Roadha Mihaaru
ބާކީ 4 ތަނބު، ޑިސެމްބަރަށް ވިލިމާލެއާ ބްރިޖް ގުޅޭނެ

ބާކީ ހަތަރު ތަނބު، ވިލިމާލެއާ ހަމައަށް ބްރިޖު ނިމޭނީ ޑިސެމްބަރަށް

29 އޯގަސްޓް 2023

މާލެ އިން ތިލަފުއްޓަށް ގުޅާލާ "ގްރޭޓާ މާލެ ޕްރޮޖެކްޓް"ގެ އަމަލީ މަސައްކަތް ފެށީ ސެޕްޓެމްބަރު 2021 ގަ އެވެ. ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާ މި ބްރިޖުގެ މަސައްކަތް ލަސް ކަމަށް ސަރުކާރުން ވެސް އެއްބަސްވެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މާލެ އިން ތިލަފުއްޓަށް ގުޅާލާ "ގްރޭޓާ މާލެ ޕްރޮޖެކްޓް"ގެ އަމަލީ މަސައްކަތް ފެށީ ސެޕްޓެމްބަރު 2021 ގަ އެވެ. ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާ މި ބްރިޖުގެ މަސައްކަތް ލަސް ކަމަށް ސަރުކާރުން ވެސް އެއްބަސްވެ އެވެ.

އެކަމަކު އެތަނުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުދަނީއެއް ނޫނެވެ. މަސައްކަތް ކުރިއަށް ދެ އެވެ. މައި ފަސް ސައިޓެއްގައި މަސައްކަތް ދަނީ ކުރިއަށެވެ. ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދާ ފަރާތުގެ ހާއްސަ ދައުވަތެއްގައި، އެ މަސައްކަތް ވަރަށް ގާތުން ބަލައިލުމުގެ ފުރުސަތު މިދިޔަ ހޮނިހިރު ދުވަހު، ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުގެ ފަރާތުން ދިން ދައުވަތެއްގައި "މިހާރު"ގެ ނޫސްވެރިންނަށް ވަނީ ލިބިފަ އެވެ.

ބްރިޖުގެ ކަނޑުމަތީގެ މަސައްކަތުގެ އިތުރުން މާލެ އާއި ގުޅިފަޅުގެ ދެ ސަރަހައްދެއްގަ އާއި ތިލަފުއްޓާއި ވިލިމާލޭގައި ވެސް ޕެރެލަލްކޮށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ބްރިޖުގެ ރޭމްޕްގެ މަސައްކަތްތަކާއި ސެންގެމްންޓްތައް ހެދުމުގެ މަސައްކަތާއި ތަނބުތަކަށް ބޭނުންވާ ތައްގަނޑުތައް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. މި މަސައްކަތުގައި 2،500 އަށް ވުރެ ގިނަ މުވައްޒަފުން 24 ގަޑިއިރު މަސައްކަތްކުރާ ކަމަށް ވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިހާރު މަސައްކަތް ނިންމަން ކަނޑައަޅާފައިވާ ތާރީހަށް މާލެ އާއި ވިލިމާލެ ގުޅާލުމަށް ދެ ޝިފްޓަކަށް ބަހާލައިގެން މަސައްކަތް އަންނަނީ ކުރަމުންނެވެ. އޮފިޝަލް ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ މާ ބޮޑު ޑިލޭއެއް މަޝްރޫއަށް ނާންނާނެ ގޮތަށް، ގެއްލިގެން ދިޔަ ވަގުތުތަކުގެ މަސައްކަތް ވެސް ވީހާ އަވަހަކަށް ނިންމާލުމަށެވެ.

ބްރިޖު ޕްރޮޖެކްޓްގެ ބައެއް މަސައްކަތްތައް ކުރިން ކަނޑައެޅި ތާރީހުތައް ފަހަނައަޅާ ދިޔަ ނަމަވެސް، މުޅި ޕްރޮޖެކްޓް ނިންމަން ކަނޑައެޅި ތާރީހަށް އަދި ބަދަލެއް ނާންނާނެ ކަމަށް، އިންޑިއާ ހައި ކޮމިޝަންގެ އޮފިޝަލަކު ބްރިޖް ސަރަހައްދުގައި ހުންނަވައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބްރިޖުގެ މަސައްކަތް ލަސްވީ، ބްރިޖު އަޅާ ސަރަހައްދުގައި އޮއިވަރު ގަދަވެ، ބައެއް ދުވަސްތަކުގައި ކަނޑުއަޑީގެ މަސައްކަތްތައް ނުކުރެވުމާއި ބްރިޖަށް ބޭނުންވާ ސެގްމެންޓާއި ޕައިލިން ދަގަނޑުތައް ހަދަން ބޭނުންވާ ސައިޓުތައް ތައްޔާރުކުރަން ވަގުތު ނެގުމުން ކަމަށެވެ.

