Roadha Mihaaru
ތިލަދުންމައްޗަށް އޮތް އިތުބާރަކީ މުއިއްޒުގެ ހީވާގި މާޒީ

ތިލަދުންމައްޗަށް އޮތް އިތުބާރަކީ މުއިއްޒުގެ ހީވާގި މާޒީ!

16 އޯގަސްޓް 2023

މި ސަރުކާރުން ވައުދުވި ތަރައްގީގެ މަޝްރޫއުތައް ފަށާފައި އެބަހުއްޓެވެ. ސިއްހީ ފަރުވާ ރަނގަޅުކުރުމުން ފެށިގެން މަގު ހެދުމާއި ކުޅިވަރު ކޮމްޕްލެކްސް އަދި އެނޫން ވެސް ކަންކަމެވެ. އެކަމަކު ބައެއް ރަށްރަށަށް ނުލިބުނު އުފަލަކީ އޭގެ ތެރެއިން ބައެއް މަސައްކަތްތައް މާ ލަހުން ނިމޭތީ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި ސަރުކާރުން ވައުދުވި ތަރައްގީގެ މަޝްރޫއުތައް ފަށާފައި އެބަހުއްޓެވެ. ސިއްހީ ފަރުވާ ރަނގަޅުކުރުމުން ފެށިގެން މަގު ހެދުމާއި ކުޅިވަރު ކޮމްޕްލެކްސް އަދި އެނޫން ވެސް ކަންކަމެވެ. އެކަމަކު ބައެއް ރަށްރަށަށް ނުލިބުނު އުފަލަކީ އޭގެ ތެރެއިން ބައެއް މަސައްކަތްތައް މާ ލަހުން ނިމޭތީ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުއިއްޒުގެ ކެމްޕެއިން ފުރަތަމަ ދަތުރުން ތިލަދުންމަތީގެ 11 ރަށުން އަޑުއިވުނު އެންމެ ބޮޑު ޝަކުވާއަކީ ވެސް އެއީ އެވެ.

އެ ސަރަހައްދުގެ މައި ހަބް، ކުޅުދުއްފުށީގެ ތަރައްގީއަށް ކުރަން ފަށާފައިވާ މަސައްކަތްތައް ނުނިމި ދިގުލައިގެން ގޮސް، ރައްޔިތުން މާޔޫސްވިކަން އެންމެ ބޮޑަށް އެނގިގެން ދިޔައީ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ދެ އަހަރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު، އެ ރަށަށް މިދިޔަ ހޮނިހިރު ދުވަހު ވަޑައިގަތުމުން ކީ މަރުހަބާއަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މުއިއްޒުގެ ބައްޕަ ރަށް، ވަށަފަރަށް ވަޑައިގަތުމުން އޭނާއަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: ޕީޕީއެމް

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މުއިއްޒުގެ ބައްޕަ ރަށް، ވަށަފަރަށް ވަޑައިގަތުމުން އޭނާއަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: ޕީޕީއެމް

އެހެންވެ، އެ މީހުން ގަބޫލުކުރާ ގޮތުގައި، ތަރައްގީގެ ލީޑަރު، ޔާމީނާއެކު ފަސް އަހަރު ހޭދަކުރެއްވި މުއިއްޒަކީ އެ މަނިކުފާނުގެ ޕްރޮޑަކްޓެއް ކަމަށެވެ. ތަރައްގީގެ މަޝްރޫއުތަކުގައި ރާއްޖެ އެތައް ގުނައެއް ކުރިއެއް ޖެއްސެވި މޭސްތެރިޔާ އާއެކު ދައުރެއް އަދި އެ ވެރިކަމުގައި ހިންގި ތަރައްގީގެ ބިޔަ މަޝްރޫއުތަކުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ މުއިއްޒަށް އިތުބާރުކުރަނީ އެހެންވެގެން ކަމަށް އެ މީހުން ބުނެ އެވެ.

ކުޅުދުއްފުށިން ވާހަކަދެއްކި މީހަކު ބުނީ މާލެ އާއި ހުޅުމާލެ ގުޅާލަދެއްވި ބޭފުޅަކަށް، އެ ސިޓީގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވެންވީ ސަބަބެއް ކަމަށެވެ. އެއީ މުއިއްޒު އަށް ވަރަށް ފަސޭހަ ކަމަކަށް ވާނެ ކަމަށާއި، އޭނާއަށް ބޮޑު އިތުބާރެއް ކުރެވެނީ އެކަންކަމާ ހެދި ކަމަށް ބުންޏެވެ.

"ހޮސްޕިޓަލް އެޅުމާއި މަގުތައް ހެދުމާއި ފްލެޓު އެޅުމަކީ މުއިއްޒު ވަރަށް ފަރިތަ ކަންކަން. އެ ހުރިހާ ކަމެއް ވެސް ފަށައި ނިންމައި، އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެކަން ހަމަ ކަށަވަރު." އޭނާ ބުންޏެވެ.

