Roadha Mihaaru

މުއިއްޒުގެ މަންމާފުޅުގެ ޔަގީންކަން: ދަރިކަލުންނަށް ވާނެ، ކޮށްދޭނެ!

05 އޮކްޓޯބަރ 2023

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ މަނިކުފާނުގެ މަންމާފުޅު ހުސްނާ އާދަމް ސިފަކުރެއްވީ ފަހަށް ކަންކަން ނުބަހައްޓަވާ، ވަގުތުން މަސައްކަތް ނިންމަވާ، ބަސްއަހާ ދަރިއެއްގެ ގޮތުގަ އެވެ. ގައުމުގެ ރައީސްކަމާ އަންނަ މަހު ހަވާލުވެވަޑައިގަންނަވާއިރު ހުސްނާ އަށް އޮތީ އެ ޔަގީންކަމެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ މަނިކުފާނުގެ މަންމާފުޅު ހުސްނާ އާދަމް ސިފަކުރެއްވީ ފަހަށް ކަންކަން ނުބަހައްޓަވާ، ވަގުތުން މަސައްކަތް ނިންމަވާ، ބަސްއަހާ ދަރިއެއްގެ ގޮތުގަ އެވެ. ގައުމުގެ ރައީސްކަމާ އަންނަ މަހު ހަވާލުވެވަޑައިގަންނަވާއިރު ހުސްނާ އަށް އޮތީ އެ ޔަގީންކަމެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން 126،000 އަށްވުރެ ގިނަ ވޯޓުން، ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ވެރިކަމަށް ހޮވިވަޑައިގަތް މުއިއްޒުގެ ތުއްޕުޅު ހަޔާތުން ވެސް ފެނިގެން ދިޔައީ، ހުސްނާ ވިދާޅުވި ގޮތުގައި ނަމޫނާ ސިފަތަކެކެވެ. ބަސް މަދު، މަޑުމައިތިރި ސިފަތަކެއް ނަމަވެސް، ކުރައްވަން ބޭނުންފުޅުވި ކަމެއް، ހަމައެކަނި ދަރިކަލުން ހާސިލްކުރައްވާނެ ކަމާ މެދު ހުސްނާގެ ސުވާލެއް ނެތެވެ. ވައުދުތައް ވެސް، އެ ވެވަޑައިގެންނެވި ގޮތަށް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ދެ ރައީސުން ކަމަށްވާ ޑރ. މުހައްމަދު ވަހީދާއި އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވިއިރު އަދި މާލޭގެ މޭޔަރުގެ ހައިސިއްޔަތުން މިހާރު ރައްޔިތުންނަށް ހިދުމަތް ދެއްވުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުއްވުޅުމަކީ އޭގެ އެއް ހެއްކެއްކަން ހުސްނާ ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބިޔަ ޕްރޮޖެކްޓު، ސިނަމާލެ ބްރިޖު ވަގުތަށް ނިންމައި ބޭނުންކުރަން ފެށުމަކީ މުއިއްޒުގެ ހަލުއި ދުވެލި ސްޕީޑުން އެންމެ ކަމެކެވެ.

"އަޅުގަނޑުގެ ފުރިހަމަ ޔަގީންކަން އެބައޮތް އެއްވެސް މީހަކަށް ތަފާތު ކުރުމެއް ނެތި ހުރިހާ ހިދުމަތެއް އޭނަ [މުއިއްޒު] ދެއްވާނެ ކަމަށް." ހުސްނާ، 61، ވިދާޅުވި އެވެ.

