Roadha Mihaaru
ޗާޓުން ރީނދޫކުލަ ފިލައިފި، 5 އަހަރުން ބޮޑު ބަދަލެއް

ޗާޓުން ރީނދޫ ކުލަ ފިލައިފި، ހީނުކުރާ ދާއިރާތަކެއް އެމްޑީޕީ އަށް ގެއްލުނު!

10 ސެޕްޓެމްބަރ 2023

އޭރުގެ ރައީސް އަބްދުﷲ ޔާމީންއާ ވާދަކޮށް އެމްޑީޕީން މުޅި ރާއްޖޭގެ ޗާޓް "ރަން ރީނދޫ" ކުލައިން ފަވާލީ ފަހުރުވެރިކަމާ އެކު އެވެ. އެކަމަކު، އެ ފަހުރުވެރިކަން ހިފަހައްޓާނުލެވި ފަސް އަހަރު ތެރޭ އެ ކުލަ ފިލައިގެން ގޮސް، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކުލަ ގަދަކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އޭރުގެ ރައީސް އަބްދުﷲ ޔާމީންއާ ވާދަކޮށް އެމްޑީޕީން މުޅި ރާއްޖޭގެ ޗާޓް "ރަން ރީނދޫ" ކުލައިން ފަވާލީ ފަހުރުވެރިކަމާ އެކު އެވެ. އެކަމަކު، އެ ފަހުރުވެރިކަން ހިފަހައްޓާނުލެވި ފަސް އަހަރު ތެރޭ އެ ކުލަ ފިލައިގެން ގޮސް، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކުލަ ގަދަކޮށްފި އެވެ.

އިއްޔެ ކުރިއަށްދިޔަ ރިޔާސީ އިންތިހާބުގައި ނުކުތް ނަތީޖާ އަކީ ސަރުކާރުން ޖަހަމުންދިޔަ ހިސާބުތަކާ މުޅިން އިދިކޮޅަށް އައި އުއްމީދުކޮށްގެން ތިބި ނަތީޖާއެއް ނޫނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޔަގީންކުރައްވައިގެން ހުންނެވީ 130،000 ވޯޓާ އެކު މާލެ އާއި އައްޑޫގެ މެޖޯރިޓީ އެވެ.

ތަފާސްހިސާބުތައް ބަލަހައްޓަވާ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ޖެއްސެވި ހިސާބަކީ 56 ޕަސެންޓަށްވުރެ އެންމެ ވޯޓެއް ވެސް ދަށް ނުވާނެ ކަމެވެ. އެކަމަކު، ވަގުތީ ނަތީޖާއަށް ބަލާއިރު ރައީސަށް ލިބިފައިވަނީ 39 ޕަސެންޓް ވޯޓެވެ. މި ނަތީޖާ އައީ އެމްޑީޕީގެ މޫގަނޑު ފެތުރިފައި އޮތް އެތައް ދާއިރާތަކެއް ލުހެލައިގެންނެވެ.

މާލެ، ފަރަގު ބޮޑުކޮށް މުއިއްޒަށް

ރައީސް ކާމިޔާބު ކުރެއްވި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށް މާލޭން ލިބުނީ 22،000 ވޯޓެވެ. ވާދަވެރި ކެންޑިޑޭޓް ޔާމީނަށް ލިބުނީ 16،000 ވޯޓެވެ. އެ ނަތީޖާ، އިއްޔެ ބޭއްވި އިންތިހާބުގައި އެއްކޮށް ވަނީ އެނބުރިފަ އެވެ.

ރައީސަށް ލިބިފައިވަނީ 16،000 ވޯޓެވެ. އެއްވެސް ކޯލިޝަނެއް ނެތި، ގިނިކަންޏާ ވާދަކުރެއްވި މުއިއްޒު ވަނީ މާލޭން 22،000 ހޯއްދަވައިފަ އެވެ.

މިއީ އެމްޑީޕީ އަށް ފަސް އަހަރު ތެރޭ މާލޭން ތާއިދު ގެއްލިފައިވާ މިންވަރެވެ. ރައީސަށް މާލޭގެ މެޖޯރިޓީ ގެއްލުނުއިރު، މި ސަރުކާރުން ވަނީ މާލޭގެ އެތައް ބަޔަކަށް އިންތިހާބު ގާތްވެފައިވަނިކޮށް ގޯއްޗާއި ފްލެޓް ވެސް ދޫކޮށްފަ އެވެ.

