Roadha Mihaaru
މަހުމޫދުގެ މަރު: ސާލިމް ކަންތައް ކުރި ގޮތް ކުޅުވައިފި

މަހުމޫދުގެ މަރު: ސާލިމް ކަންތައް ކުރި ގޮތް ކުޅުވައިފި

17 އޮކްޓޯބަރ 2021

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރައިލި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކޮށްފައިވާ ބަންގްލަދޭޝްގެ މުހައްމަދު ސާލިމް ކަންތައް ކުރި ގޮތް ފުލުހުން މިއަދު އޭނާ ލައްވައި ކުޅުވައިފި އެވެ.

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރައިލި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކޮށްފައިވާ ބަންގްލަދޭޝްގެ މުހައްމަދު ސާލިމް ކަންތައް ކުރި ގޮތް ފުލުހުން މިއަދު އޭނާ ލައްވައި ކުޅުވައިފި އެވެ.

އެ ރަށު ނެދުންގޭގައި އުޅޭ އުމުރުން ދުވަސްވީ މީހަކު ބެލުމަށް ގެނެސްފައި ހުރި ސާލިމް އިއްޔެ ހައްޔަރުކޮށް، އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ކޯޓުން މިއަދު 15 ދުވަސް ދީފައިވާއިރު، ސާލިމް ގޮވައިގެން ފުލުހުން މިއަދު ވަނީ ޝައްކު ކުރެވޭ ބައެއް ތަންތަނަށް ގޮސްފަ އެވެ. އޭގެ ތެރޭގައި ސާލިމް ދިރިއުޅުނު ނެދުންގެ އާއި މަހުމޫދު މަރާލައި ގޯންޏަކަށް ލައި ވައްޓާލާފައިވާ ފެން ވަޅު ހުންނަ ގެ ހިމެނެ އެވެ. އެ ވަޅު ކައިރި އަށް ވެސް ސާލިމް ގެންގޮސް ފުލުހުން ވަނީ އޭނާ އަމަލުކުރި ގޮތް ކުޅުވައިފަ އެވެ.

މަހުމޫދު މަރާލައި ވައްޓާލާފައި އޮތީ، ސާލިމް ދިރިއުޅުނު ނެދުންގެއާ އެއް މަގެއްގައި މާދުރު ނޫން ހިސާބެއްގައި ހުންނަ ފަޅު ގެއެއްގެ ފެން ވަޅަށެވެ.

ނެދުންގޭގެ ފާރުމަތިން ސާލިމް އެރި ގޮތް އޭނާ ފުލުހުންނަށް މިއަދު ކިޔައިދެނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

ނެދުންގޭގެ ފާރުމަތިން ސާލިމް އެރި ގޮތް އޭނާ ފުލުހުންނަށް މިއަދު ކިޔައިދެނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ އިތުރުން ނެދުންގޭގެ ފާރުމަތިން އެރި ގޮތް ވެސް ސާލިމް ކިޔައިދިނެވެ.

"ފުލުހުން އޭނާ ގޮވައިގެން ދިޔައިރު ބައެއް ވާހަކަތައް ދިޔައީ ފުލުހުންނަށް ކިޔައި ދެމުން. އަތުން ކުރާ އިޝާރާތްތަކުން އެކަން އެނގޭ،" ދަނގެތީގައި ހަރަކާތްތެރިވާ "މިހާރު" ގެ ސީނިއާ ފޮޓޯ ޖާނަލިސްޓް ނިޝާން އަލީ ކިޔައިދިނެވެ.

މަހުމޫދުގެ މަރާއި ސާލިމްއާ ގުޅުން ހުރި ވަރާ ގުޅޭ ގޮތުން ފުލުހުން އަދި މީޑިއާގައި ވާހަކައެއް ނުދައްކަ އެވެ. އެހެންވެ، ތަހުގީގުގައި އޭނާ މި ކަމަށް އެއްބަސްވި ނަމަ އެއްބަސްވި ވަރެއް އަދި ނޭނގެ އެވެ. އެކަމަކު މަހުމޫދު ގެއްލުނު ރެ އާއި ސާލިމްގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވޭ ކަންކަން ބައެއް މީހުން ވަނީ ފުލުުހުންނަށް ކިޔައިދީފަ އެވެ. އޭގެ ތެރޭގައި ނެދުންގޭގެ ތެރެއިން އާދަޔާ ހިލާފު އަޑުތަކެއް އިވުމާއި އެ ގޭގެ ފާރުމަތިން ބޯ ދިއްުކުރި މީހަކަށް ފެނުނު ކަމަށް ބުނާ ބައެއް މަންޒަރުތައް ހިމެނެ އެވެ.

މަހުމޫދު މަރައިލި މައްސަލައިގެ ތުހުމަތަށް ސާލިމް ހައްޔަރު ކުރުމުން ދަނގެތީގެ ބައެއް މީހުން ތިބީ ހައިރާން ވެފަ އެވެ. ސަބަބަކީ އެއީ ވަރަށް މަޑުމަޑުން ހުންނަ މިފަދަ ކަމަކަށް އަރައިފާނެ ކަމުގެ އެއްވެސް ކަހަލަ ނިޝާނެއް މީގެ ކުރިން ފެނިފައިވާ ބިދޭސީއަކަށް ނުވުމެވެ. ދުވަސް އެއްކޮށް ހޭދަކުރަމުން އައީ އޭނާ ބަލަން ހަވާލުވެފައި ހުރި އުމުރުން ދުވަސްވީ މީހާގެ ހިދުމަތުގައި ކަމަށް ދަނގެތީގެ މީހުން ބުނެ އެވެ.