Roadha Mihaaru
އެކި ދާއިރާތަކުގެ ކޯޑިންއަށް 1000 މީހުން އުފައްދަނީ

ތަފާތު ދާއިރާތަކުން ކޯޑިން އަށް 1،000 ޒުވާނަކު ތަމްރީން ކުރަނީ

01 ފެބުރުއަރީ 2017

ތަފާތު ދާއިރާތަކުން ކޯޑިން ޕްރޮފެޝަނަލްސް އުފެއްދުމަށްޓަކައި މި އަހަރުގެ ތެރޭގައި 1،000 ފުރުސަތު ހުޅުވާލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިރޭ ވިދާޅުވެއްޖެ އެވެ.

ތަފާތު ދާއިރާތަކުން ކޯޑިން ޕްރޮފެޝަނަލްސް އުފެއްދުމަށްޓަކައި މި އަހަރުގެ ތެރޭގައި 1،000 ފުރުސަތު ހުޅުވާލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިރޭ ވިދާޅުވެއްޖެ އެވެ.

"މިސަރުކާރުގެ އަމާޒަކީ ޒުވާނުން މި ދާއިރާ އިން ބާރުވެރިކުރުވުން. އެއީ ޖާވާ، ޕައިތަން ޕީއެޗްޕީ ނުވަތަ ސްވިފްޓް ފަދަ ކޮމްޕިއުޓާ ލެންގުއޭޖް ދާއިރާ އިން އެޑްވާންސް ޓްރޭނިން ފޯރުކޮށްދެވިގެން. މިރޮނގުން ކާމިޔާބުވާ ޒުވާނުންނަކީ ދުނިޔޭގައި ދެން އުފެދޭ އެޕް ނުވަތަ ޔުނިކޮން ސްޓާޓަޕްގެ ވެރިން،" ސަރުކާރުން ތަމްރީންކުރާ 1،000 ފޮޓޯގްރާފަރުންނާ ކެމެރާ ހަވާލުކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

އައިޝަތު ޝިހާމް ފާހަގަކުރެއްވި ގޮތުގައި ކޯޑިން އަށް މީހުން އުފެއްދުމަށްޓަކައި ހިންގާ ކޯސްތަކަކީ ގޫގުލް ފަދަ އެންމެ އުފެއްދުންތެރި ކުންފުނިތަކުން ގަބޫލްކުރާ ކޯސްތަކަށް ވާނެ އެވެ. އަދި އެ ކޯސްތައް ނިމުމުން އެތައް ހާސް ވައްތަރެއްގެ އާ ވަޒީފާތަކެއް އުފެދޭނެ ކަމށް ވިދާޅުވި އެވެ.

"... ގޭގައި ތިބެ އަދާކުރާ ވަޒީފާތަކާއި އަދިވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި އުފެދިފައިވާ ކުންފުނިތަކާ ގުޅިގެން މަސައްކަތްތައް ކުރެވިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ތަމްރީނުތަކަށް އެދިއެދި ތިބި 5،470 ޒުވާނަކަށް މިހާތަނަށް ވަނީ ތަފާތު ރޮނގުތަކުން ސެޓްފިކެޓް ދީފައި ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ޒުވާނުންނަށް އަމާޒުކޮށްގެން ގިނަ ތަމްރީނު ޕްރޮގްރާމްތައް ފެށީ ރައީސް ޔާމީންގެ ވެރިކަން ފެށުނު ފަހުން ނުވަތަ 2014 އަދި 2015 ގަ އެވެ.

މިރޭގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވާހަކަ ދައްކަވަނީ.---ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މިރޭގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވާހަކަ ދައްކަވަނީ.---ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މިނިސްޓަރު ވިދާޅުވީ 1،000 ފާމަސީ އެސިސްޓެންޓުން އަދި 1،000 ކޭޝިއަރުން ތަމްރީން ކުރަން 2015 ގައި ފެށި ކަމަށެވެ. މީގެ އިތުރުން ޓޫރިޒަމްގެ ދާއިރާ އިން 8،000 ފުރުސަތު ހުޅުވާލައި އަދި މިވަގުތު ވެސް 900 އަށް ވުރެ ގިނަ ދަރިވަރުން ނަރުހުންގެ ގޮތުގައި ތަމްރީން ވަމުން އަންނަ ކަމަށް ވެސް އައިޝަތު ޝިހާމް ވިދާޅުވި އެވެ.

"ދިވެހި ޒުވާނުންނާއި ކިޔަވާކުދިންނަށް މިއަދު ހުޅުވިގެންދާ ދޮރަކީ ފޮޓޮގްރަފީ އަށް ޝައުގުވެރިކަން ހުންނަ ދަރިވަރުންނަށް ތަމްރީނެއް ލިބުން. މުޖުތަމައުގައި ފައިދާ ހުރި މަސައްކަތެއް ކޮށްގެން ގަދަރުވެރިކަމާ އެކީ އާމްދަނީ ހޯދޭނެ ދޮރެއް ހުޅުވުން،" މިނިސްޓަރު ވިދާޅުވި އެވެ.

އައިޝަތު ޝިހާމް ވިދާޅުވީ އަލަށް ފެށޭ ފޮޓޯގްރަފީ ކޯހުގައި 1،000 ފޮޓޯގްރަފަރުން ތަމްރީން ކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ. އަދި އެ ފޮޓޮގްރާފަރުންނަށް މިއަދުން ފެށިގެން ވަޒީފާ ވެސް ޔަގީންވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ސަބަބަކީ މި ކޯހުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް އެންމެ މިހާރުގެ ޓެކްނޮލޮޖީ ހިމެނޭ ޕްރޮފެޝަނަލް ކެމެރާއެއް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައި،" އައިޝަތު ޝިހާމް ވިދާޅުވި އެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ދިވެހި ޒުވާނުންނަކީ ވަރަށް ވިސްނުން ތޫނު ހުނަރުވެރި ބައެކެވެ.

"ރާއްޖޭގެ ކުދިންނަށް ވެސް އޮތީ ހަމައެކަނި ރާއްޖޭގައި ހުރި އިންޑަސްޓްރީތަކުގެ ވަޒީފާތަކަށް ހިފެހެއްޓިފައެއް ނޫން. މި ކުދިންނަށް ވެސް އޮތް މުސްތަގުބަލުގެ ކޮޅުމަތި އޮތީ ހަމަ އަޅުގަނޑުމެންގެ ހިތްވަރާ ގުޅިފައި،" އައިޝަތު ޝިހާމް ވިދާޅުވި އެވެ.