Roadha Mihaaru
ކުދިން ނެތިގެން ރަކީދޫ ސްކޫލުގައި ކިޔަވައިދޭން ނުފެށުނު

އުމުރު ހަމަވާ ކުދިން ނެތިގެން ރަކީދޫ ސެޓްލައިޓް ސްކޫލުގައި ކިޔަވައިދޭން ނުފެށިފައި!

09 އޯގަސްޓް 2023

ދިރާސީ އާ އަހަރާ އެކު ވ. ރަކީދޫ ސެޓްލައިޓް ސްކޫލްގައި ކިޔަވައިދޭން ނުފެށުނީ އެޕްލައި ކުރި ކުދިންގެ އުމުރު ހަމަނުވާތީ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ދިރާސީ އާ އަހަރާ އެކު ވ. ރަކީދޫ ސެޓްލައިޓް ސްކޫލްގައި ކިޔަވައިދޭން ނުފެށުނީ އެޕްލައި ކުރި ކުދިންގެ އުމުރު ހަމަނުވާތީ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ކުރިން ބުނީ، އަތޮޅުތެރޭގެ އިތުރު ހަތަރު ސްކޫލެއްގައި ދިރާސީ އާ އަހަރާ އެކު ސެޓަލައިޓްކޮށް ކިޔަވައިދޭން ފަށާފައިވާ ކަމަށެވެ. އެއީ ރަކީދޫ ސްކޫލްގެ އިތުރުން ބ. ފުޅަދޫ ސްކޫލާއި ގއ. ކޮނޑޭ ސްކޫލް އަދި އދ. ދިއްދޫ ސްކޫލެވެ.

ނަމަވެސް ރަކީދޫ ސްކޫލުގައި ކިޔަވައިދޭކަށް ނުފެށުނެވެ.

ކިޔަވައިދޭން ނުފަށާ ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ މައްސަލައަކީ ރަކީދޫގައި ކިޔަވަން ތިބި ކުދިންގެ އަދަދު މަދުވުން ކަމަށެވެ.

"އެޕްލައި ކުރި ކުދިންގެ އުމުރު ހަމަ ނުވާތީ ރަކީދޫ ސްކޫލްގައި އަދި ކިޔަވައިދޭން ނުފަށާ. ސްކޫލުގެ ހުރިހާ ކަމެއް ތައްޔާރުވެފައި ވަނީ ކިޔަވައިދޭން،" މިނިސްޓްރީން ބުންޏެވެ.

ވ. ރަކީދޫގައި އަލަށް އިމާރާޓްކުރި ސެޓްލައިޓް ސްކޫލު.--

ވ. ރަކީދޫގައި އަލަށް އިމާރާޓްކުރި ސެޓްލައިޓް ސްކޫލު.--

ރަކީދޫ ސްކޫލުން ވާހަކަ ދެއްކި ބެލެނިވެރިއަކު ބުނީ، ކިޔަވައިދޭން ނުފެށި ލަސްވަނީ އިދާރީ ބައެއް ކަންކަން ނުނިންމޭތީ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"މި ރަށުގައި އެބަ ތިބި ކިޔަވަން ގްރޭޑް އެކަކުން މަތީގެ ތިން ކުދިންނާއި ނާސަރީގައި ކިޔަވާ ފަސް ކުދިން. އެ ކުދިން އަދި ތިބީ ރަށުގައި. އެހެން ރަށަކަށް ވެސް ކިޔަވާކަށް ނުދޭ. [ކިޔަވައިދޭން] ފަށާނެއޭ ކިޔާތީ ކަން ނޭނގޭ އެހެން ރަށަކަށް ވެސް ނުދަނީ،" އެ ބެލެނިވެރިޔާ ބުންޏެވެ.

ރަކީދޫ ސްކޫލްގައި މިދިޔަ އަހަރު ވެސް ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އެކަމަކު، އެ ސްކޫލް އެޅުން ލަސްވެ މިދިޔަ އަހަރު ވެސް ނުފަށަ އެވެ.

އާބާދީގައި 100 އެއްހާ މީހުން ދިރިއުޅޭ ރަކީދޫގައި އެންމެ ފަހުން ކިޔަވައިދީފައި ވަނީ 2008 ގަ އެވެ. އެ ރަށުގައި ކިޔަވައިދިނުން މެދުކަނޑާލަން ޖެހުނީ އާބާދީ މަދުވެ، ލިބެން ޖެހޭ އަސާސީ ބޭނުންތައް ނުލިބި އެހެން ރައްތަކަށް މީހުން ބަދަލުވުމުންނެވެ.

މި އަހަރު އަލަށް ފެށި ތިން ސްކޫލުގެ އިތުރުން މިހާރު ސެޓްލައިޓް ސްކޫލަށް ކިޔަވައިދެނީ ބ. ފެހެންދު އާއި ވ. ތިނަދޫގަ އެވެ.