Roadha Mihaaru
ގޯތި ބަދަލުކުރާ މީހުންގެ މެދުގައި ގުރު ނަގައިފި

ގިރާވަރުން ގުޅިފަޅަށް ގޯތި ބަދަލުކުރާ މީހުންގެ މެދުގައި ގުރު ނަގައިފި

05 ޖޫން 2024

ގިރާވަރު ފަޅުން ގުޅިފަޅަށް ގޯތި ބަދަލުކޮށްދޭން އެދުނު 2،000 އަށް ވުރެ ގިނަ މީހުންގެ މެދުގައި އިއްޔެ ގުރު ނަގައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގިރާވަރު ފަޅުން ގުޅިފަޅަށް ގޯތި ބަދަލުކޮށްދޭން އެދުނު 2،000 އަށް ވުރެ ގިނަ މީހުންގެ މެދުގައި އިއްޔެ ގުރު ނަގައިފި އެވެ.

ގިރާވަރު ފަޅުން ގުޅިފަޅަށް ގޯތި ބަދަލުކޮށްދޭން އެދުނު މީހުންގެ މެދުގައި އިއްޔެ ވަނީ ގުރު ނަގައި ނިންމައިފަ އެވެ. ދަރުބާރުގޭގައި ބޭއްވި އެ ގުރު ނެގުމުގައި ގޯތި ބަދަލުކުރަން 2،210 މީހުން އެދިފައިވެ އެވެ.

ގުޅިފަޅަށް ބަދަލު ކުރަން ނިންމާފައި ވަނީ 1،250 އަކަފޫޓުގެ 193 ގޯއްޗާއި 1،650 އަކަފޫޓުގެ 663 ގޯއްޗާއި 2،050 އަކަފޫޓުގެ 487 ގޯއްޗާއި 2،450 އަކަފޫޓުގެ ހަތަރު ގޯއްޗެވެ. ނަމަވެސް 2،050 އަކަފޫޓާއި 2،450 އަކަފޫޓުގެ ގޯތި ގުޅިފަޅަށް ބަދަލުކުރުމަށް ހުށަހަޅާފައި ވަނީ ގުޅިފަޅަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދުން ކަމުގައި ވާތީ އެ މީހުންގެ މެދުގައި ގުރު ނުލަ އެވެ.

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން އެތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ގިރާވަރު ފަޅުން 1،347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމީ މިދިޔަ އޭޕްރިލް މަހު އެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ދިލްޝަން އަބްދުﷲ "މިހާރު" އަށް ވިދާޅުވި ގޮތުގައި، އިއްޔެ ބޭއްވި ގުރުލުމުގައި ވަނީ 1،250 އަކަފޫޓުގެ 196 ގޯއްޗާއި 1،650 އަކަފޫޓުގެ 583 ގޯތި ބަދަލުކޮށްދީފަ އެވެ.

އޭނާ ވިދާޅުވީ ދެން އޮންނާނީ ގުޅިފަޅަށް ގޯތި ބަދަލުކުރި މީހުންނަށް ގޯތި ދޭނެ ބިންތައް ކަނޑައެޅުން ކަމަށެވެ. އަދި އެއަށް ފަހުގައި މިހާރު ދޫކޮށްފައިވާ ބިމުގެ ރަޖިސްޓްރީތައް ނުވަތަ އެއްބަސްވުންތަކަށް އިސްލާހު ގެނައުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު ކޮންފާމްވީ [ގުޅިފަޅަށް] މޫވްކުރާ ލިސްޓު. އަދި އަޅުގަނޑުމެން ޖެހޭނެ ލޭންޑް ޔޫސް ޕްލޭންއާ އެކު އެ މީހުންނަށް ގޯތި ލިބޭ ތަން ފައިނަލް ކުރަން ވެސް. އެހެންވެ އެ ގުރު ނެގުން ވެސް އަދި އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

ގުޅިފަޅު ހިއްކުން ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޮކްޓޯބަރު 17، 2019 ގަ އެވެ. އެއީ ދެ ބިލިއަން ރުފިޔާ އަށް 65 ހެކްޓަރު ހިއްކާށެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމާފައި ވަނީ ގުޅިފަޅަށް އިތުރު 85 ހެކްޓަރު އިތުރުކޮށް، ދެވަނަ ފިޔަވަހިން 150 ހެކްޓަރު އިތުރު ކުރާށެވެ. އެ ބައި ހިއްކުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.