Roadha Mihaaru
400 އަށް ވުރެ ގިނަ ފޮޓޯގްރާފަރުން ތަމްރީނު ކޮށްފި

400 އަށް ވުރެ ގިނަ ފޮޓޯގްރާފަރުން ތަމްރީނު ކޮށްފި

25 ސެޕްޓެމްބަރ 2017

ހަމައެކަނި ދިވެހިންނަށް ވަޒީފާ އަދާކުރެވޭ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ފޮޓޯގްރަފީ އަށް 400 އަށް ވުރެ ގިނަ މީހުން ތަމްރީނު ކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހަމައެކަނި ދިވެހިންނަށް ވަޒީފާ އަދާކުރެވޭ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ފޮޓޯގްރަފީ އަށް 400 އަށް ވުރެ ގިނަ މީހުން ތަމްރީނު ކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ފޮޓޯގްރާފަރުން ތަމްރީނުކުރަން ހިންގި ދެ ވަނަ ޕްރޮގްރާމްގައި ބައިވެރިވި 414 މީހަކަށް މިރޭ ވަނީ ސެޓްފިކެޓްދީފަ އެވެ.

އެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ މިދިޔަ އަހަރު އޭޕްރީލް މަހު ފެށި ޕްރޮގްރާމްގައި 249 ޒުވާނަކު މިހާރުވެސް ތަމްރީނު ހޯދަމުން އަންނައިރު 100 އަށް ވުރެ ގިނަ ޒުވާނުން އެ ދާއިރާގެ ވަޒީފާތަކުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މީގެ ކުރިން ޒުވާނުން ސިފަކޮށްފައިވަނީ މުޖުތަމައުއަށް ބުރައަކަށް ވެފައިވާ ބައެއްގެ ގޮތުގައި ކަމަށާއި ނަމަވެސް ރައީސް ޔާމީން ވަނީ އެ ތަސައްވަރު ބަދަލުކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޒުވާނުން ތިބީ ހައްގު މަގާމް ހޯދައިދޭން ވެރިއަކަށް ބަލަބަލާ، ހުޅުވާލި ކޮންމެ ފުރުސަތެއް ބޭނުންކުރުމަށް ތައްޔާރަށް،" ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި ހަފުލާގައި މިނިސްޓަރު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ފޮޓޯގްރަފީގެ ދާއިރާއަކީ ހަމައެކަނި ދިވެހިން ހަރަކާތްތެރިވާ ދާއިރާއަކަށް މިސަރުކާރުން ހަދާފައިވާއިރު އެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނަކަށް މަހެއްގެ މައްޗަށް 2000 ޑޮލަރު (ގާތްގަނޑަކަށް 30،840ރ.) އާއި 3000 ޑޮލަރު (ގާތްގަނޑަކަށް 46،260ރ.)ގެ އާމްދަނީއެއް ލިބެމުން އަންނަ ކަމަށެވެ.

އެއްވެސް މަސައްކަތަކީ އާދައިގެ މަސައްކަތެއް ކަމަށް ނުދެކި މަސައްކަތް ކުރަންވީ ވަގުތު ޖެހިއްޖެ ކަމަށާއި މިއަށްވުރެ ބޮޑަށް ގައުމު ތަރައްގީ ކުރަން އުޅުން ޒަމާނެއް ނެތް ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ޒުވާނުން ތަމްރީނު ކުރަން ހިންގާ ޕްރޮގްރާމްތަކުގެ ތަފްސީލް ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ފެނަކަ އާއި އެޑިއުކޭޝަން ގުޅިގެން އިލެކްޓީޝަން ކޯހަށް 1600 ޒުވާނުން ބައިވެރިވެފައިވާއިރު ސްކޫލު ކުދިންގެ ތެރެއިން ވޭތުވެދިޔަ ދެ އަހަރު ތެރޭގައި 2700 އަށްވުރެ ގިނަ ދަރިވަރުން ވަޒީފާތަކާއި މަސައްކަތްތަކަށް ތަމްރީނު ކޮށްފައިވާ ކަމަށެވެ.

ދަސްވާރު ޕުރޮގުރާޕުގައި ބައިވެރިވި 83 ޕަސެންޓް ކުދިން އުޅެނީ ވަޒީފާގައި ނުވަތަ އިތުރަށް ތައުލީމް ހޯދުމުގައި ކަމަށާއި ޓިވެޓު އޮތޯރިޓީ މެދުވެރިކޮށް މިދިޔަ އަހަރުން ފެށިގެން 6484 މީހުން ތަމްރީންކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.