Roadha Mihaaru
ފާރިސްގެ ކެންޑިޑެސީ ހުށަހަޅައިފި

ފާރިސްގެ ކެންޑިޑެސީ ފޯމު ހުށަހަޅައިފި

07 އޯގަސްޓް 2023

ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅުއްވައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅުއްވައިފި އެވެ.

އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ ފާރިސްގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަދި ޑަބްލިއުއެޗްއޯގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ޑރ. އަބްދުއްސައްތާރު ޔޫސުފެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ފާރިސް އެންމެ ފުރަތަމަ ނިންމެވީ އެމްއާރުއެމްގެ ޓިކެޓުގައި ވާދަ ކުރެއްވުމަށެވެ. ނަމަވެސް ގާނޫނުގައި ބުނާ އަދަދު 3،000 މެމްބަރުން ހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އެމްއާރުއެމް އުވާލަން ނިންމައިފަ އެވެ. އެކަމަކު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ޕާޓީ އުވާލުމުގެ އެއްވެސް ކަމެއް ނުކުރަން އޮތީ އީސީގެ މައްޗަށް އޮތީ އަމުރުކޮށްފަ އެވެ. އެ ނިންމުން މުރާޖައާ ކުރަން އެ ކޮމިޝަނަށް ހުށަހެޅުމުން ވެސް ނިމުނީ ކޮމިޝަނާ ދެކޮޅަށެވެ.

ރިޔާސީ ރޭހަށް ނުކުންނެވިކަން އިއްޔެ އިއުލާނުކުރައްވައި ފާރިސް ވިދާޅުވީ އިންތިހާބުގައި އަމިއްލަގޮތުން ވާދަ ކުރައްވަން ނިންމެވީ ރައްޔިތުން އެދޭ ގޮތުގެ މަތިން ރާއްޖޭގެ ކަންކަން އިސްލާހު ކުރުމުގެ މާތް މަގުސަދުގައި ކަމަށެވެ.

އަމިއްލަ ގޮތުން އިންތިހާބަށް ވާދަކުރައްވާ ނަމަ 1،500 ސޮޔާއި 100،000ރ. އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ. އެއީ އަނބުރާ ލިބޭ ފައިސާއެއް ނޫނެވެ.

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާގެ މެމްބަރު ކަން ކުރެއްވި ފާރިސް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލައިގެން ހަ މަހަށް ވުރެ ގިނަ ދުވަސް ޖަލުގައި ހޭދަކުރައްވައިފަ އެވެ.

އޭނާ އަކީ ޔާމީންގެ ސަރުކާރާ ދެކޮޅަށް ތެދުވި ކޯލިޝަންގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އޭނާ ޖަލުން މިނިވަންވެފައިވަނީ 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އެވެ.

އޭގެފަހުން، 19 ވަނަ މަޖިލިސް އިންތިޚާބުގައި މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވައި، ނާކާމިޔާބުވެ ވަޑައިގެންނެވި ފަހުން ސިޔާސީ ކަންކަމުން ފާރިސް ފެނިފައެއް ނުވެ އެވެ.

އިންތިޚާބަށް ކުރިމަތިލުމުގެ ވަގުތު މިއަދު މެންދުރު 2:00 އަށް ހަމަވާއިރު، މިހާތަނަށް 8 ބޭފުޅަކު ވަނީ ވާދަކުރެއްވުމުގެ ފޯމު ހުށަހަޅުއްވައިފަ އެވެ.

އޭގެތެރެއިން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ފަރާތުން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ ކެންޑިޑެސީ އީސީން ވަނީ ބަލައިގެންފަ އެވެ.

ފާރިސްގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ޑިފެންސް މިނިސްޓްރީގެ ކުރީގެ ނައިބުގެ މަގާމު އަދާކުރައްވަމުން ގެންދެވި މއ. މާވެޔޮވިލާ ހަސަން ޒަމީލް މިއަދު ވަނީ ފޯމު ހުށަހަޅުއްވައިފަ އެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިންތިޚާބު ބޮއިކޮޓު ކުރަން ޔާމީން އެދިވަޑައިގަންނަވާފައިވީ ނަމަވެސް، ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ މިއަދު ހެނދުނު ވަނީ ހުށަހަޅުއްވައިފަ އެވެ.