ބްރިޖުގެ ޕްރީ-ކާސްޓިން މަސައްކަތަށް ކުރާ ސައިޓް: އެތަނުގެ މަސައްކަތް ކުރުމަށް 25 ކްރޭން ބޭނުން ކުރޭ-- ފޮޓޯ: އިންޑިއަން ހައި ކޮމިޝަން

ބްރިޖުގެ ޕްރީ-ކާސްޓިން މަސައްކަތަށް ކުރާ ސައިޓް: އެތަނުގެ މަސައްކަތް ކުރުމަށް 25 ކްރޭން ބޭނުން ކުރޭ-- ފޮޓޯ: އިންޑިއަން ހައި ކޮމިޝަން

"ޑިލޭތަކެއް އައި ކަން ގަބޫލުކުރަން. އެކަމަކު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، މުޅި ޕްރޮޖެކްޓް ނިންމަން އޮތް ތާރީހަށް ހުރިހާ ކަމެއް ނިންމާލެވޭތޯ. އެހެންވެ، އެހާ ގިނަ މަސައްކަތްތައް އެއް ފަހަރާ މިކުރަނީ،" އޭނާ ވިދާޅުވި އެވެ.

ގާތްގަނޑަކަށް ހަތް ކިލޯ މީޓަރުގެ މި ބްރިޖު ނިންމަން ކަނޑައެޅީ 32 މަހެވެ. ނުވަތަ ދެ އަހަރާއި އަށް މަހެވެ. މިއީ 1.39 ކިލޯމީޓަރުގެ ހުޅުމާލެ ބްރިޖު ހެދުމަށް ވެސް ގާތްގަނޑަކަށް ހޭދަވި މުއްދަތެވެ. އޮފިޝަލް ވިދާޅުވީ މުޅި ޕްރޮޖެކްޓް، ކަނޑައެޅި ތާރީހުގައި ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ބްރިޖުގެ ފެނުންމަތީގެ މަސައްކަތްތައް އަންނަ މަހު ފަށާނެ

ރާއްޖޭގައި ހިންގާ އެންމެ ބިޔަ މި މަޝްރޫއުގެ މުހިއްމު އެއް ބަޔަކީ ވިލިމާލެ އާއި މާލެއާ ދެމެދު އަޅާ ބްރިޖުގެ ބައެވެ. މިހާރު ވެސް ގިނަ ބަޔަކު ކޮންމެ ދުވަހަކު ފެރީން މާލެ އާއި ވިލިމާލެއާ ދޭތެރޭ ދަތުރު ކުރާ އިރު، އެ ދެމެދުގައި ބްރިޖު އެޅުމުން އެެއީ ވަރަށް ބޮޑު ފަސޭހައެކެވެ. މާލެ އާއި ވިލިމާލެއާ ދެމެދު ބްރިޖު އަޅައި ނިމޭނެ ކަމަށް އެންމެ ފަހުން ސަރުކާރުން ދީފައިވާ ތާރީހަކީ މި މަހެވެ. ނަމަވެސް، މިހާރު މަސައްކަތްތައް ދާ ގޮތުން މާލެ އާއި ވިލިމާލެއާ ދެމެދު މަސައްކަތް ނިމޭނީ މި އަހަރުގެ ފަހުކޮޅު، ނުވަތަ މި އަހަރު ނިމުމުގެ ކުރިން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ޕައިލިން މަސައްކަތް ގާތްގަނޑަކަށް ނިމިފައި މި ހުރީ. އިތުރަށް ބޭނުންވަނީ ހަތަރު ތަނބު. އޭރަށް ޕްރީ ކާސްޓް ސެގްމެންޓްތައް އަތުރަން ފެށޭނެ. އަންނަ މަހު ބްރިޖުގެ ފެނުން މަތިން މަސައްކަތްތައް ފެންނާނެ،" އޭނާ ވިދާޅުވި އެވެ.

ވިލިމާލެއާ ހަމައަށް ޕައިލިން މަސައްކަތުގެ 70 ޕަސެންޓް ވަނީ ނިމިފަ އެވެ. މުޅި ބްރިޖަށް 260 ތަނބު ބޭނުންވާ އިރު އޭގެ ތެރެއިން 84 ތަނބުގެ މަސައްކަތް މިހާރު ވަނީ ނިންމާލައިފަ އެވެ. ހުރިހާ ޕައިލްތަކެއް ނިމުމުން ޕައިލް ކެޕިން މަސައްކަތް ނިންމައި، ތަނބުތަކާއި ސުޕަސްޓްރަކްޗާ އަޅަން ފަށާނެ އެވެ.

