އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔަން ގދ. ތިނަދޫން ގިނަ ބަޔަކު ނުކުމެ މި އިންތިހާބުގައި ވެސް އެމަނިކުފާނަށް 70 ޕަސެންޓަށް ވުރެން މަތިން ވޯޓު ހޯދައިދޭނެ ކަމުގެ ޔަގީންކަން ސަޕޯޓަރުން ދީފި އެވެ.
30 އޯގަސްޓް 2023
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔަން ގދ. ތިނަދޫން ގިނަ ބަޔަކު ނުކުމެ މި އިންތިހާބުގައި ވެސް އެމަނިކުފާނަށް 70 ޕަސެންޓަށް ވުރެން މަތިން ވޯޓު ހޯދައިދޭނެ ކަމުގެ ޔަގީންކަން ސަޕޯޓަރުން ދީފި އެވެ.
އަންނަ މަހު 9ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ސިޔާސީ ގޮތުން ވާދަވެރިކަމާއި ފޯރިގަދަ ތިނަދުއަށް ރައީސް މިއަދު ވަޑައިގެންނެވި އިރު، ރަށުގެ ބަނދަރުގެ އެއްކޮޅުން އަނެއްކޮޅަށް ސަޕޯޓަރުންގެ "ރީނދޫ ކުލައިގެ" ދިގު ސަފެއް އޮތީ އެތުރިލައިފަ އެވެ.
އެންމެން އެއް އަޑަކުން ގޮވަމުން ދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "އެކެބުރުން" ދެވަނަ ދައުރަކަށް ހޮވާނެ ކަމަށެވެ. ޖޯޝާއި ފޯރީގައި ނުކުމެ ތިބި ސަޕޯޓަރުން ބުނި ގޮތުގައި އެ ސަފުން ދައްކައިދިނީ އެމްޑީޕީގެ ރޫހު އޮތީ ތިނަދޫގައި ކަމެވެ.
މިފަހަރު ތިނަދޫން ރިކޯޑް އަދަދަކަށް އިބޫ ވޯޓު ނަގާނެ. -- ސަޕޯޓަރެއް
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. ތިނަދުއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ނުކުމެ ތިބި ބަޔަކާ އެކު ސެލްފީއެއް ނަންގަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ތިނަދޫން މަރުހަބާ ކިޔަން ނުކުތް މީހުންނާ ސަލާންކުރެއްވުމަށް ގަޑިއެއްހާއިރު ރައީސް ހޭދަކުރައްވަން ވެސް ޖެހިވަޑައިގަތެވެ.
"މިފަހަރު ތިނަދޫން ރިކޯޑް އަދަދަކަށް އިބޫ ވޯޓު ނަގާނެ،" ސަޕޯޓަރުންގެ ސަފުގައި ހުރި މީހަކު ބުންޏެވެ.
ބައެއް މީހުންގެ ވާހަކަތަކުން އެނގުނު ގޮތުގައި، ތިނަދޫ މީހުން މިހާރު އެންމެ ބޮޑަށް ބޭނުންވެފައި އެއް ކަމަކީ މި ރަށް ސިޓީއަކަށް ބަދަލުކޮށްދިނުމެވެ. ރައީސްގެ މި ދަތުރުގައި އެކަން އިއުލާންކުރައްވާނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރެ އެވެ.
"2018 ގައި ވެސް މި ރަށުން މެޖޯރިޓީ ދިނީ އިބޫއަށް. މި ބުރު ވެސް އެ ތާއީދު ބަދަލެއް ނުވާނެ،" ސަޕޯޓަރުންގެ ސަފުގައި ހުރި މީހަކު ބުންޏެވެ.
މި ރަށުގެ އެމްޑީޕީ ބައެއް މީހުން ބުނި ގޮތުގައި، މި އިންތިހާބުގައި ރައީސަށް 70 ޕަސެންޓް ވޯޓު ތިނަދޫން ލިބޭނެ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. ތިނަދުއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ނުކުމެ ތިބި ބަޔަކު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި ދަތުރުގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް އާއި ތިން ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. ތިނަދުއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ނުކުތް މީހުން ސަފުގައި މީހަކު އުރައިގެން ހުރި ކުޑަކުއްޖެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ތިނަދުއަށް ރައީސް ކުރައްވާ މި ދަތުރުފުޅުގަަައި ގއ. އާއި ގދ އަތޮޅު ގުޅުވައިދިން އާރުޓީއެލްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވި އެވެ. ފައްޓަވަައިދެއްވަން ވަނީ ހަމަޖައްސަވައިފަ އެވެ. އަދި މިރޭ މި ރަށުގައި ބޮޑު ކެމްޕެއިން ޖަލްސާއެއް ވެސް ބާއްވާނެ އެވެ.
އިންތިހާބުގެ ދެވަނަ ބުރެއް ނޯންނާނެކަން ރައީސަށް ޔަގީން
ރައީސް ކެމްޕޭން ފައްޓަވަން ކޯލިޝަނާއެކު ބައްދަލުވުމެއް
"އަދާލަތާއި އެމްޑީއޭއާއެކު އެއްބުރުން ކާމިޔާބުކުރެވޭނެ"
ރައީސަށް ފަސޭހަކަމާއެކު ކާމިޔާބު ކުރެވޭނެ: އަލީ ޒާހިރު
އެމްޑީޕީ/ޑިމޮކްރެޓްސް ވޯޓު އެއްކޮށްލުމުން މެޖޯރިޓީ ލިބޭ
ތިނަދޫގެ ބިން ހިއްކައި ހައުސިންގެ ބިޔަ މަޝްރޫއުއެއް
އެމްޑީއޭގެ ނިންމުން ރަނގަޅު ނޫންކަން ފެންނާނެ: ރައީސް
އިމްރާން ވިދާޅުވީ އަދާލަތުން ތިބީ ރައީސާ އެކު ކަމަށް
"އިދިކޮޅުން ވަނީ ދެކޮޅުނުޖެހޭ، ބަނގުރޫޓުވާނެ ވައުދު"
ޗާޓުން ރީނދޫކުލަ ފިލައިފި، 5 އަހަރުން ބޮޑު ބަދަލެއް