Roadha Mihaaru
ބާކީ ހުރި ފްލެޓުތައް ހަދާނީ ތިން ސަރަހައްދެއްގައި

ބާކީ ހުރި ފްލެޓުތައް ހަދާނީ ތިން ސަރަހައްދެއްގައި: އަކްރަމް

08 އޯގަސްޓް 2023

މި ސަރުކާރުގެ ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދަށުން ފްލެޓަށް ޝަރުތު ހަމަވާ އެންމެންނަށް ހަދާ ފްލެޓުތަކުގެ ތެރެއިން ބާކީ ހުރި 4،000 އެއްހާ ފްލެޓު ހަދާނީ ގިރާވަރާއި ގުޅިފަޅު އަދި ހުޅުމާލޭގައި ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި ސަރުކާރުގެ ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދަށުން ފްލެޓަށް ޝަރުތު ހަމަވާ އެންމެންނަށް ހަދާ ފްލެޓުތަކުގެ ތެރެއިން ބާކީ ހުރި 4،000 އެއްހާ ފްލެޓު ހަދާނީ ގިރާވަރާއި ގުޅިފަޅު އަދި ހުޅުމާލޭގައި ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ފްލެޓް ކޮމިޓީގެ ޗެއާމަން އަކްރަމް ކަމާލުއްދީން ވިދާޅުވީ، ހުޅުމާލޭގައި މި ވަގުތު 4،000 ފްލެޓެއްގެ މަސައްކަތް ކުރިއަށް ގެންދާ އިރު މިދިޔަ ހަފުތާގައި ކޮންޓްރެކްޓަރާ ހަވާލު ކުރި އިތުރު 4،000 ފްލެޓްގެ އަމަލީ މަސައްކަތް މި މަހު ފަހުކޮޅު ފަށާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އިތުރު 2،000 ފްލެޓް އިމާރާތް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެ ފްލެޓްތައް ވެސް އިމާރާތް ކުރަން މިނިސްޓްރީގެ ވިސްނުން ހުރީ ހުޅުމާލޭގަ އެވެ.

ގެދޮރުވެރިޔާ ޕްރޮގްރާމްގެ ދަށުން 13،000 ފްލެޓް ދޫކުރަން ވަނީ ނިންމައިފަ އެވެ. އެެހެންވެ، އިތުރު 2،000 ފްލެޓްގެ ފައިސާގެ ހަމަޖެހި ހުޅުމާލޭގައި އެ ޕްރޮޖެކްޓް ކުރިއަށް ގެންދާ ނަމަ، އިތުރު 3،000 އަށް ވުރެ ފްލެޓް ހަދަން ޖެހެ އެވެ. އަކްރަމް ވިދާޅުވީ ބާކީ 3500-4000 އެއްހާ ފްލެޓު ހަދާނީ މި ސަރަހައްދުގެ ތިން ތަނުގަ އެވެ.

އެ މަސައްކަތް ވެސް ކުރިއަށް އޮތް ދެ މަސް ތެރޭގައި ފެށުމަށް މަސައްކަތް ކުރާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި، އެކަމާ ގުޅޭ މަޝްވަރާތައް މިހާރު ވަނީ ފަށައިފަ އެވެ. މިއަދު އިއުލާންކުރި ލިސްޓުގައި ތިބި ބާކީ މީހުންނަށް ފްލެޓް ދޭނީ ގުޅިފަޅުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ ފްލެޓްތައް-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ ފްލެޓްތައް-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އޭނާ ވިދާޅުވީ، ޝަކުވާ ހުށަހަޅަން ކަނޑައެޅި 15 ދުވަސް ހަމަވުމަށް ފަހު، ދާއިމީ ލިސްޓު ނެރޭނީ، ފްލެޓަށް ކުރިމަތި މީހުންނަށް ލިބުނު ޕޮއިންޓާ އެކު ކަމަށެވެ. ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ވެރިފައި ކުރުމުގެ މަސައްކަތް ދާއިމީ ލިސްޓު އިއުލާނު ކުރުމުގެ ކުރިން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދާއިމީ ލިސްޓުގައި ފްލެޓް ލިބުނު މީހުންނަށް ލިބޭ ޕޮއިންޓުތައް އެނގޭނެ،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ފްލެޓްތައް ނިމޭ ވަރަކުން ދޫކުރަނީ ދާއިމީ ލިސްޓުގައި ކަނޑައަޅާ ތަރުތީބުންނެވެ. ދާއިމީ ލިސްޓާ އެކު ފްލެޓްގެ އަގުތައް ވެސް އާންމު ކުރާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ސަރުކާރުން ފްލެޓްތައް އިމާރާތް ކުރަނީ ފަހިދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްގެންނެވެ. މީގެ ކުރިން މީޑިއާ އަށް ދެއްވި މައުލޫމާތުތަކުގައި ފަހިދިރިއުޅުމުން ހަދާ ފްލެޓްތަކުގެ އަގު އެންމެ ބޮޑުވެގެން އުޅޭނީ 6،000ރ. އާ ހަމައަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެ އެވެ.