Roadha Mihaaru
ކުއްލިއަކަށް ނަޝީދުގެ ފޯކަސް ޔާމީން މިނިވަންކުރުމަށް!

ކުއްލި ގޮތަކަށް ނަޝީދުގެ ހުރިހާ ފޯކަސްއެއް ޔާމީން މިނިވަންކުރަން

09 އޯގަސްޓް 2023

ރިޝްވަތު ގަބޫލު ކުރުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރަށް ޖަލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް މިދިޔަ ދުވަސްތަކުގައި އެއްވެސް ވަރަކަށް މަސައްކަތް ނުކުރައްވައި ހުންނެވުމަށް ފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހުރިހާ ފޯކަސްއެއް ކުއްލި ގޮތަކަށް ޔާމީން މިނިވަން ކުރުމާ ގުޅޭ ކަންކަމަށް ބަދަލު ކުރައްވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރިޝްވަތު ގަބޫލު ކުރުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރަށް ޖަލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް މިދިޔަ ދުވަސްތަކުގައި އެއްވެސް ވަރަކަށް މަސައްކަތް ނުކުރައްވައި ހުންނެވުމަށް ފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހުރިހާ ފޯކަސްއެއް ކުއްލި ގޮތަކަށް ޔާމީން މިނިވަން ކުރުމާ ގުޅޭ ކަންކަމަށް ބަދަލު ކުރައްވައިފި އެވެ.

އެކަން އިއުލާން ކުރެއްވީ ޑިމޮކްރެޓްސް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ ކެމްޕެއިން ޖަލްސާގައި ފުވައްމުލަކުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ޔާމީން ގެއަށް ބަދަލުކުރަން ނުވަތަ މިނިވަންކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށް އަޑަށް ބާރު ލައްވާފައި ނަޝީދު ރޭ ވިދާޅުވިއިރު، އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުން ޔާމީަނށް ވަނީ އެއްކޮށް ފުރުސަތު ބަންދުވެފަ އެވެ. ޔާމީންގެ ގާނޫނީ ޝަރުތު ހަމަ ނުވާތީ އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ހުކުމް ކުރިއިރު ވެސް ނަޝީދު ހުންނެވީ ހިމޭނުންނެވެ. ޔާމީނާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ހައްގުގައި ރެއާ ހަމައަށް ވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

ނަމަވެސް ނަޝީދުގެ ފުވައްމުލަކުގެ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ރޭ ވިދާޅުވީ، އެމްއެމްޕީއާރުސީގެ ވައްކަމުގައި 200 އަށް ވުރެ ގިނަ މީހުން ހިމެނޭއިރު އެންމެ ބޭފުޅަކު ހިފައި ހައްޔަރުކޮށް، ފަސް އަހަރު ވުމުން އެއީ އިންސާފު ކަމަކަށް ބަލައެއް ނުގަނެވޭނެ ކަމަށެވެ.

"ރައީސް ޔާމިން ހަމަ މިހާރު ޖެހޭނީ ދޫކޮށްލާން، އިރާދަކުރެއްވިއްޔާ ދެން ޔާމީން މާ ގިނަ ދުވަހަކު ޖަލުގައި ނުހުންނާނެ،" ޔާމީން ދޫކޮށްލަން ހަރު އަޑުން ގޮވަމުން ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އެ ޕާޓީ ދޫކުރައްވައި ޑިމޮކްރެޓްސް ޕާޓީ އުފެއްދެވި ނަޝީދު ވިދާޅުވި ގޮތުގައި ޖަލުން މީހުން ނެރޭނެ ގޮތް އެނގިވަޑައިގަންނަވަ އެވެ. އެއީ އެމްޑީޕީގައި އުޅުއްވިއިރުގައި ފައްކާ ކޮށްފައި އޮތް ނިޒާމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ރަހުމަތްތެރި ޕީޕީއެމް މެންބަރުންނަށް ޔަގީންކޮށް އަރުވަން. އަޅުގަނޑުމެން އިހުތިޖާޖުގައި ވެސް ބައިވެރިވާނަން. ބައިނަލްއަގްވާމީ ފަރާތްތަކާ އެކުގައި ވާހަކަ ދައްކަން ވެސް ދާނެ. އެކިއެކި ބައިނަލްއަގްވާމީ ވަކީލުން ރާއްޖެ އައިސް ވަކާލާތު ވެސް ކުރައްވާނެ،" ޔާމީންގެ ވެރިކަމުގައި ނަޝީދު ޖަލަށް ލުމުން މިނިވަންވުމަށްޓަކައި ދުނިޔޭގެ މަޝްހޫރު ބައެއް ވަކީލުން ގެންނެވި ގެންނެވުމަށް އިޝާރާތް ކުރައްވައި އެ މަނިކުފާނު ވިދާޅުވި އެވެ.

