Roadha Mihaaru

ރިޔާސީ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ބުނެ ޕީޕީއެމުން ކަންބޮޑުވެއްޖެ

ރިޔާސީ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ބުނެ، އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު!
އާސިމާ ނިޒާރު
އާސިމާ ނިޒާރު

29 އޯގަސްޓް 2023

ރިޔާސީ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ބުނެ، އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މަސްއޫލިއްޔަތަކީ އިންތިހާބުގެ އިދާރީ މަސައްކަތްތައް ކުރުން އެކަނި ނޫން ކަމަށެވެ.

އިންސާވެރިކަމާއި މިނިވަންކަމާ އެކު ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ކަށަވަރު ކޮށްދިނުމަކީ އެ ކޮމިޝަންގެ ގާނޫނުން މަތިކޮށްފައިވާ ޒިންމާއަކަށް ވިޔަސް އީސީން ބަސް ބުނަންޖެހޭ ތަންތަނުގައި ބަސް ނުބުނެ، ގާނޫނީ ޒިންމާ އަދާނުކޮށް، ސަރުކާރުން އަންގާ ގޮތަށް ކަން ކުރަމުންދާ ކަމުގެ ތުހުމަތުކުރެވޭ ކަމަށް، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާ ތޮލާލް ވިދާޅުވި އެވެ.

މިއަދު ހަވީރު ބޭއްވި ނިއުސް ކޮންފަރެންސްގައި ޕީޕީއެމުން ފާޅުކުރި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މާލެ ސިޓީ ކައުންސިލްގެ ހުއްދައާ އެކު، ގްރީން ޒޯންގައި ހަރުކުރި ދިދަތައް ނަގަން އެމްއެންޑީއެފުން، ސިޓީ ކައުންސިލަށް އެންގި އެންގުމެވެ.

ތޮލާލް ވިދާޅުވީ ގްރީން ޒޯނުގައި ދިދަ ހަރުކުރެވޭނީ ސިފައިންގެ ހުއްދަ ނަގައިގެން ކަމަށް ސިޓީ ކައުންސިލަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް، އެއީ ކުރިން ދިމާވި ހާލަތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގައި، ހަމަ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، މި ވަގުތު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން އެ މަނިކުފާނަށް މި އިންތިހާބު ކާމިޔާބު ނުވާނެ ކަން ކަށަވަރުވީމާ އެކި ގޮތްގޮތުން، ސަރުކާރުގެ މުއައްސަސާތައް ބޭނުންކޮށްގެން ނުވަތަ އަޅުގަނޑުމެންގެ ކެންޑިޑޭޓަށް ހުރަސް އެޅުމުގެ އަމަލުތައް އެ ހިންގަނީ. އެގޮތުން ހިންގާ އަމަލެއް މިއީ ވެސް،" ތޮލާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ އީސީ އަށް ހުށަހަޅާފައިވާ ކަމަށެވެ.

މުއިއްޒުގެ ނަމާ ދިމާލުގައި ޕީޕީއެމްގެ ލޯގޯ ޖެހުމަށް މަސައްކަތް ކުރެއްވި ކަމަށް ތޮލާލް ވިދާޅުވި އެވެ. އެކަމަކު، އެ ފުރުސަތު ވެސް ނުދީ ދެ ޕާޓީން ފޮނުވި 8 ސިޓީގެ ތެރެއިން ޖަވާބު ދިނީ ދެ ސިޓީއަކަށް ކަމަށް ތޮލާލް ވިދާޅުވި އެވެ.

"މިކަމުން ވެސް އެނގެނީ އިލެކްޝަންސް ކޮމިޝަންގެ ތެރެއަށް ނުފޫޒު ފޯރާފައި އޮތް މިންވަރު،" އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނަމާ ދިމާލުގައި އެ ޕާޓީގެ އިތުރުން އެމްޑީއޭ އަދި އަދާލަތު ޕާޓީގެ ލޯގޯ ޖެހުމަށް ވެސް ހުށަހެޅި އެވެ. ނަމަވެސް، ގަވައިދު ތަން ނުދޭތީ އެ ޕާޓީ އަށް ވެސް ފުރުސަތު ނުދިނީ ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ހުށަހެޅުމާ ގުޅޭގޮތުން ދިނީ އެއް ޖަވާބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ތަފާތު ކުލަ ކުލައިގެ ގަލަން ބޭނުންކޮށްގެން، ކުންފުނިތަކުގެ މުވައްޒަފުން ވޯޓު ދިން ގޮތް ކަށަވަރުކުރަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް އެކަން އީސީގެ ސަމާލުކަން ގެނައި ނަމަވެސް އަދި ޖަވާބެއް ނުދޭތީ ތޮލާލް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ވޯޓިން ބޫތުތައް ބަހައްޓާއިރު، ވޯޓު ލާ މީހާގެ ހަރަކާތްތައް ފެންނާނެ ގޮތަށް ބެހެއްޓުމަށް ވެސް އެ ޕާޓީން ހުށަހެޅި އެވެ.