Roadha Mihaaru
ގޯތި ދޫކުރަން ގުރު ނެގުން އޮންނާނީ ގަލޮޅު ދަނޑުގައި

ގޯތި ލިބޭ ތަން ކަނޑައަޅަން ގުރު ނެގުން އޮންނާނީ ގަލޮޅު ދަނޑުގައި

14 އޯގަސްޓް 2023

މާލެ ސަރަހައްދުން ދޫކުރާ ބަންޑާރަ ގޯތިތައް ލިބޭ މީހުންގެ މެދުގައި ގުރު ނެގުން އޮންނާނީ މާދަމާ ގަލޮޅު ރަސްމީ ދަނޑުގައި ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ ސަރަހައްދުން ދޫކުރާ ބަންޑާރަ ގޯތިތައް ލިބޭ މީހުންގެ މެދުގައި ގުރު ނެގުން އޮންނާނީ މާދަމާ ގަލޮޅު ރަސްމީ ދަނޑުގައި ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ގޯތި ކޮމެޓީގެ މެމްބަރު އަދި އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ ގޯތި ލިބޭ މީހުންގެ މެދުގައި ގުރު ނެގުން، ދެ ދުވަހަކަށް ބަހާލައިގެން ގަލޮޅު ދަނޑުގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ގުރު ނަގަން ބޭނުންކުރާނީ ޕްލޮޓް ނަންބަރު ޖަހާފައި ހުރި ކަރުދާސް ކޮޅުތަކެއް ހުރި ބަކެޓެކެވެ.

ހައުސިން މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް އާއި ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން. --ފޮޓޯ | ރައީސް އޮފީސް

ހައުސިން މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް އާއި ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން. --ފޮޓޯ | ރައީސް އޮފީސް

"އަޅުގަނޑުމެން މި ބުނާ ބަކެޓުން އެ ބޭފުޅަކަށް ގުރު އަތުން ނެގޭ [ކަރުދާސް ކޮޅުގައި އޮންނަ] ޕްލޮޓް އެ ބޭފުޅަކަށް ލިބޭނީ،" އާރިފް ވިދާޅުވި އެވެ.

"ގަސްތުކުރަނީ ގިނަވެގެން ދެ ދުވަސް ތެރޭގައި މި ހުރިހާ ބޭފުޅުންގެ ގުރު ނަގާ ނިންމާލެވޭނެ ކަމަށް. އޭރުން ގުރު ނަގާ ކޮންމެ ބޭފުޅަކަށް ހަމަ އެނގިލައްވާނެ އެ ބޭފުޅެއްގެ ޕްލޮޓް އިން ތަން."

ގުރުއަތު ނެގުން މާދަމާ އޮންނަ ގަޑި، ގޯތި ލިބުނު މީހުންނަށް މެސެޖަކުން އަންގާނެ ކަމަށް ކޮމިޓީގެ ޗެއާމަން، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ގޯތިތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު މިއަދު ހެނދުނު އާންމުކޮށްފަ އެވެ.

"ބިންވެރިޔާ"ގެ ނަމުގައި މި ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އާންމު ކުރި ވަގުތީ ލިސްޓުގައި ގޯތި ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 10،314 މީހެކެވެ. އެއީ ގޯއްޗަށް ކުރިމަތިލި މީހުންގެ 52 ޕަސެންޓެވެ.

ނަމަވެސް ސަރުކާރުން ވަނީ ޝަރުތު ހަމަ ނުވާ މީހުންނާ ގުޅިގެން ފޯމު ހުށަހެޅުމަށް ފުރުސަތު ދީފަ އެވެ. އެ ގޮތަށް ހުށަހެޅި މީހުން ހިމަނައިގެން މިއަދު އާންމު ކުރި ދާއިމީ ލިސްޓުގައި 18،955 މީހަކަށް ގޯތި ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ.