Roadha Mihaaru
އެސްޑީއެފްގައި ހުންނަން ޖެހޭނީ ބޭރު ފައިސާ:އައިއެމްއެފް

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑްގައި ހުންނަން ޖެހޭނީ ބޭރު ފައިސާ: އައިއެމްއެފް

14 އޯގަސްޓް 2023

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) ގައި ހުންނަން ޖެހޭނީ ބޭރު ފައިސާ ކަމަށާއި އެ ފަންޑުން އިންވެސްޓް ކުރަން ޖެހޭނީ ބޭރު ފައިސާގެ ސެކިއުރިޓީތަކުގައި ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދިވެހި ސަރުކާރަށް ލަފާދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) ގައި ހުންނަން ޖެހޭނީ ބޭރު ފައިސާ ކަމަށާއި އެ ފަންޑުން އިންވެސްޓް ކުރަން ޖެހޭނީ ބޭރު ފައިސާގެ ސެކިއުރިޓީތަކުގައި ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދިވެހި ސަރުކާރަށް ލަފާދީފި އެވެ.

އެސްޑީއެފް މެނޭޖު ކުރުން ހަރުދަނާ ކުރުމުގެ ގޮތުން އައިއެމްއެފުން ދިން ލަފާގައި ވަނީ އެ ފަންޑުން ކަރަންޓް އެކައުންޓް ޑެފިސިޓް ހަމަޖެއްސުމަށް އަދި އެތެރޭގެ ދަރަނި އަދާކުރަން ބޭނުން ނުކުރެވޭނެ ފަދަ އުސޫލުތަކެއް އެކުލަވައިދަން ޖެހޭ ކަމަށެވެ. އެ އިދާރާ އިން އިން ބުނީ، ފަންޑުގެ ސައިޒެއް ކަނޑައަޅައި ދަރަނީގެ ނިސްބަތުން އެ ފައިސާ އިންވެސްޓް ކުރާނެ ލިމިޓުތަކެއް ކަނޑައަޅަން ޖެހޭނެ ކަމަށެވެ.

އިމަޖެންސީ ހާލަތްތަކުގައި ވަކި ހާއްސަ އުސޫލެއްގެ ތެރެއިން އެސްޑީއެފް ފަންޑުގައި ހުރި ބޭރު ފައިސާ މަރުކަޒީ ބޭންކް، އެމްއެމްއޭ އަށް ނެގޭނެ ނިޒާމެއް އެކުލަވައިލުން މުހިއްމު ކަމަށް ވެސް އައިއެމްއެފުން ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސޮވެރިން ފަންޑު 2017 ވަނަ އަހަރު އުފެއްދީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ ތަފާތު މަޝްރޫއުތައް ހިންގުމަށްޓަކައި ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމަށެވެ. އެއީ އެމްއެމްއޭގެ ރިޒާވާ މުޅިން ތަފާތު، އެކަމަކު ފައިސާ ރައްކާ ކުރުމަށްޓަކައި އުފައްދާފައިވާ ފަންޑެކެވެ. ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު އެ ފަންޑުގެ ގާތްގަނޑަކަށް 90 ޕަސެންޓް މާރުކުރި އެވެ. އޭގެ ކުރިން އެ ފަންޑުހުރީ ޑޮލަރުންނެވެ.

އެސްޑީއެފް ފަންޑަށް މި ވަގުތު ޖަމާ ކުރަނީ އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އެވެ.

އައިއެމްއެފުން ބުނީ، ކުރިމަގުގައި އިތުރު ގޮތްގޮތުން ލިބޭ ބައެއް އާމްދަނީތައް ވެސް އެ ފަންޑަށް ޖަމާކުރެވޭނެ ފަދަ ގޮތަކަށް އެސްޑީއެފާ ގުޅޭ ގަވައިދު އިސްލާހުކޮށް، ފަންޑަށް ޖަމާކުރާ ފައިސާ އާއި އިންވެސްޓް ކުރެވޭނެ ގޮތްގޮތަށް އިތުރަށް ސާފުކޮށް ބަޔާން ކުރަން ޖެހޭ ކަމަށެވެ.

އެ ފަންޑު ކުރިން ބަލަހައްޓަމުން އައީ އެމްއެމްއޭއާ އެކު ހަދާފައިވާ ހާއްސަ ކޮމިޓީއަކުންނެވެ. ނަމަވެސް މިދިޔަ މަހު ވަނީ އެ ފަންޑު ބެލެހެއްޓުމުގެ ހުރިހާ ބާރެއް ފިނޭންސް މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.

އެސްޑީއެފް ފަންޑު މެނޭޖް ކުރުމުގައި އަމަލުކުރާ ގޮތް ބަލައި، އެ ފަންޑު ބަލަހައްޓާ ފަރާތް ޖަވާބުދާރީ ކުރެވޭނެ ގޮތްތަކެއް ގާނޫނަކުން ބަޔާންކޮށްފައި އޮންނަން ޖެހޭނެ ކަމަށް ވެސް އެ އިދާރާ އިން ލަފާ ދީފައިވެ އެވެ.

މި އަހަރުގެ މިހާތަނަށް އެސްޑީއެފަށް 500 މިލިއަން ރުފިޔާ ޖަމާކޮށްފައި ވެ އެވެ. މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް އެސްޑީއެފަށް ޖަމާކުރީ 6.4 ބިލިއަން ރުފިޔާ އެވެ.