Roadha Mihaaru
ދަތުރަށް ތައްޔާރުވާން އީގަލްސް އަށް މެޗު ފަސްކޮށް ދީފި

ބަންގްލަދޭޝްގެ ދަތުރަށް ތައްޔާރުވާން އީގަލްސް އަށް މެޗު ފަސްކޮށް ދީފި

09 އޯގަސްޓް 2023

އޭއެފްސީ ކަޕް ކޮލިފައިންގެ މެޗަށް ބަންގްލަދޭޝަށް ކުރާ ދަތުރަށް ތައްޔާރުވާން އީގަލްސް އަށް މަގުފަހިކޮށް ދިނުމުގެގޮތުން އެ ޓީމު މިއަދު ކުޅެން ހަމަޖެހިފައިވާ މެޗު އެފްއޭއެމުން ފަސްކޮށް ދީފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޭއެފްސީ ކަޕް ކޮލިފައިންގެ މެޗަށް ބަންގްލަދޭޝަށް ކުރާ ދަތުރަށް ތައްޔާރުވާން އީގަލްސް އަށް މަގުފަހިކޮށް ދިނުމުގެގޮތުން އެ ޓީމު މިއަދު ކުޅެން ހަމަޖެހިފައިވާ މެޗު އެފްއޭއެމުން ފަސްކޮށް ދީފި އެވެ.

އޭއެފްސީ ކަޕް ކޮލިފައިންގެ ޕްރިލިމިނަރީގެ ދެވަނަ ބުރުގައި ޑާކާ އަބާހާނީއާ ދެކޮޅަށް އީގަލްސް ކުޅޭ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު އެވެ. އެ ޓީމު ބަންގްލަދޭޝް އަށް ދާން ފުރަން ހަމަޖެހިފައި ވަނީ މާދަމާ ރޭ ގަ އެވެ.

މިދިޔަ ހޯމަ ދުވަހު އާންމުކުރި ލީގުގެ ދެވަނަ ބުރުގެ ޝެޑިއުލްގައި ވާގޮތުން އީގަލްސް އާއި މާޒިޔާ މެޗު ކުޅޭނީ މިރޭގަ އެވެ.

އެފްއޭއެމްގެ މީޑީއާ ގުރޫޕަށް، އެ އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒު ފޮނުއްވި މެސެޖުގައި ވިދާޅުވީ ބަންގްލަދޭޝްގައި ކުޅޭ މެޗަށް ދިއުމަށް އީގަލްސްއިން ކުރާ ދަތުރުގެ ލޮޖިސްޓިކްސްއާ ގުޅިގެން މެޗު ފަސް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މެޗު ދެން ކުޅޭނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝެޑިއުލްގައިވާ ގޮތުން އީގަލްސް އަށް ދެން މެޗެއް އޮންނާނީ މި މަހު 27 ގަ އެވެ. އެކަމަކު މެޗުތަކުގެ ޝެޑިއުލް އަށް އެފްއޭއެމުން ބަދަލުގެންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

މިއީ އޭއެފްސީ ކަޕް ކޮލިފައިންގައި އީގަލްސް ކުޅޭ ދެވަނަ ފަހަރެވެ. މީގެ ކުރިން 2021 ގައި އެ ޓީމުން ޕްރިލިމިނަރީގެ ދެވަނަ ބުރުގައި ބޫޓާންގެ ތިމްޕޫ ސިޓީ އަތުން މޮޅުވެގެން ޕްލޭއޮފް މެޗަށް ދަތުރު ކުރި އެވެ. ޕްލޭއޮފް ބުރުގައި މާލޭގައި ކުޅެ އީގަލްސް ބަލިވީ ބެންގަލޫރު އަތުންނެވެ. އެ އަހަރު އީގަލްސްއާ ދެކޮޅަށް ކުޅެން ބެންގަލޫރުގެ ޓީމު ދެ ފަހަރު މާލެ އައެވެ. ފުރަތަމަ ފަހަރު މެއި 2021 ގައި މާލެ އައިސް، ކޮވިޑްގެ ޕްރޮޓޮކޯލްއާ ބެންގަލޫރުގެ ބައެއް ކުޅުންތެރިން ހިލާފުވުމުން މެޗު ނުކުޅެވޭނެ ކަމަށް ސަރުކާރުން އެންގުމުން އޭއެފްސީން ނިންމީ މެޗު ފަސް ކުރުމަށެވެ.

އޭރު ކޮވިޑްގެ ހާލަތު ކަމަށްވުމުން ގުރޫޕް ސްޓޭޖު ކުރިއަށް ގެންދިޔައީ ހުރިހާ ޓީމުތައް އެއް ސިޓީއެއްގައި ތިބެގެންނެވެ. އެފަހަރު ގުރޫޕް ސްޓޭޖް މެޗުތައް ކުޅުނީ މާލޭގަ އެވެ. ޕްލޭއޮފްގެ މެޗަށް ބެންގަލޫރު ދެވަނަ ފަހަރަށް މާލެ އައީ އޯގަސްޓް މަހު އެވެ. އީގަލްސް 1-0 ން ބަލިކޮށް ބެންގަލޫރު ގުރޫޕް ސްޓޭޖަށް ވަނެވެ.

މި އަހަރު ވެސް އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ރާއްޖެ އަށް ސީދާ ޖާގަ ލިބުނީ އެންމެ ފަހު ލީގުގެ ޗެމްޕިއަން މާޒިޔާ އަށެވެ.