އިންތިހާބީ ރައީސް މުއިއްޒު، އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ (ކ)، އާއި މަންމަ އަދި ދޮންބައްޕަ އާއި މުއިއްޒުގެ އެއްބަނޑު ކޮއްކޮ ސައުދާ، ވޯޓުލައްވަން ވަޑައިގެންނެވުމުގެ ކުރިން ނެންގެވި ސެލްފީ

އިންތިހާބީ ރައީސް މުއިއްޒު، އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ (ކ)، އާއި މަންމަ އަދި ދޮންބައްޕަ އާއި މުއިއްޒުގެ އެއްބަނޑު ކޮއްކޮ ސައުދާ، ވޯޓުލައްވަން ވަޑައިގެންނެވުމުގެ ކުރިން ނެންގެވި ސެލްފީ

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެ ކަމަށް ދަރިކަލުން ވިދާޅުވިޔަސް، އެ ޕްރައިމަރީ ކާމިޔާބުވާނެ ކަމަށް ފުރަތަމަ އުއްމީދު ނުކުރައްވާ ކަމަށް ހުސްނާ ވިދާޅުވި އެވެ. އެކަމަކު، ނަތީޖާ ނުކުތީ ހީކުރީ ގޮތަކަށް ނޫނެވެ. މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްއާ ވާދަކުރައްވައި، ދެ ވޯޓުގެ ތަފާތަކުން އެ މަނިކުފާނު ކުރި ހޯއްދަވައި، ގެކޮޅުން ދަރިކަލުންނާ ބައްދަލުވުމުން ހުސްނާ ނަސޭހަތް ދެއްވި އެވެ.

"ވަރަށް ބޮޑު އަމާނާތެއް ކަމާއި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޒިންމާކަމާއި ހުރިހާ ރައްޔިތުންނަކީ ވެސް އެއް ހަމައެއްގައި، އެއް ލެވެލްއެއްގައި މަސައްކަތްކޮށްދޭން ޖެހޭ މީހުން ކަމާއި ތަފާތުކުރުމެއް ނެތި ހިދުމަތްކޮށްދޭން ޖެހޭނެ ކަމާއި، މި ކަހަލަ ގޮތްގޮތުން ވަރަށް ނަސޭހަތް ދިނިން އަޅުގަނޑު." ހުސްނާ ވިދާޅުވި އެވެ.

ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރައްވަމުން، ފުރަތަމަ ބުރާއި ދެ ވަނަ ބުރުގައި ވެސް އެތައް ސަތޭކަ ބައެއްގެ ތާއީދާ އެކު މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވުމުން، ހުސްނާ ވިދާޅުވީ އޭނާ އަށް ވެސް ފުރަތަމަ ޖަހާލެވުނީ ޝުކުރުގެ ސަޖިދައެއް ކަމަށެވެ.

ޔޫކޭގައި ހުންނެވިއިރު، ކޮއްކޮ އަށް މުއިއްޒު ފޮނުއްވި ސިޓީއެއް.

ޔޫކޭގައި ހުންނެވިއިރު، ކޮއްކޮ އަށް މުއިއްޒު ފޮނުއްވި ސިޓީއެއް.

"ހިތަށް އެރީ މާތްﷲ ހުރިހާ ކަމެއް ވެސް ނިންމަވާނީ އެންމެ ރަނގަޅަށް ކަމަށް. އޭރު ކުރެވުނު އިހުސާސްތައް ބުނެދޭން ނޭނގޭ. ވަރަށް އުފާވި." ހުސްނާ ވިދާޅުވި އެވެ.

ހުރިހާ ކަމެއްގައި ވެސް އެންމެ ކައިރީގައި މުއިއްޒު

ހުސްނާގެ އަލަތު ކައިވެންޏަށް ލިބިވަޑައިގަތީ މުއިއްޒު އެކަންޏެވެ. އެ މަނިކުފާނު ތުއްޕުޅުއިރު، މަންމަ އާއި ބައްޕަ ވަކިވެ، ހުސްނާ އެހެން ކައިވެންޏެއް ކުރެއްވި އެވެ. ގްރޭޑު ހަތަކާ ހަމައަށް މުއިއްޒު ދިރިއުޅުއްވީ، އެއްބަނޑު ކޮއްކޮ ފާތިމަތު ސައުދާއާ އެކު މަންމަ ކައިރީގަ އެވެ.