ބްރިޖުގެ މަސައްކަތް ވިލިނގިލީގައި ކުރިއަށް ދަނީ-- ފޮޓޯ: އިންޑިއަން ހައި ކޮމިޝަން

ބްރިޖުގެ މަސައްކަތް ވިލިނގިލީގައި ކުރިއަށް ދަނީ-- ފޮޓޯ: އިންޑިއަން ހައި ކޮމިޝަން

އެ މަސައްކަތް ލަސްވީ، އެ ސަރަހައްދުގެ އޮއިވަރަށް އަންނަ ބަދަލުތަކާ ގުޅިގެން، ކަނޑު އަޑީގެ މަސައްކަތްތައް ކަނޑައެޅި ޓައިމްލައިނާ އެއްގޮތަށް ނުދިއުމުންނެވެ.

ބްރިޖުގެ މަސައްކަތް 2021 ވަނަ އަހަރު ހަވާލުކުރި ނަމަވެސް، ޓެސްޓް ޕައިލްގެ މަސައްކަތް ފެށީ މިދިޔަ އަހަރު އެވެ. އޭގެ ކުރިން އެފްކޮންސް އިން ކުރިއަށް ގެންދިޔައީ ޖިއޯޓެކްނިކަލް ސާވޭ އާއި ބްރިޖުގެ ޕްރީކާސްޓިން ސައިޓާއި އެނޫން މަސައްކަތްތައް ކުރަން ސައިޓުތައް ތައްޔާރު ކުރުމުގެ މަސައްކަތެވެ.

ޕައިލިން މަސައްކަތްތައް ކުރަނީ އެކަމަށް ހާއްސަ ދެ އުޅަނދު ބޭނުންކޮށްގެންނެވެ. އެ އުޅަނދުގައި ކޮންކްރީޓު ހަދާ މެޝިނަރީތައް ވެސް އިންސްޓޯލްކޮށްފައިވެ އެވެ. މާލެ އާއި ވިލިމާލެއާ ދެމެދުގެ އިތުރުން، ޕައިލިން މަސައްކަތްތައް ގުޅިފަޅު ސަރަހައްދުގައި ވެސް އަންނަނީ ކުރަމުންނެވެ.

އޮފިޝަލް ވިދާޅުވީ، އޮއިވަރާ ގުޅިގެން ދޭތެރެ ދޭތެރެއިން ކަނޑުއަޑީގެ މަސައްކަތްތައް ކުރަން އުނދަގޫވާ ދަނޑިވަޅުތަކުގައި އެ ކުންފުނީގެ ޓީމުތައް އެހެން މަސައްކަތްތައް ކުރަން ޑައިވާޓުކޮށްލާ ކަމަށެވެ. އެހެންވެ، މުޅި ޕްރޮޖެކްޓަށް އެކަމުން މާބޮޑު ލަސްތަކެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސައްކަތް މޮނިޓާ ކުރަނީ ހުޅުމާލެ ބްރިޖު ވެސް މޮނިޓާކުރި ކުންފުނި

ތިލަ-މާލެ ބްރިޖް މަޝްރޫގެ މަޝްރޫއުގެ ކޮންސަލްޓަންސީ މަސައްކަތް ކުރަން ކަނޑައެޅީ "އެމްއެސް އަރޫޕް" އެެވެ. އެއީ ހުޅުމާލެ އާއި މާލެއާ ދެމެދު ބްރިޖު އެޅުމުގައި ވެސް ކޮންސަލްޓެންޓެއްގެ ގޮތުގައި ހަރަކާތްތެރިވި ކުންފުންޏެވެ.

އެ ކުންފުނިން، އެފްކޮންސްއިން ކުރިއަށް ގެންދާ މަސައްކަތުގެ ކޮލިޓީ ބަލަ އެވެ. އެ ކުންފުނިން ހަދާ ހުރިހާ ކޮންކްރީޓެއްގެ ކޮލިޓީ އާއި ސެގްމެންޓެއްގެ ކޮލިޓީ އާއި ޕައިލިން މަސައްކަތުގެ ސްޓޭންޑާޑްތައް ބަލަ އެވެ. މި ޕްރޮޖެކްޓްގައި އަރޫފްގެ ފަންސާހަކަށް މުވައްޒަފުން ކޮލިޓީ ބެލެހެއްޓުމުގައި އުޅެ އެވެ.

