Roadha Mihaaru
މާލެއަށް ދިޔަވަރު ބޮޑުވާނީ މެންދުރުފަހު ތިނެއްގެ ފަހުން

މިއަދު ވެސް އުދަ އަރާނެ، މާލެއަށް ދިޔަވަރު އެންމެ ބޮޑުވާނީ މެންދުރުފަހު ތިނެއްގެ ފަހުން

06 އޯގަސްޓް 2023

ކުރިއަށް އޮތް 24ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކޮށް، އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި މާލެއަށް ދިޔަވަރު އެންމެ ބޮޑުވާނީ މެންދުރު ފަހު ތިނެއްގެ ފަހުން ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރިއަށް އޮތް 24ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކޮށް، އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި މާލެއަށް ދިޔަވަރު އެންމެ ބޮޑުވާނީ މެންދުރު ފަހު ތިނެއްގެ ފަހުން ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިއަދު އެންމެ ބޮޑަށް ވިއްސާރަކުރާނީ މެދު ރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ކަމަށެވެ. އަދި ބައެއް ރަށްރަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އެރުމުގެ ފުރުސަތު އެބައޮތެވެ. މިއަދު ދިޔަވަރު އެންމެ ބޮޑު ވާނީ މެންދުރު ފަހު 2:00 އިން ފެށިގެން ހަވީރު 5:00 އާ ދެމެދުގަ އެވެ. އެއީ 2-3 ފޫޓަށެވެ.

ސިނަމާލެ ބްރިޖާއި ހައިވޭއަށް އުދައިގައި އެރި ގާތައް ނަގައި އެ ސަރަހައްދު ސާފުކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސިނަމާލެ ބްރިޖާއި ހައިވޭއަށް އުދައިގައި އެރި ގާތައް ނަގައި އެ ސަރަހައްދު ސާފުކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މާލެއަށް މިއަދު ދިޔަވަރު އެންމެ ބޮޑުވާނީ މެންދުރު ފަހު 3:46 ގަ އެވެ. އެ ގަޑީގައި ދިޔަވަރު ހުންނާނީ 2.5 ފޫޓުގަ އެވެ. އިއްޔެ މާލެ ސަރަހައްދުގެ ދިޔަވަރު 2.7 ފޫޓަށް އުފުލުނެވެ. އެހެންވެ، މާލެއަށް ވަރަށް ބޮޑަށް އުދަ އަރައި، ތަކެއްޗާއި މީހުންނަށް ވެސް އެކި ވަރުގެ ގެއްލުން ލިބުނެވެ.

މިއަދު އުތުރުގެ ރަށްތަކުގެ ދިޔަވަރު 2.9 ފޫޓަށް އަދި ދެކުނުގެ ރަށްތަކުގެ ދިޔަވަރު 3 ފޫޓަށް އުފުލޭނެ ކަމަށް ވެސް މެޓުން ލަފާކުރެ އެވެ.

"އިއްޔެއަށް ވުރެ ދިޔަވަރު ކުޑަވާނެ ކަމަށް ލަފާކުރެވޭ. ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު،" މެޓްގެ އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގެ ދިޔަވަރު މިއަދާއި މާދަމާ ހުންނާނެ ވަރު | މައުލޫމާތު: މެޓް އޮފީސް

ރާއްޖޭގެ ދިޔަވަރު މިއަދާއި މާދަމާ ހުންނާނެ ވަރު | މައުލޫމާތު: މެޓް އޮފީސް

ގެއްލުން ބޮޑުވީ އާދަޔާ ހިލާފަށް ރާޅު ބޮޑުވެގެން

އޮފިޝަލް ވިދާޅުވި ގޮތުގައި، ދިޔަވަރު ހުރި ވަރަށް ބަލާ ނަމަ، އިއްޔެ މާލެއަށް އެރި އުދައިގައި އާދަޔާ ހިލާފު ކަމެއް ފާހަގަކުރެވިފައެއް ނެތެވެ. ކުރިން ވެސް ދިޔަވަރު ބޮޑުވާ ދުވަސްވަރު އެ ވަރަށް ދިޔަވަރު އުފުލެ އެވެ. ނަމަވެސް، އިއްޔެ އާދަޔާ ހިލާފަށް ރާޅު ބޮޑުވެ، ލިބުނު ގެއްލުން ބޮޑުވީ އެވެ.

މިއަދު ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 3-6 އާ ދެމެދުގަ އެވެ. އިއްޔެ ހުރީ 6-8 އާ ދެމެދުގަ އެވެ.

އެންޑީއެމްއޭ އިން އިލްތިމާސްކުރި ކަންކަން

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ.

• އުދަ އަރައިގެން ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން.

• ގެއަށް ފެން ނުވަންނާނެ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން.

• ގޭތެރޭގައި ފެން ބޮޑުވެއްޖެ ނަމަ، ގެއްލުންވެދާނެ މުދާތައް އުސްތަނަކަށް ބަދަލުކުރުން.

• ބަނދަރު ކައިރީ އެއްގަމު އުޅަނދު ޕާކުނުކުރުން.

• ބަނދަރުގައި އަޅާފައިވާ ދޯނިތަކުގެ ވާ ކަނޑައިގެން ނުދާނެ ގޮތަށް އެއްސުން.

• ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބްރިޖުން ދަތުރުކުރާ މީހުން ސަމާލުވުން.

• ސިއްހީ މައްސަލަތަކުން ސަލާމަތްވުމުގެ ގޮތުން އުދައާ އެކު ރަށުތެރެއަށް ފެތުރޭ ކުނިބުނި އަވަހަށް ސާފުކުރުމަށް ސަމާލުވުން.