Roadha Mihaaru
ގުޅިފަޅަށް ގޯތި ބަދަލުކުރަން ދިން މުއްދަތު އިތުރުކޮށްފި

ގިރާވަރުފަޅުން ގުޅިފަޅަށް ގޯތި ބަދަލުކުރަން ދިން މުއްދަތު އިތުރުކޮށްފި

15 އެޕްރީލް 2024

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ދޫކުރި 1،327 ގޯތި ގުޅިފަޅަށް ބަދަލުކުރުމަށް ދިން މުއްދަތު އިތުރުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ދޫކުރި 1،327 ގޯތި ގުޅިފަޅަށް ބަދަލުކުރުމަށް ދިން މުއްދަތު އިތުރުކޮށްފި އެވެ.

އެ ގޯތިތައް ގުޅިފަޅަށް ބަދަލުކުރަން ނިންމީ ގިރާވަރުފަޅުން ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ކަނޑަނާޅާ އެ ތަނުން ގޯތި ދިނުމުގެ ސަބަބުންނެވެ.

އެހެންވެ، 1،327 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމައި، އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހަޅަން ހުޅުވާލި މުއްދަތު އިއްޔެ ހަމަވުމާ އެކު، އެ މުއްދަތު ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ގިރާވަރުފަޅުން ދޫކުރި ގޯތިތައް ގުޅިފަޅަށް ބަދަލުކުރުމަށް ހުޅުވާލި ފުރުސަތުގައި ވަރަށް ގިނަ ބަޔަކު އެކަމަށް އެދެމުން އަންނާތީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 11:00 އަށް މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ.

ކުރިން މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މިހާރު ކަނޑައަޅާފައިވާ އަދަދަޑސް ވުރެ އިތުރަށް ގުޅިފަޅަށް ބަދަލުވާން ބޭނުންވާ މީހުން ތިބި ނަމަ އެ އަދަދު ކަނޑައަޅާނީ ގުރު ނަގައިގެންނެވެ. އެ ތާރީހު އަދި އިއުލާނެއް ނުކުރެ އެވެ.

ގިރާވަރުފަޅުން ގުޅިފަޅަށް ބަދަލުކުރާ ގޯތީގެ އަދަދު:

- 1،250 އަކަފޫޓުގެ 193 ގޯތި.

- 1،650 އަކަފޫޓުގެ 663 ގޯތި.

- 2،050 އަކަފޫޓުގެ 487 ގޯތި.

- 2.450 އަކަފޫޓުގެ 4 ގޯތި

ގޯތި ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.

މިނިސްޓްރީން ވަނީ ޕޯޓަލް މެދުވެރިކޮށް ގޯތި ބަދަލުކުރަން ރިކުއެސްޓް ކުރާއިރު، ގޯތި ލިބިފައިވާ މީހުން ފުރިހަމަކުރަން ޖެހޭ އިގްރާރު ފުރިހަމަކޮށް ހުށަހެޅުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ގިރާވަރުފަޅުން ލިބުނު ހާހަކަށް ވުރެ ގިނަ ގޯތި ގުޅިފަޅަށް ބަދަލުކުރަނީ ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ދެވެން ނެތިގެންނެވެ.

ގޯތި ލިބޭނެ ކަމުގެ ޔަގީންކަމާ މެދު ސުވާލު އުފައްދަން ފެށުމުން އެ ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހައުސިން މިނިސްޓަރު އަލީ ހައިދަރު ސޮއި ކުރައްވައި ގޯތި ލިބުނު އެންމެނަށް އެ ތަންތަން ދޭނެ ކަމުގެ ޔަގީންކަމާ އެކު ލިޔުމެއް ވެސް ދީފަ އެވެ.