ހުޅުމާލެ ހިމެނޭ ގޮތަށް މާލޭގެ ފަސް އަވަށަށް ބަލާއިރު ވެސް އެއްވެސް ތަނަކުން އެމްޑީޕީ އަށް ކުރިއެއް ނުހޯދެ އެވެ. މިއީ، މިފަދަ ދަށް ނަތީޖާއެއް އެމްޑީޕީ އަށް މާލޭން ލިބުނު ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އޮތް މަޖިލިސް އިންތިހާބުގައި މާލޭގެ ހުރިހާ ދާއިރާއަކަށް ނެގީ އެމްޑީޕީގެ މެންބަރުންނެވެ.

އެމްޑީޕީން ކެމްޕެއިން ނިންމަން ބޭއްވި ހަރަކާތުގައި ޒުވާނުންތަކެއް ބައިވެރިވަނީ: މާލޭން ލިބުނީ ދަށް ނަތީޖާއެއް - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އެމްޑީޕީން ކެމްޕެއިން ނިންމަން ބޭއްވި ހަރަކާތުގައި ޒުވާނުންތަކެއް ބައިވެރިވަނީ: މާލޭން ލިބުނީ ދަށް ނަތީޖާއެއް - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ފުވައްމުލައް، ކުޅުދުއްފުށި އަދި ތިނަދޫ ވެސް ބަދަލުވެއްޖެ

ތިން ސިޓީ ކަމަށްވާ ފުވައްމުލައް، ކުޅުދުއްފުށި އަދި ތިނަދުއަކީ 2018 ވަނަ އަހަރުގައި ވަރަށް ފޯރީގައި އެމްޑީޕީ އަށް މެޖޯރިޓީ ނަގައިދިން ތިން ތަނެވެ. އެކަމަކު، އިއްޔެ ބޭއްވި އިންތިހާބުގައި އެކަން ވެސް ވަނީ އެނބުރިފަ އެވެ.

އިއްޔެގެ އިންތިހާބުގައި ފުވައްމުލަކުން ރައީސަށް ލިބުނީ 2،500 ވޯޓެވެ. އޭގެ ކުރީ އިންތިހާބުގައި 3،800 ވޯޓު ހޯއްދެވި އެވެ. މުއިއްޒަށް މި އިންތިހާބުގައި 3،300 ވޯޓު ލިބުނެވެ. ކުރީ އިންތިހާބުގައި ޕީޕީއެމްއަށް ހޯދުނީ 2،900 ވޯޓެވެ.

ކުޅުދުއްފުށީގެ ނަތީޖާ ވެސް ގާތްގަނޑަކަށް އޮތީ މިހެނެވެ.

ކުޅުދުއްފުށިން 2018 ވަނަ އަހަރު އެމްޑީޕީ އަށް މެޖޯރިޓީ ދިން ނަމަވެސް، އިއްޔެގެ އިންތިހާބުގައި މުއިއްޒަށް ވަނީ ތާއިދު ދީފަ އެވެ. އޭނަ އަށް 2،000 ވޯޓު ލިބުނުއިރު ރައީސަށް ހޯދުނީ 1،400 ވޯޓެވެ. އިންތިހާބު ކައިރުވެފައިވަނިކޮށް، ސިޓީއެއްގެ ދަރަޖަ ދިން ތިނަދޫން ރައީސަށް ހޯދުނީ 800 ވޯޓެވެ. އެއަށްވުރެ އިތުރަށް 1،200 ވޯޓު މުއިއްޒު ހޯއްދެވި އެވެ.

އެމްޑީޕީގެ ބައެއް މުހިންމު ދާއިރާތައް ވެސް ގެއްލިއްޖެ!

