Roadha Mihaaru
އީގަލްސް ތާރީހީ މެޗަކަށް، ޝާޒްލީގެ އުންމީދު ބޮޑު

އީގަލްސް ތާރީހީ މެޗަކަށް، ޝާޒްލީގެ އުންމީދު ބޮޑު

06 އެޕްރީލް 2021

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި މާދަމާ ހަވީރު ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ކްލަބް އީގަލްސް ނުކުންނައިރު، މިއީ އީގަލްސް އަށް ވަރަށް ތާރީހީ މެޗެކެވެ. މިއީ އެ ކްލަބުގެ 31 އަހަރުވީ ތާރީހުގައި، އެ ކްލަބު އޭއެފްސީ ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި މާދަމާ ހަވީރު ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ކްލަބް އީގަލްސް ނުކުންނައިރު، މިއީ އީގަލްސް އަށް ވަރަށް ތާރީހީ މެޗެކެވެ. މިއީ އެ ކްލަބުގެ 31 އަހަރުވީ ތާރީހުގައި، އެ ކްލަބު އޭއެފްސީ ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

އަމިއްލަ ދަނޑުގައި މާދަމާ ހަވީރު ތިމްޕޫއާ ދެކޮޅަށް ނުކުންނައިރު، އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ ގަބޫލްކުރާ ގޮތުގައި މިއީ ފަސޭހަ މެޗަކަށް ނުވާނެ އެވެ. އެހެން ނަމަވެސް އަމިއްލަ ދަނޑުގައި ކުޅުމަކީ އީގަލްސް އަށް ލިބޭނެ "އެޑްވާންޓޭޖެއް" ކަމަށެވެ.

"އަޅުގަނޑު ގަބޫލްކުރާ ގޮތުގައި އޭއެފްސީ ކަޕްގައި ފަސޭހަަ މެޗެއް ނޯންނާނެ. ތިމްޕޫ އަކީ ބޫޓާންގެ ޗެމްޕިއަން. އެމީހުން (ތިމްޕޫ) ލީގު ކާމިޔާބުކުރީ މެޗަކުން ބަލިނުވެ. އެހެންވީމަ ގަބޫލްކުރަނީ ތިމްޕޫ އަކީ ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގައި،" ޝާޒްލީ ބުންޏެވެ.

ޝާޒްލީ ބުނީ މިއީ އީގަލްްސް އަށް ވަރަށް ތާރީހީ މެޗެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުބާރާތަކަށް އީގަލްސް އާވި ނަމަވެސް، އީގަލްސްގައި ތިބި ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ތަޖުރިބާތަކެއް ލިބިފައި އޮތުމަކީ ޓީމާމެދު އިތުބާރު ބޮޑުވާ ކަމެއް ކަމަށެވެ.

އީގަލްސް އޭއެފްސީ ކަޕަށް ނުކުންނައިރު، އެ ޓީމުން ވަނީ މާޗު މަހުގެ ޓްރާންސްފާގައި ރަޝިއާގެ ފޯވަޑަކާއި ލުބުނާންގެ ގޯލްކީޕަރެއް ގެނެސްފަ އެވެ. މީގެ އިތުރުން ގްރީން ސްޓްރީޓްސް އަށް ކުޅެމުންދިޔަ މިސްރުގެ ޑިފެންޑަރު އަލް ސައީދު ވެސް އީގަލްސް އިން ވަނީ ގެނެސްފަ އެވެ.

ޝާޒްލީ ބުނީ އީގަލްސްގައި ތިބި ބިދޭސީ ކުޅުންތެރިންނާމެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި އީގަލްސްގެ ސްކޮޑަށް ބަލާއިރު އީގަލްސްގައި ރަނގަޅު ޓީމެއް އެބައޮތް ކަމަށެވެ.

"މި ކަހަލަ މެޗަކަށް ނުކުންނައިރު ރަނގަޅު ބިދޭސީ ކުޅުންތެރިން ތިބުމަކީ އީގަލްސް އަށް ލިބޭނެ އެޑްވާންޓޭޖެއް،" ޝާޒްލީ ބުންޏެވެ.

ޝާޒްލީ ބުނީ ލީގުގައި ކުޅެން ލިބުނު ދެ މެޗާއެކު، އީގަލްސް އިން އޭއެފްސީ ކަޕަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް ގަބޫލްކުރެވޭ ކަމަށެވެ.

"ލީގުގައި ދެ މެޗު ލިބިއްޖެ. އޭއެފްސީ ކަޕް މެޗަށް ނުކުންނައިރު، ޓީމު މި އޮތީ ހިތްހަމަޖެހޭ ވަރަށް ތައްޔާރުވެފައި،" ޝާޒްލީ ބުންޏެވެ.

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި އީގަލްސް އާއި ތިމްޕޫ ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ހަވީރު 4:00ގަ އެވެ.