Roadha Mihaaru
އަހަރެންގެ ބޭންކް: ބީއެމްއެލް އިން ދިވެހިންނާ ގާތަށް

އަހަރެންގެ ބޭންކް: މަޝްރޫއަކަށް ދޭ ދެ ލައްކަ ރުފިޔާއާ އެކު ބީއެމްއެލް އިން ދިވެހިންނާ ގާތަށް

31 ޖެނުއަރީ 2017

ދެމެހެއްޓެނި މަޝްރޫއަކަށް ދެ ލައްކަ ރުފިޔާ ދިނުމާ އެކު، މުޖުތަމައު އަށް އެކި ގޮތް ގޮތުން އެހީތެރިވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "އަހަރެންގެ ބޭންކް"ގެ ނަމުގައި ހާއްސަ ކެމްޕޭނެއް މިރޭ ފަށައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ދެމެހެއްޓެނި މަޝްރޫއަކަށް ދެ ލައްކަ ރުފިޔާ ދިނުމާ އެކު، މުޖުތަމައު އަށް އެކި ގޮތް ގޮތުން އެހީތެރިވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "އަހަރެންގެ ބޭންކް"ގެ ނަމުގައި ހާއްސަ ކެމްޕޭނެއް މިރޭ ފަށައިފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ހަފުލާއެއްގައި، ބީއެމްއެލްގެ މި ކޮމިއުނިޓީ ކެމްޕޭން ފައްޓަވައިދެއްވީ އެ ބޭންކުގެ ޗެއާޕާސަން ފަރީހާ ޝަރީފާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ އެވެ.

"އަހަރެންގެ ބޭންކް" ކެމްޕޭން، ބީއެމްއެލްގެ ޗެއާޕާސަން ފަރީހާ (ކ) އާއި ސީއީއޯ އެންޑްރޫ (ވ) މިރޭ ފައްޓަވައިދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަހަރެންގެ ބޭންކް" ކެމްޕޭން، ބީއެމްއެލްގެ ޗެއާޕާސަން ފަރީހާ (ކ) އާއި ސީއީއޯ އެންޑްރޫ (ވ) މިރޭ ފައްޓަވައިދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ބޭންކުން ފޯރުކޮށް ދޭ އާއްމުންނާ ގުޅުންހުރި ހިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުމާއި އެ ކަންކަމުން މުޖުތަމައު އަށް ކުރާ ފައިދާތައް ކިޔައިދިނުމެވެ. ބޭންކާއި އާއްމުންނާ އޮންނަ ގުޅުން ބަދަހި ކުރަން ހިންގާ މި ކެމްޕޭނުގެ ދަށުން އަންނަ މަހުގެ ކޮންމެ ދުވަހަކު ވެސް އާއްމުންނާ ގުޅުންހުރި ހަރަކާތެއް ހިންގަން ވަނީ ނިންމައިފަ އެވެ.

މިރޭގެ ހަފުލާގައި، ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ވިދާޅުވި ގޮތުގައި މި ކެމްޕޭން މެދުވެރިކޮށް، ބީއެމްއެލްގެ ތަސައްވުރާއި އެ ބޭންކުން ހާސިލު ކުރަން ބޭނުންވާ ކަންކަމުން މުޖުތަމައު އަށް ކުރާނެ ފައިދާތައް އާއްމުންނަށް އަންގައިދެވޭނެ އެވެ. އޭގެ ބޭނުމަކީ، އޭނާ ވިދާޅުވި ގޮތުގައި، ބީއެމްއެލް އަކީ ހީވާގިކަމާ އެކު މަސައްކަތް ކުރާ އަދި ކަސްޓަމަރުން ބޭނުންވާ ކަންކަން ފުއްދައި ދީ، ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރަން މަސައްކަތް ކުރާނެ ބޭންކެއްކަން ސާބިތުކޮށްދިނުމެވެ.

"ދަރިންނަށް ތައުލީމު ފޯރުކޮށްދޭން ޖެހުނަސް، ތިޔަ ބޭފުޅުން ގެއެއް ގަންނަން ބޭނުންވިޔަސް އަދި ތިޔަ ބޭފުޅުން ވިޔަފާރިއެއް ފެށުމަށް ބޭނުންވި ކަމަށް ވިޔަސް މި ބޭންކް ވަނީ ތިޔަ ބޭފުޅުންނާ އެކުގައި،" ބޭންކުގެ ބައެއް ކަސްޓަމަރުންނާއި ރާއްޖޭގެ ގިނަ އަދަދެއްގެ ޖަމިއްޔާތަކެއްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތް ހަފުލާގައި އެންޑްރޫ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެކެން ބޭނުން ވަނީ ދެވަނައެއް ނުވާ މި ދިވެހި ބޭންކަކީ ތިޔަ ބޭފުޅުންގެ ބޭންކުގެ ގޮތުގައި ބަލައިގަތުމަށް."

