Roadha Mihaaru
އީގަލްސް - އަބަހަނީ މެޗު ނޭޕާލްގައި

އީގަލްސް - އަބަހަނީ މެޗު ނޭޕާލްގައި

14 އެޕްރީލް 2021

އޭއެފްސީ ކަޕްގެ ކޮލިފައިންގެ ދެވަނަ ބުރުގައި ކްލަބު އީގަލްސް އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ބައްދަލުކުރާ މެޗު ނޭޕާލްގައި ކުޅުމަށް އޭއެފްސީން ނިންމައިފި އެވެ.

އޭއެފްސީ ކަޕްގެ ކޮލިފައިންގެ ދެވަނަ ބުރުގައި ކްލަބު އީގަލްސް އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ބައްދަލުކުރާ މެޗު ނޭޕާލްގައި ކުޅުމަށް އޭއެފްސީން ނިންމައިފި އެވެ.

މި މެޗު ނޭޕާލްގައި ކުޅެން ނިންމީ ބަންގްލަދޭޝްގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވުމާއެކު، އެ ގައުމުގައި މެޗު ހޯސްޓް ކުރެވޭނެ އިންތިޒާމްތައް ހަމަނުޖެހުމުންނެވެ. ނިއުޓްރަލް ދަނޑެއް ހުށަހެޅުމަށް އޭއެފްސީން އަބަހާނީ އަށް ދިން ފުރުސަތުގައި އެ ޓީމުން ހުށަހެޅީ ނޭޕާލްގައި މެޗު ކުޅުމަށެވެ.

މެޗު ކުޅުމަށް ނޭޕާލްގެ ކަތަމަންޑޫގެ ދަސްރަތު ސްޓޭޑިއަމް ހަމަޖައްސައި، އޭއެފްސީން މިހާރު ވަނީ ލިޔުމުން އެކަން މެމްބަރު އެސޯސިއޭޝަންތަކާއި ކްލަބުތަކަށް އަންގައިފަ އެެވެ. މި މެޗު ކުޅޭނީ މި މަހުގެ 21 ވަނަ ދުވަހަވެ.

ކުރިން މި މެޗު ބަންގާޅުގައި ކުޅެން ޝެޑިއުލްކޮށްފައި އޮތީ މިއަދަށެވެ. އެކަމަކު ބަންގާޅުގައި ކޮވިޑް ކޭސްތައް ގިނަވެ، މި މެޗު ކުޅުމުގެ އިންތިޒާމްތައް ހަމަނުޖެއްސުމާއެކު، އޭއެފްސީން ވަނީ މި މެޗު މި މަހުގެ 21 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ. އެކަށީގެންވާ ނިއުޓްރަލް ދަނޑެއް ހަމަނުޖެހުނުނަމަ، މި މެޗު ކުޅޭނީ މާލޭގަ އެވެ.

ހަފުތާއެއްގެ މުއްދަތަކަށް ބަންގްލަދޭޝް ލޮކްޑައުންކޮށް، ވައިގެ ދަތުރުފަތުރުތައް ވެސް ވަގުތީ ގޮތުން މެދުކަނޑާލާފައިވާއިރު، އަބަހާނީ އަށް މި މަހުގެ 21 ވަނަ ދުވަހުގެ މެޗަށް ދަތުރުކުރެވޭނެކަމާމެދު ބަންގްލަދޭޝްގެ ބައެއް މީޑިއާތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ.

ބަންގާޅުގެ މީޑިއާއާ ވާހަކަދައްކަމުން އަބަހާނީގެ މެނޭޖަރު ސަޓްޔަޖިތު ޑަސް ރުޕޫ ބުނީ މި ވަގުތު ދަތުރުފަތުރުގެ ކަންތައްތައް ހަމަޖެއްސުމުގައި ހުރި ދަތިތައް އޭއެފްސީ އަށް އަންގާފައިވާނެ ކަމަށެވެ. އަދި އޭއެއެފްސީގެ ފަރާތުން އަދި ވަކި ޖަވާބެއް ނުލިބޭ ކަމަށެވެ.

މި މެޗުން މޮޅުވާ ޓީމެއް ކުޅެންޖެހޭ ޕްލޭއޮފް މެޗު ވެސް ވަނީ މި މަހުގެ 28 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ. ކޮލިފައިންގެ ދެވަނަ ބުރަށް އީގަލްސް ދަތުރުކުރީ މިދިޔަ ބުދަ ދުވަހު މާލޭގައި ކުޅުނު ކޮލިފައިންގެ ފުރަތަމަ މެޗުގައި ބޫޓާންގެ ތިމްޕޫ ސިޓީ އަތުން 2-0 އިން މޮޅުވެގެނެވެ. ކޮލިފައިންގެ ދެ ވަނަ ބުރުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ޕްލޭއޮފުން ޖާގަ ލިބޭނެ އެވެ. ޕްލޭއޮފްގެ ޖާގައަކަށް ދެން ވާދަކުރަނީ ނޭޕާލްގެ އާމީ ކްލަބާއި އިންޑިއާގެ ބެންގަލޫރު އެފްސީ އެވެ. ޕްލޭއޮފުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ޖާގަ ލިބެ އެވެ.