Roadha Mihaaru
ލަފާދޭ ކޮމިޓީގެ ބައްދަލުވުން ދޫކޮށް ޖޭޕީ ނުކުމެއްޖެ!

ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ބުނެ ޖޭޕީން ބައްދަލުވުން ދޫކޮށްލައިފި

14 އޯގަސްޓް 2023

ސަރުކާރުގެ ކުންފުނިތަކާއި ވަސީލަތްތައް ބޭނުންކޮށްގެން ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ އެ ޝަކުވާ ކުރި ނަމަވެސް އިންތިހާބާ ގުޅިގެން އުފައްދާފައިވާ ގައުމީ ލަފާދޭ ކޮމިޓީގައި އެ ހިޔާލުތައް ފާޅުނުކުރެވޭ ކަމުގެ ކަންބޮޑުވުމާ އެކު، ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިއަދުގެ ބައްދަލުވުން ދޫކޮށް، ނުކުމެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ސަރުކާރުގެ ކުންފުނިތަކާއި ވަސީލަތްތައް ބޭނުންކޮށްގެން ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ އެ ޝަކުވާ ކުރި ނަމަވެސް އިންތިހާބާ ގުޅިގެން އުފައްދާފައިވާ ގައުމީ ލަފާދޭ ކޮމިޓީގައި އެ ހިޔާލުތައް ފާޅުނުކުރެވޭ ކަމުގެ ކަންބޮޑުވުމާ އެކު، ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިއަދުގެ ބައްދަލުވުން ދޫކޮށް، ނުކުމެއްޖެ އެވެ.

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ ކަންކަމުގައި އީސީން އުފައްދާފައިވާ ގައުމީ ލަފާދޭ ކޮމިޓީގެ ތިން ވަނަ ބައްދަލުވުމުގައި ފުރަތަމަ އޮތީ އެހެން ގައުމުތަކުގައި ވޯޓު ދޭ ވަގުތުތަކާ މެދު މަޝްވަރާ ކުރުމެވެ. އެ މަޝްވަރާގެ ފުރުސަތުގައި އިންތިހާބަށް ނުފޫޒު ފޯރުވާ ވާހަކަ ޖޭޕީގެ މަންދޫބު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު ރިޔާޒް ރަޝީދު ދައްކަވަން ފެއްޓެވުމުން، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވަނީ ހުއްޓުވައިފަ އެވެ. ހަބީބް އެދިވަޑައިގަތީ މަންދޫބުންނަށް އިތުރު ވާހަކަ ދައްކަވަން ލިބޭ ފުރުސަތުގައި އެ ވާހަކަ ދެއްކެވުމަށެވެ.

ރައްޔިތުން އަޅުގަނޑުމެން މި ދެއްކި ވާހަކައަށް ކަންބޮޑުވޭ، އެހެންވީމާ އަޅުގަނޑު މި ހިސާބުން މި ކޮމިޓީން ދޫކޮށްލާނަން، އަޅުގަނޑުމެންނަށް އެ ފުރުސަތެއް ނެތި ކޮމިޓީގައި މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް ކަމަށް ދެކެނީ : ރިޔާޒް

ފުރުސަތު ލިބިވަޑައިގަތުމުން އަލުން އެ ވާހަކަ ފައްޓަވައި، ރިޔާޒް ވިދާޅުވީ ރިޔާސީ އިންތިހާބަށް ސަރުކާރުން އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

"ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން އެބަތިބި ކެމްޕެއިނަށް ނެރެފައި. އަދި ސަރުކާރުގެ މުދަލާއި ތަކެތި ބޭނުން ކުރަމުން ގެންދޭ އެބަ. މިއީ ވަރަށް ބޮޑު މައްސަލައެއް. ވަރަށް ފުންކޮށް ވިސްނަވާ މި ކަމަށް،" ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ވިދާޅުވި އެވެ.

އޭގެ ބައެއް ކުންފުނިތަކުގެ ތެރޭގައި ފެނަކަ ހިމެނޭ ކަމަށް ވިދާޅުވެ، ރިޔާޒް ވާހަކަ ކުރިއަށް ގެންދަވަނިކޮށް ތިން މިނެޓުގެ ވަގުތު ހަމަވެއްޖެ ކަން ފާހަގަކުރައްވައި ހަބީބް ވަނީ ދެ ވަނަ ފުރުސަތެއްގައި އިތުރު ވާހަކަ ދެއްކުމަށް އެދިވަޑައިގެންފަ އެވެ.

ނަމަވެސް ރިޔާޒް ހެއްދެވި ގޮތަކީ އިތުރު ފުރުސަތެއް ބޭނުން ނޫން ކަމަށާއި ކަންބޮޑުވުންތަކުގެ އަޑު އީސީން ނާހާ ކަމަށް ވިދާޅުވެ، ބައްދަލުވުން ދޫކުރައްވައި ނުކުމެވަޑައިގަތީ އެވެ.

"މި ކޮމިޓީ އަށް އަޅުގަނޑުމެން އަންނަނީ މި ހުރި ކަންތައްތަކުގެ ކަންބޮޑުވުންތަކުގެ ވާހަކަ ދައްކަން. ނޫނިއްޔާ އަޅުގަނޑުމެން މި ތަނުގައި ތިބުމުގެ ބޭނުމެއް ނެތް. އަޅުގަނޑު އެދެން އަޑު އައްސަވާލައްވަން އަޅުގަނޑުގެ ވާހަކަ، ރައްޔިތުން އަޅުގަނޑުމެން މި ދެއްކި ވާހަކައަށް ކަންބޮޑުވޭ. އެހެންވީމާ އަޅުގަނޑު މި ހިސާބުން މި ކޮމިޓީން ދޫކޮށްލާނަން. އަޅުގަނޑުމެންނަށް އެ ފުރުސަތެއް ނެތި ކޮމިޓީގައި މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް ކަމަށް ދެކެނީ،" ބައްދަލުވުމުން ނުކުމެވަޑައިގަންނަވަމުން ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮމިޓީގެ ބައްދަލުވުންތަކަށް ދެން ހާޒިރު ވާނީ އެ މާހައުލު އުފެދުނު ދުވަހަކުންނެވެ.

ސިޔާސީ ޕާޓީތަކުން ވެސް މިތާނގައި ވާހަކަ ދައްކަންވީ ގައުމީ ލަފާ ކޮމިޓީގެ މައުލޫއުގެ ތެރެއިން ކޮމިޓީގައި ތިއްބަވާ މެންބަރުން އަޅުގަނޑުމެންނަށް ނިސްބަތްވާ ގޮތަށް:--- ހަބީބް

ރިޔާޒްގެ ވާހަކަތަކާ ގުޅިގެން ހަބީބް ވިދާޅުވީ، އެ ވާހަކަތައް ދައްކަން ޖެހޭނީ އޮންނަ އުސޫލުގެ ދަށުން ކަމަށެވެ.

"މިތާނގައި [ދައްކާނީ] ދިވެހި ރައްޔިތުންނަށްޓަކައި ދައްކާ ވާހަކައެއް ނޫން. ސިޔާސީ ޕާޓީތަކުން ވެސް މިތާނގައި ވާހަކަ ދައްކަންވީ ގައުމީ ލަފާ ކޮމިޓީގެ މައުލޫއުގެ ތެރެއިން ކޮމިޓީގައި ތިއްބަވާ މެންބަރުން އަޅުގަނޑުމެންނަށް ނިސްބަތްވާ ގޮތަށް،" ހަބީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް ބާއްވަނީ ރައްޔިތުންނަށް ކަންކަން އަންގައިދިނުމަށް ނޫން ކަމަށެވެ.