Roadha Mihaaru
ވަށަފަރު ސިޓީ ހޮޓާ ހަ މަސް ތެރޭ ހުޅުވާނަން: މުއިއްޒު

ވަށަފަރުގައި ނުނިމި ހުރި ސިޓީ ހޮޓާ ހަ މަސް ތެރޭ ހުޅުވާނަން: މުއިއްޒު

14 އޯގަސްޓް 2023

ވަށަފަރުގައި ނުނިމި ދިގުލައިގެންދާ ސިޓީ ހޮޓެލް، ވެރިކަމުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ނިންމައި ހުޅުވާނެ ކަމަށް، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވަށަފަރުގައި ނުނިމި ދިގުލައިގެންދާ ސިޓީ ހޮޓެލް، ވެރިކަމުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ނިންމައި ހުޅުވާނެ ކަމަށް، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ހއ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުގައި، އުފަން ރަށް، ވަށަފަރަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ސިޓީ ހޮޓާ ހުޅުވުމުން އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

އެހެންވެ، އޭނާގެ މަސައްކަތްތަކުގެ ތެރޭގައި، ކައުންސިލުން 2013 ވަނަ އަހަރު ހަދަން ހަވާލުކުރި ސިޓީ ހޮޓާ ވެސް ހިމެނޭކަން ފާހަގަކުރެއްވި އެވެ.

ރަށުގެ ބޮޑު ބިމެއްގައި ހަދާ ސިޓީ ހޮޓަލުގެ މަސައްކަތް ނުނިމި، ހަވާލުކުރި ފަރާތާއި ކައުންސިލާ ދެމެދު ވަނީ މައްސަލަ ޖެހި އެއްބަސްވުން ބާތިލްކޮށްފަ އެވެ. އެ މައްސަލަ ވަނީ އޭސީސީއަށް ވެސް ހުށަހަޅައިފަ އެވެ.

ވަޒީފާ އިތުރުކޮށްދިނުމަކީ ސަރުކާރުން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކަމަށާއި ރައްޔިތުން ފުދުންތެރިކުރުމަކީ ސަރުކާރުން ކޮށްދޭންޖެހޭ އެންމެ މުހިއްމު ކަންތައްތައް ކަމަށް ވެސް ވިދާޅުވި އެވެ.

"ސިޓީ ހޮޓަލެއްގެ މަސައްކަތް ވެސް ކުރިއަށް އެބައޮތް. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އިރާދަކުރެއްވިއްޔާ އެ ސިޓީ ހޮޓަލަކީ އަޅުގަނޑުމެންގެ ވެރިކަމުގެ ފުރަތަމަ ހަ މަސް ދުވަހު ހުޅުވޭ ތަނަކަށް ވެގެންދާނެ." އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރަށުގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އެ މަސައްކަތް ކޮށްދިނުމުގައި ބަލަންވީ އެ ރަށެއްގެ އާބާދީއަކަށް ނޫން ކަމަށާއި ރައްޔިތުން ހިދުމަތް ދިނުމުގައި ސަރުކާރުން ތަފާތު ކޮށްގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މި ރަށުގެ ތަރައްގީ އާއި ކުރިއެރުމަށްޓަކައި މި ރަށުގެ ރައްޔިތުން އެދިލައްވާ ކުރިއެރުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހާސިލްކޮށްދޭނަން." ޕީޕީއެމް ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ވަށަފަރަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ޕީޕީއެމް

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ވަށަފަރަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ޕީޕީއެމް

"ގެދޮރުވެރިކަން އެންމެންނަށް، ވަޒީފާ އެންމެންނަށް. މިއީ، އަޅުގަނޑުމެންގެ މޮޓޯ. އެހެންވީމަ، ވަޒީފާ ފޯރުކޮށްދިނުމަށްޓަކައި މިފަދަ މަޝްރޫއުތައް އަވަހަށް ނިންމަންޖެހޭ."

މުއިއްޒު ވަނީ ރަށްރަށުގައި ގިރާ ސަރަހައްދު ހިމާޔަތްކުރުން ފަދަ އަސާސީ ވައުދުތައް ވާތީ ވެސް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ފަދަ އަސާސީ ކަންކަން ކޮށްދިނުމަށް ވައުދުވާކަށް ނުޖެހޭނެ އެވެ.

"ރަށް ގިރުން، ކުނި މެނޭޖްކުރުން، މިހެން ހުންނަ ކަންތައްތަކަކީ ސިޔާސީ ފަރާތްތަކުން ނުވަތަ އެކި ފަރާތްތަކުން ޕޯޑިއަމަށް އަރައި ވައުދުވާންޖެހޭ ކަންކަމެއް ނޫން. އެހެން ނަމަވެސް، ކަންތައްތައް ގައުމުގައި ހިނގާ ގޮތަކީ ރައްޔިތުންނާ މެދުގައި ގިނަ ފަހަރަށް ނުވިސްނާ ކަންކަން ހަވާލުވެ ހުންނަ ފަރާތްތަކުން. ރައްޔިތުން ތަހައްމަލުކުރަން ޖެހެނީ ވަރަށް ދަތި އުނދަގޫ ދުވަސްތައް. ދެން ވައުދު ވަނީ، ވައުދު ވެފައި އެ ވައުދު ނުފުއްދާ ދަނީ. އެއީ އިހުލާސްތެރިކަން ނެތީމަ ވާ ގޮތް." އޭނާ ވިދާޅުވި އެވެ.

ހަތް އަހަރު ހައުސިން މިނިސްޓަރުކަން ވެސް ކުރެއްވި މުއިއްޒު ވިދާޅުވި ގޮތުގައި އޭނާ ވެރިކަމަށް ހޮވިވަޑައިގެންފި ނަމަ އަސާސީ ކަންކަމަކީ ހުރިހާ ރައްޔިތުންނަށް ޔަގީން ކަންތައްތަކެއް ކަމަށެވެ. ރަށްރަށުގައި ހުރި އެފަދަ ހުރިހާ މައްސަލައެއް ހައްލުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ރަށުގެ ވެސް ބިން ހުސްވަމުންދާތީ، މުއިއްޒު ވިދާޅުވީ ބިން އިތުރުކޮށް ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކޮށްދޭނެ ކަމަށެވެ. ބިން ދޫކޮށް، ގެ އަޅަން އުނދަގޫވާނަމަ އެފޯޑަބްލް ލޯނު ލިބޭނެ ގޮތް ވެސް ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.