Roadha Mihaaru
ހޫނު ބަހުސްތަކަށްފަހު ޔާމީންގެ މައްސަލަ ހުކުމާ ހިސާބަށް

ހޫނު ބަހުސްތަކަށް ފަހު ޔާމީންގެ ކެންޑިޑެސީގެ މައްސަލަ ހުކުމާ ހިސާބަށް

04 އޯގަސްޓް 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލާގައި ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގެ އަޑުއެހުން އެ ކޯޓުން މިރޭ ނިންމާލައި، ހުކުމަށް ތައްޔާރުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލާގައި ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގެ އަޑުއެހުން އެ ކޯޓުން މިރޭ ނިންމާލައި، ހުކުމަށް ތައްޔާރުވެއްޖެ އެވެ.

ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ސަބަބުން، އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެއްވުމުގެ ފުރުސަތު ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޔާމީންގެ ފަރާތްޕުޅުންނެވެ.

ޔާމީންގެ ފަރާތްޕުޅުން މައިގަނޑު ގޮތެއްގައި ފާހަގަކުރީ އެ މަނިކުފާނުގެ ޖަލު ހުކުމް އިސްތިއުނާފް މަރުހަލާގައި އޮތުމުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބެންޖެހޭނެ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އިސްތިއުނާފް ނުނިމި އޮތަސް ހުކުމް ދެމި އޮތްހާ ހިނދަކު ވާދަ ނުކުރެވޭނެ ކަމަށެވެ.

އެ މައްސަލާގެ ތެރެއަށް ތަދައްހުލްވި އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް ބުނީ އެގޮތަށެވެ. އެކަމަކު އަނެއްކޮޅުން މައްސަލައަށް ތަދައްހުލްވި ޕީޕީއެމްއިން އެދުނީ ޔާމީންގެ ކެންޑިޑެސީ ބަލައިގަނެވޭނެ ކަމަށް ނިންމުމަށެވެ.

ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާނަމަ އާ ކެންޑިޑޭޓަކު ޕީޕީއެމްގެ ފަރާތުން ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ އަމުރެއް ނެރުމަށް އެ ޕާޓީން އެދުނެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނީ އެގޮތަށް އަމުރެއް ނެރެފިނަމަ އެތައް އިންތިހާބު ފަސްކުރަންޖެހޭ ހާލަތެއް ދިމާވެދާނެ ކަމަށެވެ.

މިއަދު ހަވީރުން ފެށިގެން މިރޭ 11:30 އާ ހަމައަށް ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް ދެ ފަރާތަށް ވެސް އަމާޒުވި އެވެ.

އަޑުއެހުން ނިންމާލައްވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ އެ މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އަދި އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.

އެ މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.