Roadha Mihaaru
ފާރިސް އަނެއްކާ ވެސް މައްޗަންގޮޅި އުތުރު ދާއިރާއަށް

ފާރިސް އަނެއްކާ ވެސް މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރައްވަނީ

17 އޮކްޓޯބަރ 2023

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާއަށް ފާރިސް މައުމޫން ވާދަކުރައްވަން އަނެއްކާ ވެސް ނިންމަވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާއަށް ފާރިސް މައުމޫން ވާދަކުރައްވަން އަނެއްކާ ވެސް ނިންމަވައިފި އެވެ.

އެކްސްގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމު އިސްލާހު ކުރުމުގެ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ މުހިއްމުކަން ބޮޑު ކަމަށެވެ. އެހެންވެ، އަންނަ އަހަރު ބާއްވާ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ކުރިމަތިލައްވާތީ ދާއިރާގެ ރައްޔިތުންގެ ތާއީދަށް އެދިވަޑައިގެންނެވި އެވެ.

މި އިންތިހާބަށް އޭނާ ހަމަޖައްސާފައިވާ ސްލޯގަން އަކީ "ވާހަކަދައްކާނެ/ދެއްކޭނެ" އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް ވަނީ މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް އަމިއްލަ ގޮތުން ވާދަކުރައްވައިފަ އެވެ. އަށް ކެންޑިޑޭޓުންގެ ތެރެއިން ފާރިސަށް ލިބިވަޑައިގަތީ ފަހަތުން ދެ ވަނަ އެވެ. އެއީ 3,190 ވޯޓެވެ.

އެކަމަކު، މީގެ ކުރިން 2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވައި ދެ ވަނަ ލިބިވަޑައިގަތެވެ.

ފާރިސަ އަށް 600 ވޯޓު ލިބިވަޑައިގެންނެވިއިރު، އެ ގޮނޑި 226 ވޯޓުގެ ފަރަގާ އެކު ކާމިޔާބުކުރެއްވީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވި މުހައްމަދު ރަޝީދު (ބޯދިގު) އެވެ. ފާރިސްއާ ދެން ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް ޖަމީލާ އަލީ ހާލިދަށް ލިބިވަޑައިގަތީ 220 ވޯޓެވެ.

އަންނަ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ބާއްވާ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާނެ އެވެ. ބައެއް ބޭފުޅުން ވަނީ އެ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާންކުރައްވަމުންނެވެ.