Roadha Mihaaru
ދަރިވަރުން ނެތް ރަކީދޫ ސްކޫލަށް ތިން މިލިއަން ރުފިޔާ!

ދަރިވަރުން ނެތް ރަކީދޫ ސްކޫލަށް ތިން މިލިއަން ރުފިޔާ ހޭދަކުރި!

09 އޮކްޓޯބަރ 2023

ކިޔަވާ އުމުރުގެ ކުދިން ނެތިގެން ކިޔެވުން ނުފެށި އޮތް، ވ. ރަކީދޫ ސްކޫލަށް ތިން މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން "މިހާރު" އާ ހިއްސާކުރި މައުލޫމާތުން އެނގިއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކިޔަވާ އުމުރުގެ ކުދިން ނެތިގެން ކިޔެވުން ނުފެށި އޮތް، ވ. ރަކީދޫ ސްކޫލަށް ތިން މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން "މިހާރު" އާ ހިއްސާކުރި މައުލޫމާތުން އެނގިއްޖެ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިގެން ކުރިއަށް ގެންދާއިރު، ރަކީދޫ ސްކޫލުގައި ކިޔަވައިދޭން ނުފަށާތީ ހަތަރު ކުއްޖަކު ކިޔެވުމުން މަހުރޫމުވެފައިވާ ކަމަށް ބުނެ އެ މައްސަލަ އެ އަތޮޅު ކައުންސިލުން އެޑިއުކޭޝަން މިނިސްޓްރީ އަށް އިއްޔެ ވަނީ ހުށަހަޅައިފަ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު" އިން އެދުނު މައުލޫމާތުގެ ޖަވާބުގައި މިނިސްޓްރީން ބުނީ ރަކީދޫ ސްކޫލުގައި ކިޔަވައިދޭން ފަށަން 3،511،011ރ. ހަރަދު ކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން އޭރު ބުނީ އެ ސްކޫލަށް ވަންނަން އެޕްލައިކުރީ އުމުރު ހަމަނުވާ ކުދިން ކަމަށެވެ. ނަމަވެސް އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވީ ތައުލީމު ފޯރުކޮށްދޭންޖެހޭ، ސްކޫލަށް ވަނުމަށް އުމުރު ހަމަވެފައިވާ ހަތަރު ކުއްޖަކަށް ފުރުސަތު ނުލިބި އެބަތިބި ކަމަށެވެ.

މި މައްސަލައިގައި ޝުޖާއު ކުރެއްވި ޓްވީޓަކަށް ޖަވާބު ދެއްވައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެފައިވާ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ލާޒިމް ވަނީ އުމުރުން ހަތަރު އަހަރުން މަތީގެ ކުދިންނަށް ތައުލީމު ދޭން ކަމަށް ވާތީ އެ އުމުރުގެ ކުދިން ތިބި ނަމަ ފޯމު ހުށަހެޅުމުން ކިޔެވުން ކުރިއަށް ގެންދާނެ އެވެ.

ގާތްގަނޑަކަށް 100 ވަރަކަށް މީހުން އުޅޭ ރަކީދޫގައި އެންމެ ފަހުން ކިޔަވައިދިނީ 2008 ގަ އެވެ. އެ ރަށުގައި ކިޔަވައިދިނުން މެދުކަނޑާލަން ޖެހުނީ އާބާދީ މަދުވެ، ލިބެންޖެހޭ އަސާސީ ބޭނުންތައް ނުލިބި އެހެން ރަށްތަކަށް މީހުން ބަދަލުވުމުންނެވެ.

ސެޓްލައިޓް ސްކޫލު ފެށި އެހެން ރަށްތައް

މިނިސްޓްރީން ދީފައިވާ މައުލޫމާތުގައިވާ ގޮތުން ބ. ފެހެންދޫގައި ގާއިމުކޮށްފައިވާ ސެޓްލައިޓް ސްކޫލަށް 2،249،562ރ. ހަރަދު ކޮށްފައިވެ އެވެ. އެ މައުލޫމާތުގައިވާ ގޮތުން، ވ. ތިނަދޫ ސްކޫލަށް 3،193،074ރ. ހަރަދުކުރި އެވެ.

ބ. ފުޅަދު އާއި ގއ. ކޮނޑޭ އަދި އދ. ދިއްދޫ ސްކޫލް، ސެޓްލައިޓް ކުރުމަށް އެއްވެސް ހަރަދެއް ކޮށްފައެއް ނުވެ އެވެ.

ބ. ފުޅަދޫ ސްކޫލުގައި ކިޔަވައިދެނީ: އާބާދީ މަދު ރަށްރަށުގައި އެޑިޔުކޭޝަން މިނިސްޓްރީން ސެޓްލައިޓް ސްކޫލު ފެށީ މިދިޔަ އަހަރު.-- ފޮޓޯ: ފުޅަދޫ ސްކޫލު

ބ. ފުޅަދޫ ސްކޫލުގައި ކިޔަވައިދެނީ: އާބާދީ މަދު ރަށްރަށުގައި އެޑިޔުކޭޝަން މިނިސްޓްރީން ސެޓްލައިޓް ސްކޫލު ފެށީ މިދިޔަ އަހަރު.-- ފޮޓޯ: ފުޅަދޫ ސްކޫލު

ސެޓްލައިޓް ސްކޫލުތަކުގައި ކިޔަވަން ތިބި ކުދިންގެ އަދަދު:

1. ތިނަދޫ ސްކޫލް: ޔޫކޭޖީގައި ކިޔަވާ އެންމެ ކުއްޖެއް.

2. ފެހެންދޫ ސްކޫލް: 31 ކުދިން.

3. ފުޅަދޫ ސްކޫލް: ތިން ކުދިން.

4. ކޮނޑޭ ސްކޫލް: ހަތް ކުދިން.

5. ދިއްދޫ ސްކޫލް: ހަތް ކުދިން.

އެ ސްކޫލްތަކުގައި ކިޔަވައިދޭން ބޭނުންވާ ސާމާނު ގަތުމަށް ދެ މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެއީ،

ޓީވީ: 96،245.36ރ.

ކޮޕީ މެޝިން/ ސްކޭނާ: 94،466.99ރ.

ކޮމްޕިއުޓަރު: 61،650ރ.

ކްރޯމް ބުކް: 854،139.60ރ.

އައުޓް ޑޯ ޕްލޭސެޓް: 186،831.36ރ.

އިންޓަނެޓް އެޅުމަށާއި ގުޅުމަށް ކުރި ހަރަދު: 278،387.91ރ.

ޕާޓިޝަން ފޯ ސެޓްލައިޓް ޕޭރެންޓިން ސްކޫލު: 199،916ރ.

އޭސީ: 29،400ރ.

ފަރުނީޗަރު: 201،248.42ރ.

އެޑިއުކޭޝަން މިނިސްޓްރީން ސެންޓްރަލް ސްކޫލެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ހުޅުމާލޭގެ ހުރަވީ ސްކޫލެވެ. އެ ސްކޫލުގައި ސެޓްލައިޓް ސްކޫލުތަކަށް ހާއްސަ ޓީޗަރުން ތިބޭނެ އެވެ.

ސެންޓްރަލް ސްކޫލުގައި ތިބޭ ޓީޗަރުން ކިޔަވައިދޭއިރު ސެޓަލައިޓް ސްކޫލުގެ ކްލާސްރޫމް ތެރެއިން ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓީޗަރެއް ހަމަޖައްސާފައި ހުންނާނެ އެވެ.