Roadha Mihaaru
ފޭކް ސްލިޕުން ރާސްޓަސް ކުރި ބިދޭސީއަކު ހޯދަނީ

ފޭކް ސްލިޕް ބޭނުންކޮށްގެން 17،000ރ. ގެ ރާސްޓަސް ކުރި ބިދޭސީއަކު ހޯދަނީ

13 އޯގަސްޓް 2023

ސައްހަ ނޫން އިންޓަނެޓް ބޭންކިން ސްލިޕްތަކެއް ފޮނުވައިގެން ފިހާރައަކުން ރާސްޓަސް ކުރި ބިދޭސީއަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސައްހަ ނޫން އިންޓަނެޓް ބޭންކިން ސްލިޕްތަކެއް ފޮނުވައިގެން ފިހާރައަކުން ރާސްޓަސް ކުރި ބިދޭސީއަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހޯދަނީ ބަނގްލަދޭޝް މީހެއް ކަމަށްވާ މުހައްމަދު އަރުޝަދު މިއާ، 35، އެވެ.

އޭނާ ހޯދަން އިއުލާން ކުރީ ސައްހަ ނޫން އިންޓަނެޓް ބޭންކިން ސްލިޕްތަކެއް ފޮނުވައި މަކަރާއި ހީލަތުން އޮޅުވާލައިގެން ފިހާރައަކުން ރާސްޓަސް ކޮށްފައިވާ މައްސަލައިގެ ތަހުގީގަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށް ފުލުހުން ބުންޏެވެ.

"...ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، އޮޅުވާލައިގެން 17،471ރ. ގެ ރާސްޓަސް ކުރި ކަމަށް އޭނާ މައްޗަށް ތުހުމަތު ކުރެވެ އެވެ.

އޭނާ ހާޒިރުވާން ޖެހެނީ މި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ބ. އޭދަފުށި ޕޮލިސް ސްޓޭޝަނަށެވެ.

ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރި ކުރާ މައްސަލަތައް މިދިޔަ ދެ އަހަރެއްހާ ދުވަހު ވަރަށް ބޮޑަށް އިތުރުވި އެވެ. އެ މައްސަލަ ހައްލުކުރުމަށް ފުލުހުން ވަނީ އާންމުން ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގްރާމްތައް ވެސް ހިންގައިފަ އެވެ.