މުއިއްޒުގެ މަންމާފުޅު ހުސްނާ "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މުއިއްޒުގެ މަންމާފުޅު ހުސްނާ "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ކިޔަވަން އެކި ރަށްރަށުން އަންނަ ކުދިންނާ އެކު ހުސްނާގެ އަމިއްލަ ގެކޮޅުގައި އޭރު ވެސް ދިޔައީ އެތައް ބަޔަކު ދިރިއުޅެމުންނެވެ. އެހެންވެ، މުއިއްޒުގެ ކިޔެވުމަށް ހާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން، ބައްޕާފުޅު ޝެއިހު ހުސެއިން އަބްދުއްރަހްމާންގެ ވެސް އެދިވަޑައިގަތުމާ އެކު އެ މަނިކުފާނު ބަދަލުވެވަޑައިގެންނެވީ ބައްޕާފުޅުގެ އަރިހަށެވެ. އެކަމަކު، އެ ހުރިހާ ކަމެއްގައި އެންމެ ބޮޑު އެއް އެހީތެރިއަކަށް އޭރު ވެސް ހުންނެވީ މަންމާފުޅެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މުއިއްޒު ހޮޅުދު އަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަންމާފުޅު ސަލާމްކުރައްވަނީ. ހުސްނާ ކައިވެނި ބައްލަވައިގެން އުޅުއްވަނީ މި ރަށުގެ ބޭފުޅަކާ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މުއިއްޒު ހޮޅުދު އަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަންމާފުޅު ސަލާމްކުރައްވަނީ. ހުސްނާ ކައިވެނި ބައްލަވައިގެން އުޅުއްވަނީ މި ރަށުގެ ބޭފުޅަކާ.

ނަމަވެސް، ރިޔާސީ އިންތިހާބުގެ މި ކެމްޕެއިންގެ ތެރޭގައި މުއިއްޒާ ދެކޮޅަށް ހިންގި ކެމްޕެއިންގައި އެންމެ ބާރަށް ދައްކަމުން ދިޔަ އެއް ވާހަކަ އަކީ އެ މަނިކުފާނާއި މަންމާފުޅާ ދެމެދު ރަނގަޅު ގުޅުމެއް ނެތް ކަމަށް ބުނެ އެވެ.

ހުސްނާ ވިދާޅުވީ ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރު މުއިއްޒު އެންމެ ފުރަތަމަ ހައުސިން މިނިސްޓަރަކަށް އައްޔަންކުރަން ނިންމުމުން ވެސް ދަރިކަލުން ގުޅުއްވައި އެކަން ހިއްސާކުރެއްވި ކަމަށެވެ. އެ ދުވަސްވަރު މުއިއްޒުގެ ބޭފުޅުން ބެލެހެއްޓެވީ ހުސްނާ އެވެ. ދެ ތަނެއްގައި ދިރިއުޅުއްވަމުން ގެންދެވިޔަސް، މެންދުރު ފަރިއްކުޅުއްވަން މުއިއްޒު، މަންމާފުޅުގެ ގެކޮޅަށް ވަޑައިގަންނަވަ އެވެ. އަދި ކޮންމެ ހުކުރެއްގައި ވެސް މުއިއްޒުގެ އަނބިކަނބަލުންނާއި ބޭފުޅުންނާ އެކު މެންދުރުގެ ކެއުމަށް ވަޑައިގަންނަވާ ކަމަށް ހުސްނާ ވިދާޅުވި އެވެ.

"ވަރަށް ގުޅުން އޮވޭ ދެން އަޅުގަނޑާ ޖެހޭ ހުރިހާ ކަމެއްގައި ވެސް މުއިއްޒު ހަމަ އެއްވެސް ކަހަލަ ދެބަސްވުމެއް ނެތި ކޮށްދެއްވާނެ. އަޅުގަނޑު އަނެއްހެން ބުނާކަށް ނުޖެހޭ މުއިއްޒު ކައިރީގައި ކަމެއް ކޮށްދޭށެކޭ މި ގޮތަކަށް. ނުބުންޏަސް މި ދެންނެވީ ހުރިހާ ކަމެއް ވެސް ކޮށްދޭނެއޭ އަޅުގަނޑަށް." ހުސްނާ ވިދާޅުވި އެވެ.