އެފްކޮންސްިން ސެގްމެންޓެއް ތައްޔާރު ކުރަނީ. ސެގްމެންޓްތައް ހަދަނީ އެ ހެދުމަށް ހާއްސަ ފްރޭމްތަކެއް ބޭނުންކޮށްގެން--

އެފްކޮންސްިން ސެގްމެންޓެއް ތައްޔާރު ކުރަނީ. ސެގްމެންޓްތައް ހަދަނީ އެ ހެދުމަށް ހާއްސަ ފްރޭމްތަކެއް ބޭނުންކޮށްގެން--

ހުރިހާ މަސައްކަތެއް ވެސް ކުރިއަށް ގެންދަނީ އަރޫފްގެ އެޕްރޫވަލް ލިބުމުންނެވެ.

"ކޮލިޓީއާ މެދު އެއްވެސް ޝައްކެއް ނެތް. ސަބަބަކީ ހުރިހާ މަސައްކަތެއް ވެސް ކުރަނީ ބަރާބަރަށް ކޮލިޓީ ޗެކްކޮށްގެން،" އޮފިޝަލް ވިދާޅުވި އެވެ.

ބްރިޖުގެ މަސައްކަތް ފުރިހަމަކުރަން ގާތްގަނޑަކަށް 1،200 ސެގްމެންޓް ބޭނުންވާ އިރު އޭގެ ތެރެއިން 70 ސެގްމެންޓްގެ މަސައްކަތް ވަނީ ނިމިފަ އެވެ. ޕްރީ ކާސްޓް ސެންމެންޓެއް ހެދުމަށް ހޭދަވަނީ ތިން ދުވަހެވެ. އެއްފަހަރާ 14 ސެގްމެންޓްގެ ހެދުމުގެ ގާބިލްކަން އެފްކޮންސްގެ ޕްރީ ކާސްޓިން ސެގްމެންޓް ސައިޓުގައި އެބަ ހުއްޓެވެ.

އެހެންވެ، ޕައިލިން މަސައްކަތް ނިމެންވާއިރަށް ސެގްމެންޓްތައް ތައްޔާރު ކުރެވޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފްރީ ކާސްޓް ސެގްމެންޓް ހަދާ ސައިޓު. އެއް ސެގްމެންޓް ހަދަން ހޭދަވަނީ ތިން ދުވަސް

ފްރީ ކާސްޓް ސެގްމެންޓް ހަދާ ސައިޓު. އެއް ސެގްމެންޓް ހަދަން ހޭދަވަނީ ތިން ދުވަސް

ބްރިޖުގެ ގުޅިފަޅު 1 އިން ގުޅިފަޅު 2 އަށް ގުޅާލަނީ ހައިވޭ މަގަކުންނެވެ. އެ މަގު ހެދުމަށް ބޭނުންވާ ސަރަހައްދު މިހާރު ވަނީ ހިއްކައި ނިމިފަ އެވެ. އަދި ތިލަފުށީގެ ބްރިޖު ސަރަހައްދަށް ބޭނުންވާ އިތުރު ބައެއް ވެސް އެ ސަރަހައްދުގެ ފަޅުން ވަނީ ހިއްކައި ނިމިފަ އެވެ.

މިވަގުތު ކުރިއަށްދާ މަސައްކަތްތައް

- ލޭންޑް އަދި މެރިން ޕައިލިން މަސައްކަތް

- ތަނބުތައް ޖެހުމުގެ މަސައްކަތް

- ވިލިނގިލި ހިއްކުމުގެ މަސައްކަތް

- ހިއްކި ސަރަހައްދުގެ ރިވެޓްމެންޓްގެ މަސައްކަތް

- ފްރީ ކާސްޓް ސެގްމެންޓްތައް އެޅުން

ބްރިޖުގެ ވަކި ވަކި މަސައްކަތްތަކުގެ ޓައިމްލައިނުގައި ކަނޑައަޅާފައިވާ ވަގުތުތައް ފަހަނައަޅައި ދިޔަ ނަމަވެސް މަސައްކަތްކުރަނީ އެ ބްރިޖުގެ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ ފަހުކޮޅަށް ނިންމާލާށެވެ. ބްރިޖުގެ ޕައިލިން މަސައްކަތުގެ ބޮޑު ބައެއް ނިންމާލާފައިވާ އިރު އެއީ މުޅި ޕްރޮޖެކްޓްގެ އެންމެ ގިނަ ވަގުތު ހޭދަވާ މަސައްކަތެވެ. އެ މަސައްކަތް ނިންމާލަންވާ އިރަށް ބޭނުންވާ އަދަދަށް ސެގްމެންޓްތައް ތައްޔާރު ކުރެވޭނެ އެވެ.