"ރައީސް ޔާމީން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޖަލުން ނެރޭނެ."

ނަޝީދު އެހެން ވިދާޅުވިއިރު، ޔާމީން ހައްޔަރުކޮށްފައިވާ މައްސަލާގައި ޕީޕީއެމުން ވަނީ ބޭރުގެ އެކި ފަރާތްތަކާ ބައްދަލުކޮށްފަ އެވެ. އެކަމަށް އެ ފަރާތްތަކުން އެކަށީގެންވާ ގޮތެއްގައި ސަމާލުކަން ނުދޭ ކަމުގެ ކަންބޮޑުވުން އެ ޕާޓީން ފާޅުކުރާތާ ވެސް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

ރޭގެ ޖަލްސާގައި ޔާމީން މިނިވަން ކުރުމުގެ ވާހަކަ ނަޝީދު ދެއްކެވިއިރު މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް އިން ޕީޕީއެމާ އެކު ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން އެ މަނިކުފާނު ގެންގުޅުއްވަ އެވެ. އެ ޕާޓީ އާއި ޕީޕީއެމްގެ ދިދަތައް އެކުގައި ވިހުރެވޭ ވީޑިއޯއަކާ އެކު އިއްޔެ ޓްވީޓެއް ވެސް ކުރެއްވި އެވެ. އިންތިހާބުގެ ދެވަނަ ބުރެއްގައި ދާން ބޭނުން ވަނީ ޕީޕީއެމާ އެކު ކަމަށް ވެސް ރޭ ނަޝީދު ވަނީ އިއުލާން ކުރައްވައިފަ އެވެ.

"ދެވަނަ ބުރެއްގައި ޑިމޮކްރެޓުން އެމްޑީޕީ އަށް ވޯޓު ދޭންޖެހޭ ގޮތެއް އެ ބުރުގެ ކަންތައް ތިޔަ ބޭފުޅުން ނުބާއްވަވާތި. މިއަދު ޕީޕީއެމް އަށް އެކަން އެ ގޮތަށް ކޮށްދެވެން އެބަ އޮތް. ތިޔަ ބޭފުޅުންގެ ތާއިދު ވެސް ބޮޑު. މެންބަރުންގެ އަދަދު ވެސް ގިނަ. މަގުބޫލުކަން ވެސް މި ރާއްޖޭގައި މިއަދު އެބަ އޮތް،" މުޅި ރާއްޖޭގައި ޕީޕީއެމަށް އޮތް ބޮޑު ތާއީދާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވި އެވެ.

"މިއަދު މި ރާއްޖެއަށް ހެޔޮ ގޮތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ރާއްޖޭގެ ވެރިކަމުގައި ނުހުރުން، މި ވެރިކަން ބަދަލުވެގެން ދިޔުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ޕީޕީއެމަކީ ރާއްޖޭގައި ދެވަނަ އަށް އެންމެ މެމްބަރުން ގިނަ ޕާޓީ އެވެ.

ޔާމީން މިވަގުތު ބަންދުގައި ހުރިއިރު އެ މަނިކުފާނުގެ މައްޗަށް އޮތް 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުމުގެ އަމުރަކަށް ހައި ކޯޓުގައި މިހާރު ވަނީ އެދިފަ އެވެ. އެ މައްސަލާގެ އަޑުއެހުމެއް މާދަމާއަށް ހައި ކޯޓުން ވަނީ ތާވަލުކޮށްފަ އެވެ.

ރިޔާސީ އިންތިހާބުން ޔާމީނަށް ފުރުސަތު އެއްކޮށް ބަންދުވުމުން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ނެރުނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. އޭނާގެ ވެސް ހުރިހާ އަމާޒެއް ހުރީ ޔާމީން ޖަލުން މިނިވަންކޮށް ގެ އަށް ބަދަލުކުރުމަށެވެ. އެހެންވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގުޅުއްވައި އެކަމަށް އާދޭސް ދަންނަވާފައިވާ ކަމަށް މުއިއްޒު ރޭ ވިދާޅުވި އެވެ.