މުއިއްޒުގެ ކައިވެނީގެ ހަފުލާގައި އަނބިކަނބަލުންނާއި އެއްބަނޑު ކޮއްކޮ ސައުދާއާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.

މުއިއްޒުގެ ކައިވެނީގެ ހަފުލާގައި އަނބިކަނބަލުންނާއި އެއްބަނޑު ކޮއްކޮ ސައުދާއާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.

ހުސްނާ ވިދާޅުވީ މީގެ ކުރިން ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ލޭގެ މައްސަލައެއް ހުރިކަން އެނގިވަޑައިގެންނެވުމާ އެކު، އަވަހަށް ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ވަޑައިގަތުމަށާއި މަންމަގެ ހުރިހާ ކަމެއްގެ ޒިންމާއާ މުއިއްޒު ހަވާލުވެވަޑައިގެންނެވި ކަމަށެވެ.

"އޭރުއްސުރެ ތިން މަހުން ތިން މަހުން މުއިއްޒު ހަމަ އަޅުގަނޑު ގޮވައިގެން ބޭސް ފަރުވާގެ ހުރިހާ ކަމެއް ކުރައްވާނެ. އަދި ވަރަށް ފަހުން ވަރަށް ބޮޑަށް ބަލިވެގެން، މަޑުމަޑުން ބަލިވަމުން ގޮސް ދެން ވަރަށް ބޮޑަށް ބަލިވީމަ އިމަޖެންސީކޮށް އަޅުގަނޑު ބޭރަށް ފޮރުވާ ހޮސްޕިޓަލްގެ ކަންކަން ހަމަޖައްސައި އަނެއްކޮޅުން ކައިރީގައި ބަހައްޓާ ނަރުހަކު ހަމަޖައްސައި، އެ މީހަކަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދެއްވައި، ހުރިހާ ކަމެއް އެގޮތުން ވެސް ކޮށްދިނީ މުއިއްޒު."

ދެ ބޭފުޅުންގެ ގުޅުމާއި އަދި މުއިއްޒުގެ މަންމަ އާއި ދޮންމަންމަ އަށް އިހާނެތިކޮށް ކަންތައްތައް ކުރެއްވި ކަމަށް ދައްކާ ވާހަކަތައް ހުސްނާ ދޮގުކުރެއްވި އެވެ. ސޯޝަލް މީޑިއާގައި މީހުން ދައްކާ ވާހަކަތައް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ހުސްނާ އަށް ފެއްޓުނީ ކީރިތި ކުރައްވާށެވެ.

"ވަރަށް ދެރަވި، ވަރަށް އަސަރުކުރި." ހުސްނާ ވިދާޅުވި އެވެ.

"އެއީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ވާހަކައެއް ނޫން. އަޅުގަނޑާ މުއިއްޒުއާ ވަރަށް ގުޅުން އޮވޭ ހަމަ. ހިއްސާކުރޭ ހަމަ ހުރިހާ ވާހަކައެއް ވެސް. މި ބުނީ ދިރިއުޅުމާ ގުޅޭގޮތުން ވެސް ހުރިހާ ވާހަކައެއް ހިއްސާކުރޭ. ވަރަށް ގުޅުން އޮވޭ. އެއީ މީހުން ދައްކާ ދޮގު ވާހަކަ."

ހުސްނާ "މިހާރު" އަށް އިންޓަވިއު ދެއްވަނީ

ހުސްނާ "މިހާރު" އަށް އިންޓަވިއު ދެއްވަނީ

ހުސްނާގެ ފިރިކަލުންނާ އެކު ދިމްޔާތުގައި ދިރިއުޅުއްވާތާ ތިން އަހަރުވެއްޖެ އެވެ. އެ ގެކޮޅަށް މުއިއްޒުގެ އާއިލާ ވެސް ބަދަލުވެވަޑައިގަތީ އޭގެ ފަހުންނެވެ.

