Roadha Mihaaru
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން

ޕްލާސްޓިކް ކޮތަޅުގެ އަގު ހެޔޮކުރާކަށް ތާއީދެއް ނުކުރަން: ނަޝީދު

24 އެޕްރީލް 2023

ބޭނުންކޮށްފައި އެއްލައިލާ ބާވަތުގެ ޕްލާސްޓިކް މަދުކުރުމަށްޓަކައި ޕްލާސްޓިކްގެ އަގު ހެޔޮކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބޭނުންކޮށްފައި އެއްލައިލާ ބާވަތުގެ ޕްލާސްޓިކް މަދުކުރުމަށްޓަކައި ޕްލާސްޓިކްގެ އަގު ހެޔޮކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ޕްލާސްޓިކް ކޮތަޅުން އަގު ނަގަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރި ކުނި މެނޭޖް ކުރުމާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ އަންގާރަ ދުވަހުން ފެށިގެން އަންނަނީ ޕްލާސްޓިކް ކޮންމެ ކޮތަޅަކުން ދެ ރުފިޔާ ނަގަމުންނެވެ. އެއާއެކޮ، ކޮތަޅު ބޮނޑިއެއްގެ އަގު އެތައް ގުނައެއް ބޮޑުވެފައި ވެ އެވެ.

އެކަމާ ގުޅިގެން އާއްމުންގެ ރުޅިގަނޑު ފަޅައިގެން ގޮސްފައިވާއިރު، ސަރުކާރުން ވަނީ އެ ގާނޫނަށް ބައެއް ބަދަލުތައް ގެންނަން ރައްޔިތުންގެ މަޖިލިހަށް އިސްލާހެއް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ކޮތަޅު ބޮނޑީގެ އަގު ހެޔޮވާނެ އިސްލާހު ހިމެނެ އެވެ.

ސަރުކާރުން މިދިޔަ މަހު ރައްޔިތުންގެ މަޖިލިހަށް ފޮނުވި އެ އިސްލާހުގެ ބަހުސް މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައިވަނިކޮށް، މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވީ، އާއްމުންގެ ސިއްހަތާއި ތިމާވެއްޓަށް ބޮޑު ގެއްލުމެއް ލިބޭތީ ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި ވަކާލާތުކުރީ އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް މަދުކުރުން ކަމަށެވެ.

ކަމެއް ކޮންޓްރޯލް ކުރުމަށް ހުރި ގޮތްގޮތަކީ، ކުރީގެ ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ޓެކްސް ބޮޑުކުރުން ނުވަތަ އުގޫބާތެއް ކަނޑައެޅުމެވެ. އެގޮތަށް، ޕްލާސްޓިކް ކޮތަޅުގެ އަގު ބޮޑުކުރީ ވެސް އެކަން އެނގި ތިބެ ކަމަށާއި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށް ކުރާ މަސައްކަތް ހުއްޓާލައިގެން ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ޕްލާސްޓިކް ކޮތަޅު އަގު ހެޔޮކުރާކަށް ތާއީދެއް ނުކުރަން،" ނަޝީދު ވިދާޅުވި އެވެ.

އެ އަށް ފަހު، އެ މަނިކުފާނު ވަނީ އާއްމުންގެ ފާޑުކިޔުންތަކާ އެކު، ކުނި މެނޭޖުކުރުމުގެ ގާނޫނު އިސްލާހުކުރަން އުޅޭތީ ފާޑު ވިދާޅުވެފަ އެވެ.

"... އަދި ވަކިން ސަރުކާރުގެ ސިޔާސަތު ލާހޫރޭ ކަމީ އެމްޑީޕީ އަށް ލިބޭ ބޮޑު ދެރައެއް. އަޒުމެއް، މީޒާނެއް ނެތް. ލީޑަޝިޕަކީ ކުރިއަށް ނުކުމެ، ކަންކަމާ ކުރިމަތިލުން. ބަދަލު ގެނެވޭނެ ހިތްވަރު ހުރީމަ،" އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިޔާލު ތަފާތު ވެގެން އެ ޕާޓީގެ ކަންކަމާ ދުރުގައި ހުންނަވާ ނަޝީދު ވިދާޅުވި އެވެ.

ޕްލާސްޓިކް ކޮތަޅު އަގު ހެޔޮކުރާކަށް ތާއީދެއް ނުކުރަން"--- ނަޝީދު

ކުނި މެނޭޖް ކުރުމުގެ ގާނޫނު މިހާރު އޮތް ގޮތުން ހޯލްސޭލް ރޭޓުގައި ކޮތަޅު ބޮނޑި ގަތަސް އެ ބޮނޑީގެ އަގުގެ އިތުރުން އެ ބޮނޑީގައިވާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ. ސަބަބަކީ އެ ގާނޫނުގެ 32 ވަނަ މާއްދާގައި ފީ ނެގުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި ކޮތަޅު ބޮނޑި ގަތުން ނުހިމެނުމެވެ. އެ މާއްދާ އަށް ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ވަނީ 50 ނުވަތަ އެ އަށް ވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ވެސް ފީ ނަގަން ނުޖެހޭނެ ކަމަށެވެ.

އާއްމުންގެ ފާޑުކިޔުންތަކާ ގުޅިގެން އެންވަޔަރްމެންޓް މިނިސްޓްރީން ބުނީ ކުނި މެނޭޖް ކުރުމުގެ ބިލު މަޖިލީހުން ފުރަތަމަ ފާސްވެގެން އައި އިރު އެ މާއްދާ އުނިކުރެވިފައިވާ ކަމަށާއި ނަމަވެސް އެއީ މުހިންމު ބިލަކަށް ވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ ކަމަށެވެ. މިހާރު ހުށަހަޅާފައިވާ ބިލް ފާސް ކުރުމުން ކަންްބޮޑުވުންތައް ހައްލުވާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.