އިހަވަންދޫގައި މިރޭ ބޭއްވި ޑރ. މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވި ބައެއް މީހުން: މި ޖަލްސާ އިހަވަންދޫގެ ގިނަ ބަޔަކު ދިޔަ.---ފޮޓޯ: ޕީޕީއެމް

އިހަވަންދޫގައި މިރޭ ބޭއްވި ޑރ. މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވި ބައެއް މީހުން: މި ޖަލްސާ އިހަވަންދޫގެ ގިނަ ބަޔަކު ދިޔަ.---ފޮޓޯ: ޕީޕީއެމް

"ބްރިޖު ވެސް އަޅުއްވައިފި. ހިޔާ ފްލެޓުތައް އެ ހުރީ ނިމިފައި. މުއިއްޒަށް އިތުބާރު ނުކުރަންވީ ސަބަބެއް ނެތެއް ނޫންތޯ." ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒު ވިދާޅުވި ގޮތުގައި މުއިއްޒު ވައުދެއް ވެވަޑައިގެންފިނަމަ، އެކަމެއް އެގޮތަށް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ރައީސް ޔާމީންގެ ދައުރުގައި ކެލާގެ ތަރައްގީ އަދި މުޅި ރާއްޖޭގެ ތަރައްގީގެ ހުރިހާ ކަމެއްގައި ވެސް އެ މަނިކުފާނާ އެންމެ ގާތުން ހުރިހާ ކަމެއް ތަންފީޒުކުރައްވަން މަސައްކަތްކުރެއްވި ވަޒީރަކީ އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒު. މުއިއްޒު އަޅުގަނޑުމެންގެ ޕާޓީން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މަސައްކަތްކުރާއިރު، މުއިއްޒު އެ ވައުދުވެވަޑައިގަންނަވާ ކަންކަމަކީ އެ ކަން ކުރެވޭނެ ކަމުގެ ޔަގީންކަން އޮވެގެން ވައުދުވި ކަންކަން." އޭނާ ވިދާޅުވި އެވެ.

"ކެލައަށް ވެވަޑައިގެންނެވި ވައުދުތައް ހަމަ ރަނުން ރަނަށް ފުއްދާނެ ކަމާ މެދު އެއްވެސް ޝައްކެއް، ކެލާގެ އެއްވެސް ރައްޔިތަކު އަދި އަޅުގަނޑުމެން ވެސް ނުކުރަން."

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ހދ. ހަނިމާދުއަށް ވަޑައިގެން އެ ރަށު ދުވަސްވީ މީހަކާ ބައްދަލުކުރަނީ -- ފޮޓޯ: ޕީޕީއެމް

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ހދ. ހަނިމާދުއަށް ވަޑައިގެން އެ ރަށު ދުވަސްވީ މީހަކާ ބައްދަލުކުރަނީ -- ފޮޓޯ: ޕީޕީއެމް

ޔާމީންގެ ވެރިކަމުގައި އެ ރަށުގައި ނަރުދަމާ އަޅައި އިންޖީނުގެ އާއި ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމާއި ފުޓްސަލް ދަނޑާއި ވޮލީ ކޯޓު އަޅައި އަދި ޒުވާނުންގެ މަރުކަޒެއް ބިނާކޮށްދިނެވެ.

"ލިސްޓް ވަރަށް ދިގު. ބައިވަރު ކަންކަން ރައީސް ޔާމީންގެ ދައުރުގައި ކޮށްދީފައި ހުރީ." އިންފާޒު ވިދާޅުވި އެވެ.

ހއ. ބާރަށު ބަނދަރުގައި މުއިއްޒަށް މަރުހަބާ ކިޔަން ހުރި ޒުވާނަކު ބުނީ، މުއިއްޒުގެ ހިންގުންތެރިކަން ފަސް އަހަރު ފެނިފައިވާ ކަމަށެވެ. އެހެންވެ، ފަސް އަހަރަށް އޭނާ ވެރިކަމަށް އިންތިހާބުކޮށްފިނަމަ، ރާއްޖެ މިއިން ޒަމާނެއްގައި ނުދެކޭހާ ތަރައްގީ ފެންނާނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށް އޭނާ ބުންޏެވެ.

"ހިތްތިރި، ހިންގުންތެރި އޯގާތެރި ބޭފުޅެއް ޑރ. މުއިއްޒަކީ. ތައުލީމާއި ތަޖުރިބާގައި ރާއްޖެ ބަދަލުކޮށްލާނެ ކަމާ މެދު ޝައްކެއް ނެތް." އެ ޒުވާނާ ބުންޏެވެ.