Roadha Mihaaru
ބޭރުކުޅުންތެރިންގެ ގޯލުތަކުން މާޒިޔާއިން ސަސް ބަލިކޮށްފި

އަލަށް ގެނައި ބިދޭސީ ކުޅުންތެރިންގެ ގޯލުތަކުން މާޒިޔާ އިން ސަސް ބަލިކޮށްފި

23 އޯގަސްޓް 2023

ދިވެހި ޕްރިމިއާ ލީގު ތާވާލްގެ ދެވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ވާދަކޮށް 3-0 އިން މޮޅުވެގެން ޗެމްޕިއަން މާޒިޔާ އެއްވަނައިގައި ލީޑު ފުޅާކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ދިވެހި ޕްރިމިއާ ލީގު ތާވާލްގެ ދެވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ވާދަކޮށް 3-0 އިން މޮޅުވެގެން ޗެމްޕިއަން މާޒިޔާ އެއްވަނައިގައި ލީޑު ފުޅާކޮށްފި އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު މި ދެޓީމު ބައްދަލުކުރުމުގެ ކުރިން މާޒިޔާ އާއި އީގަލްސް އަށްވުރެ މެޗެއް އިތުރަށް ކުޅެގެން ސަސް އޮތީ ޕޮއިންޓެއްގެ ތަފާތުން ދެވަނައިގަ އެވެ. މި މެޗުން މޮޅުވެގެން މާޒިޔާ އަށް މެޗުން 22 ޕޮއިންޓް ހަމަކުރިއިރު، ސަސް ދެވަނައިގައި އޮތީ ނުވަ މެޗުން ލިބުނު 18 ޕޮއިންޓާ އެކު އެވެ.

ލީގުގެ ތިންވަނައިގައި އޮތީ ހަތް މެޗުން 17 ޕޮއިންޓް ހޯދާފައިވާ އީގަލްސް އެވެ. މިރޭ ކުޅޭ މެޗުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް އީގަލްސް ނުކުންނާނެ އެވެ.

މިއީ ސަސް އާއި މާޒިޔާ މި ސީޒަންގައި ބައްދަލުކުރި ތިންވަނަ މެޗެވެ. ލީގު ފުރަތަމަ ބުރުގައި ވެސް ހަމަ މި ނަތީޖާއިން މާޒިޔާ މޮޅުވިއިރު، ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލްގައި މާޒިޔާ މޮޅުވީ 8-0 އިންނެވެ.

އަންނަ މަހު ފަށާ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖަށް ތައްޔާރުވާ މާޒިޔާ ވަނީ ބިދޭސީ ހަ ކުޅުންތެރިން އެޓީމަށް ގެނެސްފަ އެވެ. މިއަދުގެ މެޗު ފެށީ އޭގެ ތެރެއިން ފަސް ކުޅުންތެރިން ފުރަތަމަ 11 ގައި ހިމަނައިގެންނެވެ. މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް އާއި ސާބިއާގެ ފޯވާޑް ވޮޖިސްލާވް ބަލަބަނޮވިޗް އާއި ގާނާގެ މިޑްފީލްޑަރު ރޭގަން އޮބެންގް އާއި ކްރޮއޭޝިއާގެ ޑިފެންޑަރު ސެބަސްޓިޖާން އެންޓިކް އަދި ސާބިއާގެ މިޑްފީލްޑަރު ބްރަނިމިއޭ ޖޮސިޗް އެވެ. ޖަޕާން މިޑްފީލްޑަރު ޓޮމޯކީ ވާޑާ ކުޅެން ނުކުތީ ފަހު ހާފުގަ އެވެ.

ސަސް ކޮޅަށް މާޒިޔާ ގޯލު ޖަހައި ލީޑު ނެގީ 33 ވަނަ މިނިޓުގައި އޮބެންގް ކޯނަރަކުން ނެގި ބޯޅަ ޖޮސިޗް ބޮލުން ގޯލަށް ފޮނުވާޅައިގެންނެވެ. އަދި ހުސެއިން ނިހާން (ނިހާޓް) ދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން ބަލަބަނޮވިޗް ލީޑު ފުޅާ ކޮށްދިނީ 41 ވަނަ މިނިޓުގަ އެވެ.

މިއީ ދެ ކުޅުންތެރިން ވެސް މާޒިޔާ އަށް ބަދަލުވެ ގޯލު ޖެހި ފުރަތަމަ ފަހަރެވެ. އަދި މިއީ ޖޮސިޗް ކުޅުނު ފުރަތަމަ މެޗު ވެސް މެއެވެ. ބަލަބަނޮވިޗް ވަނީ މާޒިޔާ އެންމެ ފަހުން އީގަލްސް އާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގައި ކުޅެފަ އެވެ.

މާޒިޔާ ލީޑު ނެގުމުގެ ކުރިން ސަސް އިން ކައުންޓާ އެޓޭކްތަކުގައި ރަނގަޅު ދެ ފުރުސަތެއް ހޯދި ނަމަވެސް އެންމެ ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ. މާޒިޔާގެ ގޯލަށް އެންމެ ނުރައްކާ ވީ ސަސްގެ އަހުމަދު ހުސާމމް (ހުސާންކޮ) ފޮނުވާލި ހަމަލާގަ އެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ހުރަސް ވެގެން ދަނޑި ކައިރިން ބޭރަށެވެ. ދެވަނަ ހާފު ފެށިގެން ވެސް ހުސާންކޮ އަށް ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. މިފަހަރު ލިބުނު ފުރުސަތުގައި ވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސް ވެގެންނެވެ.

މާޒިޔާގެ ތިންވަނަ ލަނޑަކީ މެޗުގެ 70 ވަނަ މިނިޓުގައި ބަލަބަނޮވިޗް ހުރަސްކޮށްލަން ޖެއްސި ބޯޅަ ސަސްގެ ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ) ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.

މެޗުގެ ފަހު ވަގުތު ބަލަބަނޮވިޗް އަށް އިތުރު ގޯލެއް ޖަހަން ވެސް ފުރުސަތު ލިބުނެވެ. ނަމަވެސް ސަސްގެ ކީޕަރު އަބްދުﷲ ޒިމާމް ކައިރިން ނައްޓާލާފައި އޭނާ ފޮނުވާލި ބޯޅަ ދިފާއު ކުރީ ޓީމުގެ ޒުވާން ކެޕްޓަން އަހުނަފް ރަޝީދު (އަހުއްކޮ) އެވެ.