Roadha Mihaaru
އާބަންކޯ މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެ: މުއިއްޒު

ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ގެންނާނީ އާބާންކޯގެ މުވައްޒަފުން ބާކީ ނުވާ ގޮތަށް: މުއިއްޒު

23 އޯގަސްޓް 2023

ހުޅުމާލެ ހިންގުން އާބަންކޯގެ އަތުން ނަގައި، ސިޓީ ކައުންސިލްގެ ބާރުގެ ދަށަށް ބަދަލު ކުރާނީ އެ ކުންފުނީގެ މުވައްޒަފުންގެ ވަޒީފާ އަށް އަސަރު ނުކުރާނެ ގޮތަށް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ ށ. ކަނޑިތީމުން އައިޝަތު ނުޒުހާ

ހުޅުމާލެ ހިންގުން އާބަންކޯގެ އަތުން ނަގައި، ސިޓީ ކައުންސިލްގެ ބާރުގެ ދަށަށް ބަދަލު ކުރާނީ އެ ކުންފުނީގެ މުވައްޒަފުންގެ ވަޒީފާ އަށް އަސަރު ނުކުރާނެ ގޮތަށް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ށ. އަތޮޅާއި ނ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ށ. ކަނޑިތީމަށް ވަޑައިގެން މުއިއްޒު ވިދާޅުވީ، ހުޅުމާލޭގެ އިހުތިސާސްގެ ދަށުން ލިބިދޭ ބާރުތައް ކައުންސިލަށް ނަގާނެ ކަމަށް އޭނާ ކުރިން ދެއްކެވި ވާހަކަ ސަރުކާރަށް ތާއީދު ކުރާ މީހުން ދައްކަނީ އޮޅުވާލައިގެން ކަމަށެވެ.

މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރާނީ ގާނޫނު އިމުގެ ތެރެއިން އެ ކަމަށް ލިބިދޭ ބާރުތަކުގެ ދަށުން ކަމަށެވެ.

"އެއްވެސް މީހެއްގެ ވަޒީފާއެއް ނުގެއްލޭނެ. މުސާރައެއް ވެސް ކުޑައެއް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވީ ބަޖެޓް ބަދަލުކުރާނަމޭ. ބަޖެޓާ އެކީގައި ރިސޯސް މާނައަކީ ބޭނުންކުރާ ވެހިކަލްތަކާއި އެކަމަށް ބޭނުން ކުރާ އެހެން އާލާތްތަކާ އެކީ ބަދަލުކުރާނަމޭ. މުވައްޒަފުން ބަދަލުވުމަކީ އެ މީހުންގެ އަމިއްލަ އަތްމަތީގައި އޮތް ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަމާ ގުޅިގެން ދެއްކެވި ވާހަކަތައް އޮޅުވާލައިގެން އާބަންކޯގެ 500 އެއްހާ މުނިސިޕަލް މުވައްޒަފުންގެ ވަޒީފާ ގެއްލި، މުސާރަ ކުޑަވާނެ ކަމުގެ ބިރު ސަރުކާރުން ދައްކަމުންދާ ކަމަށެވެ.

"އެއްވެސް މީހެއްގެ ވަޒީފާއެއް ނުގެއްލޭނެ. މުސާރައެއް ވެސް ކުޑައެއް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް ބަޖެޓު ބަދަލުކުރުމަށް ފަހު، ކައުންސިލަށް ބޭނުންވާ އިތުރު މުވައްޒަފުން އަލުން ނަގާނެ ކަމަށާއި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަގީން ކަން އޭނާ ދެއްވި އެވެ.

ކަނޑިތީމު ކެމްޕެއިނު ޖަލްސާގެ ތެރެއިން ޕީޕީއެމްގެ ސަޕޯޓަރުންތަކެއް-- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު

ކަނޑިތީމު ކެމްޕެއިނު ޖަލްސާގެ ތެރެއިން ޕީޕީއެމްގެ ސަޕޯޓަރުންތަކެއް-- ފޮޓޯ: ފަޔާޒް މޫސާ \ މިހާރު

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ 2 ގައި ބޭއްވި ކެމްޕެއިނު ޖަލްސާގައި މުއިއްޒު ވިދާޅުވީ، މާލެއަކީ ވިލިމާލެ އާއި މާލެއާއި ހުޅުމާލެ ކަމަށެވެ. ނަމަވެސް ވިޔަފާރި ކުންފުންޏެއްގެ ދަށުގައި ހުޅުމާލެ އޮތުމުން އެކަމުގެ ގެއްލުން ރައްޔިތުންނަށް ކުރާތީ އެކަން ބަދަލުކުރުމަށް އޭނާ ވައުދު ވެވަޑައިގެންނެވި އެވެ.

"އެހެންވީމާ، ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތެއް ބެލެހެއްޓުން، މާލެ ސިޓީ ކައުންސިލާ، މި ތަނުގެ އެކަމަށް ބޭނުންވާ ބަޖެޓާއި ރިސޯސަސްއާ އެއްކޮށް އިރާދަކުރެއްވިއްޔާ ހަވާލުކުރާނަން،" މުއިއްޒު އެ ރޭ ވިދާޅުވި އެވެ.

ކަނޑިތީމަށް މުއިއްޒުގެ ގިނަ ވައުދުތަކެއް

ކަނޑިތީމުގެ މީހުންނާ ބައްދަލުކުރައްވައި މުއިއްޒު ވަނީ އެ މީހުން އެދުނު ހުރިހާ ކަމެއް އޭނާގެ ވެރިކަމެއްގައި ކޮށްދެއްވުމަށް ވައުދުވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ރަށް ގިރުމާއި ކުނީގެ މައްސަލަ ހައްލުކުރުމާއި ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅު ކުރުމާއި މި ރަށުގެ މައި މަގުތަކުގައި ތާރު އެޅުން ހިމެނެ އެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ބިލެތްފަހީގެ ފަޅުގައި އެއާޕޯޓެއް ހަދައި، އެ ސަރަހައްދުގައި ޓޫރިޒަމްގެ މަޝްރޫއުތައް ފެށުމަށް ވެސް މުއިއްޒު ވައުދުވެވަޑައިގަތެވެ. މުއިއްޒު ވިދާޅުވީ އެއީ މި ދާއިރާގެ ތަރައްގީއަށްޓަކައި މުހިންމު މަޝްރޫއެއް ކަމަށެވެ.

ބިލެތްފަހި ފަޅުގައި އެއާޕޯޓެއް ހަދާނެ ކަމަށް މުއިއްޒު ވިދާޅުވިއިރު، މި ސަރުކާރުން ވެސް ގެންދަނީ ބިލެތްފަހި އެއާޕޯޓުގެ މަސައްކަތް ކުރަމުންނެވެ.

މުއިއްޒުގެ ށ، ނ. ގެ ކެމްޕެއިނު ދަތުރުފުޅުގައި މިއަދު ދެން ވަޑައިގަންނަވާނީ މި އަތޮޅުގެ ފޭދޫ އަށެވެ. ދެން ލިސްޓުގައި އޮތީ ކޮމަންޑު އާއި ފޯކައިދު އާއި މިލަންދޫގެ އިތުރުން އަތޮޅު ވެރިކަން ކުރާ ފުނަދޫ އެވެ. ނ. އަތޮޅުގެ ރަށްރަށަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މާދަމާ އެވެ.