Roadha Mihaaru
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް 46 މިލިއަން ރުފިޔާ

ކެންޑިޑޭޓުންގެ ބަޔާން: ހޭދަކުރި ކަމަށް ބުނަނީ 42 މިލިއަން ރުފިޔާ!

13 ޑިސެމްބަރ 2023

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވާދަކުރެއްވި ކެންޑިޑޭޓުން، ކެމްޕެއިނަށް 46 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން ހަރަދުކޮށްފި އެވެ. އެ ހޭދަތަކުގެ ދެބައިކުޅަ އެއްބައި ހަރަދުކޮށްފައި ވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރެއްވި، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވާދަކުރެއްވި ކެންޑިޑޭޓުން، ކެމްޕެއިނަށް 46 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން ހަރަދުކޮށްފި އެވެ. އެ ހޭދަތަކުގެ ދެބައިކުޅަ އެއްބައި ހަރަދުކޮށްފައި ވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރެއްވި، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.

އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުގައިވާ ގޮތުން، އެ އިންތިހާބެއް ބާއްވާ ތާރީހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅަންޖެހޭނެ އެވެ. އެއާ އެއްގޮތަށް ހުށަހެޅި މާލީ ބަޔާންތަކުގެ ރިޕޯޓުތައް އީސީން ވަނީ އާއްމުކޮށްފަ އެވެ.

އޭގައި ވާގޮތުން، މިދިޔަ ސެޕްޓެމްބަރު 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އަށް ކެންޑިޑޭޓުންނަށް ފައިސާ އަދި ތަކެތީގެ ގޮތުގައި 74،752،317ރ. ލިބުނެވެ. އޭގެ ތެރެއިން، ކެމްޕެއިނަށް އެ ބޭފުޅުން 46،404،531ރ. ހަރަދުކުރި އެވެ.

ފުރަތަމަ ބުރުގައި އިންތިހާބަށް އެންމެ ބޮޑު ހޭދައެއް ކުރީ، މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމެވެ. އެގޮތުން؛

- އިންތިހާބަށް ފައިސާގެ ގޮތުގައި 20،506،500ރ.

- ލިބުނު ތަކެތީގެ އަގު 5،289،426ރ.

* ޖުމްލަ: 25،795،926ރ.

ގާސިމްގެ ކެމްޕެއިނަށް 20،421،050ރ. ހަރަދުކުރި އެވެ. އޭގެ ތެރެއިން، ވިލާ ޝިޕިން ކުންފުނިން 10 މިލިއަން އަދި ވިލާ ހަކަތައިން އެ ކެމްޕެއިނަށް ފަސް މިލިއަން ރުފިޔާ ދީފައިވެ އެވެ.

ދެ ވަނައަށް، އެންމެ ގިނައިން ހަރަދުކުރީ އެމްއެންޕީގެ ޓިކެޓުގައި ވާދަކުރެއްވި މުހައްމަދު ނާޒިމެވެ. އެ ކެމްޕެއިނަށް 13،076،203ރ. ލިބުނުއިރު، ހަރަދުތައް ކުރުމަށްފަހު އޭގެ ތެރެއިން ބާކީވީ 303ރ. އެވެ.

ފުރަތަމަ ބުރުގައި އެންމެ މަދުން ހަރަދުކޮށްފައިވަނީ، އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަން ޒަމީލެވެ. އިންތިހާބަށް 15،500ރ. ލިބުނެވެ. އޭގެ އިތުރަށް، ލިބުނު 11،259ރ. އާއެކު، ފައިސާ އާއި ތަކެތީގެ އަގު 26،759ރ. އަށް އަރަ އެވެ. ހަރަދުކޮށްފައިވަނީ 16،259ރ. އެވެ.

ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރެއްވި އިލްޔާސް ލަބީބަށް އިންތިހާބަށް 2،529،179ރ. ލިބުނެވެ. ހަރަދުކުރީ 2،518،508 މިލިއަން ރުފިޔާ އެވެ.

އަމިއްލަ ގޮތުން ވާދަކުރެއްވި ތިން ކެންޑިޑޭޓުންގެ ތެރެއިން ފާރިސް މައުމޫންގެ ކެމްޕެއިނަށް 1,167,933ރ. ލިބުނެވެ. ހަރަދުކުރީ 1،166،064ރ. އެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް އިންތިހާބަށް 286،950ރ. އަދި ލިބުނު ތަކެތީގެ އަގު 35،000ރ. ޖުމްލަ 321،950ރ. ލިބުނެވެ. ނަމަވެސް، ކެމްޕެއިނަށް ހަރަދުކުރީ 285،950ރ. އެވެ.

އަށް ކެންޑިޑޭޓުންގެ ތެރެއިން، ދެ ވަނަ ބުރުގައި ވާދަކުރެއްވީ، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ދެ ވަނަ ބުރުން އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ދެ ބޭފުޅުންގެ ތެރެއިން ތަކެއްޗާއެކު ގިނަ ފައިސާ ލިބިވަޑައިގަތީ ރައީސަށެވެ. ނަމަވެސް، ގިނައިން ހަރަދުކުރީ އިބޫ އެވެ.

މި އިންތިހާބު ބޭއްވިއިރު ރައީސަކަށް ހުންނެވި އަދި ރިޔާސީ ދެ ވަނަ ދައުރަކަށް ވާދަކުރެއްވި ކުރީގެ ރައީސް އިބޫގެ ކެމްޕެއިނަށް 10،500،276ރ. ލިބުނެވެ. އޭގެ ތެރެއިން 6،885،350ރ. ހަރަދުކުރިއިރު، 24،149ރ. ބާކީވެފައިވެ އެވެ.

ރައީސް މުއިއްޒުގެ އިންތިހާބަށް 2،115،000ރ. ލިބުނު ކަމަށް މާލީ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ އިތުރުން އިންތިހާބަށް ލިބުނު ތަކެތީގެ އަގު 19،229،367ރ. އަށް އަރާތީ، އިންތިހާބަށް ފައިސާ އަދި ތަކެތީގެ ގޮތުގައި ޖުމްލަ 21،334،367ރ. ލިބިފައިވެ އެވެ. އެކަމަކު، އެ މަނިކުފާނު ހަރަދު ކުރި ކަމަށް މި ރިޕޯޓުގައި ބުނެފައިވަނީ 1،999،450ރ. އެވެ. ބާކީވީ 115،550ރ. އެވެ.

އިންތިހާބާ ގުޅިގެން ކެންޑިޑޭޓުންނަށް ހަރަދުކުރެވޭނީ، ވޯޓުދިނުމުގެ ހައްގު ލިބިފައިވާ ކޮންމެ މީހަކަށް 2،000ރ. ގެ ރޭޓުންނެވެ. މި އިންތިހާބުގައި 282،395 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވުމުން، ކެންޑިޑޭޓަކަށް އެންމެ ގިނައިން ހަރަދުކުރެވޭނީ 564،790،00ރ. އެވެ.