Roadha Mihaaru
ސެޓެލައިޓް ސްކޫލުތައް އަންނަ މަހުގެ 24 ގައި ހުޅުވަނީ

ފެހެންދޫ، ރަކީދޫ އަދި ތިނަދޫގެ ސެޓެލައިޓް ސްކޫލު އަންނަ މަހުގެ 24 ގައި ހުޅުވަނީ

30 ސެޕްޓެމްބަރ 2021

ރާއްޖޭގެ ތިން ރަށެއްގައި ގާއިމުކުރާ ސެޓެލައިޓް ސްކޫލުތައް އަންނަ މަހުގެ 24 ގައި ހުޅުވަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ ތިން ރަށެއްގައި ގާއިމުކުރާ ސެޓެލައިޓް ސްކޫލުތައް އަންނަ މަހުގެ 24 ގައި ހުޅުވަން ނިންމައިފި އެވެ.

"ސެޓެލައިޓް ސްކޫލް" ގާއިމުކުރަނީ ސްކޫލް ނެތް ރަށްރަށާއި ކުދިން ހަމަނުވުމުގެ ސަބަބުން ސްކޫލް ނުހިންގޭ ރަށްރަށުގަ އެވެ.

މި މަސައްކަތުގެ ދަށުން، ބ. ފެހެންދު އާއި ވ. ރަކީދޫ އަދި ވ. ތިނަދޫގައި ސެޓެލައިޓް ސްކޫލު އިމާރާތްކުރުމުގެ މަސައްކަތް މި އަހަރުގެ މެދު ތެރޭގައި ވަނީ ފަށައިފަ އެވެ.

އެ ތިން ސްކޫލުގައި ކިޔަވަން ބޭނުންވާ ކުދިން އަންނަ މަހުގެ 14 ގެ ކުރިން ފޯމު ހުށަހަޅަން ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ފެހެންދު އާއި ރަކީދު އާއި ތިނަދޫގެ ސެޓެލައިޓް ސްކޫލުގައި ކިޔަވަން ބޭނުންވާ ކުދިންނަށް މި އަހަރުގެ ނިޔަލަށް ބޭނުންކުރާނީ އެ ކުދިން މިހާރު ކިޔަވާ ސްކޫލުގެ ޔުނިފޯމު ކަމަށެވެ.

އެކަމަކު، ބެލެނިވެރިން ބޭނުން ނަމަ، ސެޓެލައިޓް ސްކޫލު ފެށޭއިރު، އެ ކުއްޖަކު ކިޔަވަން ފަށާ ސްކޫލުގެ ޔުނީފޯމު ވެސް ބޭނުންކުރެވޭނެ އެވެ.

ސެޓެލައިޓް ސްކޫލުތަކުގައި ކިޔަވައި ދިނުމަށްޓަކައި ކޮންމެ ރަށެއްގައި ކުދިން ހާޒިރުވެގެން ކިޔަވާނެ އިމާރާތަކާއި ކޮންމެ ގްރޭޑަކަށް ކިޔަވައިދޭނެ މުދައްރިސުން ވެސް ތިބޭނެ އެވެ. މި ގޮތަށް ކިޔަވައިދޭއިރު ކޮންމެ ދަރިވަރަކަށް ވެސް ބޭނުންވާނެ އިންޓަނެޓާއި ކޮމްޕިއުޓަރުގެ ވަސީލަތްތައް މިނިސްޓްރީން ހަމަޖައްސައިދޭނެ އެވެ.

ކިޔެވުމުގެ އިތުރުން އެހެނިހެން ތަޖުރިބާތައް ދަރިވަރުންނަށް ދޭނީ އެހެން ސްކޫލުތަކާ ވެސް ގުޅިގެންނެވެ.

ދައުލަތުގެ ބަޖެޓުން އެއް މިލިއަން ރުފިޔާ ހަރަދުކޮށްގެން ފެހެންދޫގައި ސެޓެލައިޓް ސްކޫލް އިމާރާތްކުރަން ހަވާލުކުރީ ކޭޑީ އެންޓަޕްރައިސަސްއާ އެވެ. ތިނަދު އާއި ރަކީދޫގެ ސެޓެލައިޓް ސްކޫލް އިމާރާތްކުރަން ހަވާލުކުރީ އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާ އެވެ. ތިނަދޫ ސްކޫލަށް އެއް މިލިއަން ރުފިޔާ، ރަކީދޫ ސްކޫލު އަޅަން ދެ މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.