ކެމްޕެއިންގައި 24 ގަޑިއިރު، ފޯނު ބާއްވާނެ ވަގުތެއް ނުލިބި

ހުސްނާގެ ބަލި ހާލަތު ހުރިގޮތުން ކެމްޕެއިނަށް ތަންތަނަކަށް ވަޑައެއް ނުގެންނެވެ އެވެ. އެކަމަކު، ގެކޮޅުގައި "ކޯލް ސެންޓަރު" ހައްދަވައިގެން ދަރިކަލުންނަށް ވޯޓު ހޯދަން ދުވާލު ހަތަރުދަމު މަސައްކަތްކުރެއްވި އެވެ.

އެ ދުވަހަކު މަސައްކަތް ކުރާނެ މީހުންގެ ލިސްޓެއް ހަދައިގެން، ހެނދުނުން ފެށިގެން ރޭގަނޑު ނިދުމާ ހަމައަށް ދުވާލަކު އެތައް ބަޔަކަށް ގުޅައި، ދެ ވަނަ ބުރުގެ ވޯޓާ ހަމައަށް ކެމްޕެއިން ކުރެއްވި ކަމަށް ހުސްނާ ވިދާޅުވި އެވެ.

މުއިއްޒަށް އިންތިހާބު ކާމިޔާބުވުމުން ގިނަ ފޯނު ކޯލުތަކެއް ލިބުނެވެ.

މުއިއްޒުގެ މަންމާފުޅު ހުސްނާ: މުއިއްޒު ސިޔާސީ ބޮޑެތި ކަންކަން ނިންމެވުމުގެ ކުރިން ވެސް ލަފާ އައްސަވާ ކަމަށް ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ| މިހާރު

މުއިއްޒުގެ މަންމާފުޅު ހުސްނާ: މުއިއްޒު ސިޔާސީ ބޮޑެތި ކަންކަން ނިންމެވުމުގެ ކުރިން ވެސް ލަފާ އައްސަވާ ކަމަށް ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ| މިހާރު

"އެރޭ ވެސް ހަމަ ފޯނު ބާއްވާނެ ވަގުތު ވެސް ނުލިބޭ. މަރުހަބާ ކިޔަން މީހުން ގުޅާ ގުޅާ. އަނެއްކާ އިއްޔެ ވެސް، މިއަދު ވެސް ފޯނު ބާއްވާނެ ވަގުތު ނުލިބޭ. އެހެން ނޫންތޯ ވާނީ، އެހާ ގިނަ މީހުން އަޅުގަނޑާ ރައްޓެހިވާނެ." ހުސްނާ ވިދާޅުވި އެވެ.

މުއިއްޒުގެ އުމުރުފުޅުން 45 އަހަރުފުޅު ވެގެން ދިޔައިރު، މަންމާފުޅާ ދުރުގައި ހުންނެވީ އިނގިރޭސިވިލާތުގައި ތައުލީމް ހާސިލްކުރައްވަން އުޅުއްވި އަހަރުތަކުގަ އެވެ. އިންޓަނެޓު އާއްމެއް ނޫނެވެ. އެއީ 90ގެ ފަހުކޮޅަށް ވުމުން ސީދާ ފޯނުން ގިނައިން ވާހަކަދެއްކުމަކީ ދަތި ކަމެކެވެ. އެކަމަކު، ގުޅުން ދަމަހައްޓަން ކޮންމެ މަހަކު ކަހަލަ ގޮތަކަށް މުއިއްޒު ގެންދެވީ ކޮއްކޮ އާއި މަންމަ އަށް ސިޓީގެ ޒަރީއާއިން މުއާމަލާތް ކުރައްވަމުންނެވެ. ނަމަވެސް، ބައެއް މީހުން ގަބޫލުކުރި ގޮތަށް އެ ގުޅުން ދުވަހަކު ވެސް ވަކިވެގެންނެއް ނުދެ އެވެ.