Roadha Mihaaru
އިސްލާމީ އިލްމުވެރިންގެ މަހާސިންތާއެއް މައްކާގައި ފަށަނީ

އިސްލާމީ އިލްމުވެރިންގެ މަހާސިންތާއެއް މައްކާގައި ފަށަނީ

10 އޯގަސްޓް 2023

މައްކާ (އޯގަސްޓް 10) - އިސްލާމީ އިލްމުވެރިންގެ މަހާސިންތާއެއް، މި މަހުގެ 13 އަދި 14 ވަނަ ދުވަހު ސައޫދީ އަރަބިއްޔާގެ މައްކާގައި ބޭއްވުމަށް ތައްޔާރުވެ އެކި ގައުމުތަކުގެ އިލްމުވެރިން ސައޫދީ އަށް ވަޑައިގަންނަވަން ފައްޓަވައިފި އެވެ.

މައްކާ (އޯގަސްޓް 10) - އިސްލާމީ އިލްމުވެރިންގެ މަހާސިންތާއެއް، މި މަހުގެ 13 އަދި 14 ވަނަ ދުވަހު ސައޫދީ އަރަބިއްޔާގެ މައްކާގައި ބޭއްވުމަށް ތައްޔާރުވެ އެކި ގައުމުތަކުގެ އިލްމުވެރިން ސައޫދީ އަށް ވަޑައިގަންނަވަން ފައްޓަވައިފި އެވެ.

ސައޫދީ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ އިސްނެންގެވުމަކަށް ބާއްވާ މި މަހާސިންތާގައި، އެކި ގައުމުތަކުގެ މުފްތީންނާއި ދީނީ އިލްމުވެރިންނާއި ދީނީ މުފައްކިރުން ހިމެނޭ ގޮތުން، 150 އަށް ވުރެ ގިނަ އިލްމުވެރިން ބައިވެރިވާނެ ކަމަށް ސައޫދީން ބުނެ އެވެ. ސައޫދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން ދެ ދުވަހަށް ބާއްވާ މި މަހާސިންތާގައި، ބައިނަލްއަގުވާމީ އިސްލާމީ ޖަމިއްޔާތަކާއި ޖަމާއަތްތައް ވެސް ބައިވެރިވާނެ އެވެ.

އޭގެ އިތުރުން ތަފާތު ގައުމުތަކުގެ ޔުނިވަސިޓީތަކުގެ އިލްމުވެރިންނާއި ލެކްޗަރާއިން ވެސް މި މަހާސިންތާގައި ބައިވެރިވާނެ ކަމަށް ސައޫދީ ސަރުކާރުން ބުނެ އެވެ. "ދީނީ ކަންކަމާ ބެހޭ އިދާރާތަކާއި ފަތުވާ މަޖިލިސްތަކާއި ދީނީ އިލްމުވެރިންގެ މެދުގައި މުވާސަލާތު ކުރުން" މި ޝިއާރުގެ ދަށުން ބާއްވާ މި މަހާސިންތާ ކުރިއަށް ދާނީ ބައިވެރިން ހަތް ގުރޫޕަކަށް ބަހާލައިގެން ބާއްވާ މަސައްކަތު ބައްދަލުވުންތަކެއްގެ ގޮތުގަ އެވެ.

މި މަހާސިންތާގައި މައިގަނޑު ގޮތެއްގައި ބަހުސްކުރާނެ މައުލޫއުތަކުގެ ތެރޭގައި، ދީނުގެ މެދުމިނުގެ އުސޫލުތައް، ހައްދުފަހަނައެޅުން، ދީނާ ދުރުވުން، ޓެރަރިޒަމް، ތަހައްމަލު ކުރުން އަދި ތަފާތު ފިކުރުތަކާ އެކު އެއް ތަނެއްގައި ގުޅިގެން އުޅުން ހިމެނެ އެވެ.

ސައޫދީ ސަރުކާރުން ބުނި ގޮތުގައި މި މަހާސިންތާގެ މަގްސަދަކީ، އިސްލާމް ދީނުގައިވާ މެދުމިނުގެ އުސޫލުތައް ހާސިލުކުރުމާ އެކު، ތަހައްމަލުކުރުމާއި ތަފާތު ވިސްނުމުގެ މީހުން އެއް ތަނެއްގައި ހަމަޖެހިގެން އުޅުމުގެ އާދަ އަށަގެންނެވުމުގެ ގޮތުން، ދީނީ ތަފާތު ދާއިރާތަކާއި އިދާރާތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމާއި މުވާސަލާތު ވަރުގަދަކުރުމެވެ.

އޭގެ އިތުރުން، އިސްލާމް ދީނުގެ މެދުމިނުގެ އުސޫލުތަކުގެ މަތީގައި ދިރިއުޅުން ވެއަތުކުރުމަށްޓަކައި، ކީރިތި ގުރުއާނާއި ސުންނަތުގައި ރަނގަޅަށް ސާބިތުވެ ތިބުމުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމަކީ ވެސް މި މަހާސިންތާގެ މަގްސަދެކެވެ. ބައިބައިވުމާއި ކަލަކުވޮޑިގެންވާކަން ގަބޫލުނުކުރާ ވިސްނުންތަކުން މުޖްތަމައުތައް ސަލާމަތް ކުރުމަށްޓަކައި، ދީނީ ހައްދުފަހަނައެޅުންތަކާ ދެކޮޅަށް މަސައްކަތްކޮށް އިސްލާމީ އެއްބައިވަންތަކަން ދެމެއްޓުމަކީ ވެސް މި މަހާސިންތާގެ މަގްސަދެކެވެ.

ސައޫދީ ސަރުކާރުން ބުނި ގޮތުގައި މި މަހާސިންތާ ކުރިއަށް ދާނީ މައިގަނޑު ގޮތެއްގައި ހަތް ދާއިރާއަކަށް އަމާޒުކޮށްގެންނެވެ. އޭގެ ތެރެއިން އެއް ދާއިރާއަކީ، އިސްލާމީ ދައުވަތު ފަތުރައި، އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމުގައި ދީނީ އިދާރާތަކާއި ފަތުވާ މަޖިލިސްތަކުގެ ދައުރެވެ.

އަނެއް ދާއިރާއަކީ އަލަށް އުފެދި ބޮޑުވަމުން އަންނަ ޒުވާން ޖީލުތަކުގެ އުންމީދުތަކާއި ދީނީ ހަގީގަތްތަކާ ގުޅުވައިދިނުމެވެ. ތިން ވަނަ ދާއިރާއަކީ، ތަހައްމަލުކުރުމުގެ އަގުތަކާ މެދު ހޭލުންތެރިކަން އިތުރުކޮށް، ތަފާތު ފިކުރުތަކުގެ މީހުންނާ އެކުގައި އެއް ތަނެއްގައި ސުލްހަވެރިކަމާ އެކުގައި އުޅުމުގެ މުހިންމުކަމެވެ.