Roadha Mihaaru
ބާޖު ފަރަކަށް ނާރާ، ނަގިލި ކަހާލީ: އެފްކޮންސް

ބާޖު ފަރަކަށް ނާރާ، ނަގިލި ކަހާލީ: އެފްކޮންސް

02 މެއި 2023

ތިލަމާލެ ބްރިޖު ހަދަން ބޭނުންކުރާ ބާޖެއް ރޭ ދަންވަރު ވިލިމާލެ ފަރަށް އެރި ކަމަށް ބުނެ ފޮޓޯތަކެއް އާންމުވިޔަސް ފަރަށް ނާރާ ކަމަށް އެފްކޮންސް އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ތިލަމާލެ ބްރިޖު ހަދަން ބޭނުންކުރާ ބާޖެއް ރޭ ދަންވަރު ވިލިމާލެ ފަރަށް އެރި ކަމަށް ބުނެ ފޮޓޯތަކެއް އާންމުވިޔަސް ފަރަށް ނާރާ ކަމަށް އެފްކޮންސް އިން މިއަދު ބުނެފި އެވެ.

އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ވިލިމާލެ އުތުރު ފަރާތު ފަރު ކައިރީގައި އޮތީ، އެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން ބްރިޖު ހަދަން ގެންގުޅޭ ބާޖެކެވެ. އެއީ ވިލިމާލޭގައި ވޯޓާ ސްޕޯޓްސް އަށް ބޭނުންކުރާ ބީޗު ސަރަހައްދުގެ ފަރު ކައިރި އެވެ.

އެކަމާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުން ތިލަމާލެ ބްރިޖް ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ، އެ ބާޖު ވިލިމާލެ ފަރަށް ނާރާކަން ޔަގީން ކަމަށެވެ.

"އަޅުގަނޑުމެން ބަލައިފިން. ފަރަކަށް ނާރާ. ބާޖުގެ އެއްފަރާތުގެ ނަގިލި ކަހާލައިގެން ފަރާ ވަރަށް ވަރަށް ކައިރި އަށް ދިޔައީ. ވަގުތުން ފަރާ ދުރަށް އެ ޖެއްސި،" ޖިނާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ބާޖުން ފަރުގައި ޖެހިފައި ހުރިތޯ ބަލަން މިހާރު ވެސް އެފްކޮންސްގެ ޑައިވަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

"އެއްވެސް ގެއްލުމެއް ވެފައި ވޭތޯ އަޅުގަނޑުމެން ބަލާނަން. މިހާރު ވެސް އެކަން ފަށައިފިން،" ޖިނާން ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ސައިޓް ގުޅިފަޅާ ދިމާލުން ވިލިމާލެ ކައިރީގައި އެފްކޮންސްގެ ގިނަ އުޅަނދުތައް ބާއްވާފައި ހުރެ އެވެ. ގުޅިފަޅުގެ މަސައްކަތާ ގުޅޭ އެކި ކަންކަމަށް ބޭނުންކުރާ ގުޅިފަޅު ޖެޓީ ހަދާފައި ވަނީ އެ ފަރާތުގަ އެވެ.

ބްރިޖު ހަދަން ގެންގުޅޭ ބާޖެއް ރޭ ވިލިިމާލެ ފަރު ކައިރީގައި.

ބްރިޖު ހަދަން ގެންގުޅޭ ބާޖެއް ރޭ ވިލިިމާލެ ފަރު ކައިރީގައި.

ތިލަމާލެ ބްރިޖު ހަދަން ބޭނުންކުރާ ޕްލެޓްފޯމެއް މިދިޔަ އަހަރުގެ އޮސްޓް މަހު ވިލިމާލޭގެ ދެކުނު ފަރާތު ފަރަށް އަރައި، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އޭގެ ސަބަބުން ވިލިމާލޭ ފަރަށް އިއާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބުނެވެ.

ލިބުނު ގެއްލުންތައް އީޕީއޭ އިން ބެލުމަށް ފަހު އެ ފަހަރު އެފްކޮންސް ކުންފުނި 69 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރި އެވެ. އެ ފައިސާ އަދިވެސް ނުދައްކަ އެވެ. އެ ޖޫރިމަނާ އިސްތިއުނާފުކުރަން އެފްކޮންސް އިން ހުށަހެޅިޔަސް، ތިމާއްޓާ ބެހޭ މިނިސްޓްރީން ދާދި ފަހުން ބުނެފައި ވަނީ ޖޫރިމަނާ މާފުކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.