"އަހަރެންގެ ބޭންކް" ކެމްޕޭން އިފްތިތާހު ކުރަން މިރޭ ބޭއްވި ހަފުލާގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަހަރެންގެ ބޭންކް" ކެމްޕޭން އިފްތިތާހު ކުރަން މިރޭ ބޭއްވި ހަފުލާގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަޝްރޫއަކަށް ދެ ލައްކަ ރުފިޔާ

"އަހަރެންގެ ބޭންކް" ކެމްޕޭނުގެ އެންމެ ހާއްސަ ބަޔަކީ، ދެމެހެއްޓެނިވި މަޝްރޫއަކަށް ދެ ލައްކަ ރުފިޔާ ހުށަހަޅައިގެން ކުރިއަށް ގެންދާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ޕްރޮޖެކްޓް" ޕްރޮގްރާމެވެ. އެ ގޮތުން، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު، ލިބޭ ހުށަހެޅުންތަކަށް ބެލުމަށް ފަހު އެންމެ ރަނގަޅު އަދި މުޖުތަމައު އަށް އެންމެ ފައިދާ ކުރާނެ މަޝްރޫއަކަށް ދެ ލައްކަ ރުފިޔާ ދޭން ވަނީ ނިންމައިފަ އެވެ.

އެންޑްރޫ މިރޭ ވިދާޅުވީ މުޖުތަމައުގެ ތަރައްގީ އަށް ބީއެމްއެލް އިން އަބަދު ވެސް އިންވެސްޓް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން، މިދިޔަ ދެ އަހަރުގެ ތެރޭގައި އަހަރަކު 150 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށާއި މި އަހަރު އެ އަދަދު ދެ ގުނަކޮށް، 300 މިލިއަން ރުފިޔާ އަށް އިތުރުކުރަން ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ހިލޭ ސާބަހަށް ކުރާ މަސައްކަތަށާއި ތައުލީމީ ކަންކަމަށާއި ކުޅިވަރުގެ ހަރަކާތްތަކަށް އަދި ތިމާވެށި ރައްކާތެރިކުރުން ފަދަ ކަންކަމަށް ކުރާ ހޭދަ ވެސް ދެގުނަކޮށް، މުޅިން އަލަށް 10 ސީއެސްއާރު މަޝްރޫއު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި އަހަރު ހިންގަން ރާވާފައިވާ ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ.

"ބީއެމްއެލް ވަނީ 270،000 ކަސްޓަމަރުންނާ އެކު، މިހާރު ވެސް ރާއްޖޭގެ ކޮންމެ އާއިލާއެއްގެ ދިރިއުޅުމާ ގުޅިލާމެހިފައި،" އޭނާ ވިދާޅުވި އެވެ.

"އަހަރެންގެ ބޭންކް" ކެމްޕޭން އިފްތިތާހު ކުރަން މިރޭ ބޭއްވި ހަފުލާގައި އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަހަރެންގެ ބޭންކް" ކެމްޕޭން އިފްތިތާހު ކުރަން މިރޭ ބޭއްވި ހަފުލާގައި އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބީއެމްއެލްގެ ހިދުމަތްތައް ފުޅާކުރަން މި އަހަރު ހިންގާ 300 މިލިއަން ރުފިޔާގެ މަޝްރޫއުގެ ދަށުން، 22 ރަށަކަށް ހިދުމަތް ފުޅާކުރަން ރަށްރަށުގައި އާ ހަތް ބްރާންޗާއި ހަތަރު ވިޔަފާރި މަރުކަޒާއި މާލޭގައި ކަސްޓަމަ ސާވިސް ސެންޓަރަކާއި އައްޑޫގައި ކޯލް ސެންޓަރެއް ގާއިމްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު 20 އޭޓީއެމް ބަހައްޓަން ވަނީ ނިންމައިފަ އެވެ. އަދި 150 އާ ވަޒީފާ އުފައްދައި ބީއެމްއެލްގެ މުވައްޒަފުންގެ އަދަދު 850 އިން 1،000 އަށް އިތުރު ކުރަން ވެސް ވަނީ ހަމަޖައްސައިފަ އެވެ. އެ އާ ވަޒީފާތަކުގެ ތެރޭން ދެ ބައިކުޅަ އެއް ބައި (75 ވަޒީފާ) ރަށްރަށަށް ހާއްސަކޮށްފައި ވާއިރު، ބާކީ ބައި ހުޅުވާލަނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށް މާލެ ސަރަހައްދަށެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން އަންނަނީ މިހާރު ވެސް އާ ބްރާންޗުތަކާއި ސެލްފް ސާވިސް އޭޓީއެމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށް، ބޭންކުގެ ހިދުމަތް ފުޅާ ކުރަމުންނެވެ. އެ ގޮތުން، މިހާތަނަށް ވަނީ 20 އަތޮޅުގައި 31 ބްރާންޗާއި 78 އޭޓީއެމް އާއި 4،000 ޕީއޯއެސް މާޗަންޓުންނާއި 190 ކޭޝް އެޖެންޓުންނާއި 19 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓް ގާއިމްކޮށްފަ އެވެ.