ ގޯލާ އެކު ކްލަބް ގްރީން ސްޓްރީޓްސްއާ 2-2 އިން އެއްވަރުކޮށް ކްލަބް ވެލެންސިއާ ލީގުގައި ދެވަނަ ޕޮއިންޓް ހޯދައިފި އެވެ.

ގަލޮޅު ދަނޑުގައި މިރޭ އިލާން ޖެހި ގޯލާ އެކު އޭނާ ވެފައި ވަނީ ލީގުގައި ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައިފަ އެވެ. ގޯލު ޖެހިއިރު އިލާންގެ އުމުރަކީ 14 އަހަރާއި ހަތް މަހާއި ހަތް ދުވަހެވެ.

މީގެ ކުރިން ރެކޯޑް އޮންނަނީ އެންމެ ފަހުން ޔޫވީއާ ދެކޮޅަށް ކުޅުނު މެޗުގައި، ގޯލު ޖެހި އީތަން އިބްރާހިމް ޒަކީ އަތުގައި. އިލާންގެ އެހީތެރިކަމާއެކު އީތަން އެ ގޯލު ޖެހީ 14 އަހަރާއި ނުވަ މަހާއި ދެ ދުވަހުގަ އެވެ. އީތަން އަށް ގޯލު ޖަހަން އެހީވި މެޗުގައި، 14 އަހަރާއި ހަ މަހާއި 22 ދުވަހުގައި އިލާން ވަނީ ލީގުގައި ގޯލެއް އެސިސްޓް ކުރި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ވެސް ހަދައިފަ އެވެ.

ލީގު ތާރީހުގައި ވެސް އެންމެ ޒުވާން ސްކޮޑާ އެކު ކުޅޭ ވެލެންސިއާ، ލީގުގައި ގްރީންއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އެއީ ވެލެންސިއާ މި އަހަރުގެ ސީޒަންގައި ޖެހި ފުރަތަމަ ގޯލެވެ. އަދި ލީގުގައި ހޯދި ފުރަތަމަ ޕޮއިންޓް ވެސް މެއެވެ. އެ މެޗުގައި ވެސް ވެލެންސިއާ އަށް އެއްވަރު ކޮށްދިން ގޯލު ޖެހި ކުލުންތެރިޔާ ހެދީ ރެކޯޑެކެވެ.

ބެންޗުން އަރައި އުމުރުން 15 އަހަރާއި ހަ މަހާއި 13 ދުވަހުގައި ވެލެންސިއާ އަށް އެއްވަރު ކޮށްދިން ގޯލު ޖަހައިގެން އެ މެޗުގައި ޔޫސުފް އަޔާން އާމިރު (އާންބެ) މުގުރާލީ ރާއްޖޭގެ ލެޖެންޑް އަލީ އަޝްފާގު (ދަގަނޑޭ) އުމުރުން 16 އަހަރާއި ނުވަ މަހާއި ދެ ދުވަހުގައި ލަނޑު ޖަހައިގެން އޭނާ އަތުގައި 20 އަހަރު ވަންދެން އޮތް ރެކޯޑެކެވެ.

މިރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ހޯދީ ވެސް ވެެންސިއާ އެވެ. މެޗުގެ 11 ވަނަ މިނިޓުގައި އަމިއްލަ ހާފުގައި ހުރެ ފޮނުވާލި ބޯޅައެއް ގްރީންގެ ކީޕަރު އަހުމަދު ރަމީޒް ބޯ މަތިން ގޯލަށް ފޮނުވާލައިގެން މި ގޯލު ކާމިޔާބު ކޮށްދިނީ ކެޕްޓަން ހަސަން ސުފިޔާން (ސޫފީ) އެވެ.

ވެލެންސިއާ ލީޑު ނަގާފައި ވަނިކޮށް ގްރީން އިން ވަނީ ގާތްގާތުގައި ދެ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. އެއްވަރުކުރީ 18 ވަނަ މިނިޓުގައި ކެޕްޓަން އަންސަރު އިބްރާހިމް ސީދާ ކޯނަރުން ފޮނުވާލި ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ. އަދި ލީޑު ނެގީ ރަސްލާން އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ވެލެންސިއާގެ ކީޕަރު އަތުގައި ޖެހިފައި ގޯލަށް ވަން ބޯޅައިންނެވެ.

ވެލެންސިއާ ނަތީޖާ އެއްވަރުކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީންނެވެ. މިއީ އެޓީމުގެ އަބްދުﷲ ޔާމީން (ޔާނު) އަށް ފައުލް ކުރުމުން ދިން ޕެނަލްޓީއެކެވެ.

ދެވަނަ ހާފުގައި ގްރީން ވަނީ ނަތީޖާ އަނބުރާލަން ގިނަ ހަމަލާތަކެއް ގޯލަށް ފޮނުވާލައިފަ އެވެ. ނަމަވެސް ވެލެންސިއާގެ ޒުވާން ކީޕަރު އަބްދުﷲ ރަޒީފް ވަނީ މޮޅު ސޭވްތަކެއް ކޮށްފަ އެވެ.