އދ. އަދި ބ. އަތޮޅު ފަދަ ތަންތަނަކީ ޕީޕީއެމް އިން މެޖޯރިޓީ ލިބޭނެ ކަމަށް އުއްމީދު ކުރާ ތަންތަނެއް ނޫނެވެ. އެމްޑީޕީން އެ ތަންތަނުގައި ކުރި ވަރުގަދަ ކެމްޕެއިނާ ބަލާއިރު ވެސް ޕީޕީއެމްގެ އުއްމީދު ލިސްޓްގައި އެ ދެ އަތޮޅެއް ނޯންނާނެ އެވެ.

އެކަމަކު، އިންތިހާބުގެ ނަތީޖާ އައިއިރު، މި ދެ އަތޮޅު ވެސް އެމްޑީޕީ އަށް ވަނީ ގެއްލިފަ އެވެ. އދ. އަތޮޅުން މި އިންތިހާބުގައި މުއިއްޒު ކުރި ހޯއްދެވީ 2،300 ވޯޓުންނެވެ. އެމްޑީޕީ އަށް ހޯދުނީ 1،900 ވޯޓެވެ. ކުރީގެ ރިޔާސީ އިންތިހާބުން އެމްޑީޕީން 4،600 ވޯޓު ނެގި އެވެ.

އިއްޔެގެ ރިޔާސީ އިންތިހާބުގައި ބަޔަކު ވޯޓުލުމަށް ދަނީ.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

އިއްޔެގެ ރިޔާސީ އިންތިހާބުގައި ބަޔަކު ވޯޓުލުމަށް ދަނީ.-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

ބ. އަތޮޅަށް ބަލާއިރު، މުއިއްޒު ވަނީ 3،500 ވޯޓު ހޯއްދަވައިފަ އެވެ. ރައީސަށް ލިބުނީ 3،300 ވޯޓެވެ.

މިހެން ގޮސް ހުރިހާ އަތޮޅަކަަށް ބަލާއިރު، ވެރިކަމުގައި އޮތް އެމްޑީޕީ އަށް މެޖޯރިޓީ ހޯދިފައިވަނީ އެންމެ ތިން އަތޮޅުންނެވެ. އެއީ، އައްޑޫ ސިޓީ އާއި ޅ. އަތޮޅު އަދި އއ. އަތޮޅުންނެވެ.

އައްޑޫ އަށް ބަލާއިރު ހުޅުދޫ، މީދޫ އަދި ފޭދޫގެ މެޖޯރިޓީ ގެންދިޔައީ މުއިއްޒެވެ. ހުޅުދޫ އަކީ "ދަ ޑިމޮކްރެޓްސް" ގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަށެވެ. މީދޫ އަކީ އެމްޑީޕީ ކެމްޕެއިންގައި ވަރަށް އިސްކޮށް އުޅުއްވި ރޮޒައިނާ އާދަމްގެ ދާއިރާ އެވެ. ފޭދޫ އަކީ މެންބަރު މުހައްމަދު ނިހާދުގެ ދާއިރާ އެވެ.

ގެއްލުނު ބޮޑެތި އެހެން ދާއިރާތަކަށް ބަލާއިރު، ލ. ގަން ފާހަގަކޮށްލެވެ އެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ ބޮޑު ތާއިދެއް އޮންނަ އެ ދާއިރާއިން މުއިއްޒު ވަނީ 1،100 ވޯޓު ހޯއްދަވައިފަ އެވެ. ރައީސަށް 1،000 ވޯޓެވެ.

ރައީސްގެ ވަރަށް އަރިސް މެންބަރެއް ކަމަށްވާ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިންގެ ދާއިރާ ވެސް އެމްޑީޕީ އަށް ގެއްލުނެވެ. އެ ދާއިރާއިން ވެސް ކުރީގައި އުޅެނީ މުއިއްޒެވެ. ރައީސްގެ ކެމްޕެއިން މެނޭޖަރު މުހައްމަދު ނާޝިޒުގެ ދާއިރާގެ މައި ރަށް، ކިނބިދޫން ވެސް މެޖޯރިޓީ ހޯދީ މުއިއްޒެވެ.

އެމްޑީޕީގެ މައި ރަށެއްގެ ގޮތުގައި އޮތް، ހއ. ދިއްދޫގެ މެޖޯރިޓީ ވެސް އެ ޕާޓީ އަށް ވަނީ ގެއްލިފަ އެވެ.

ދައުރުގެ މެދު ތެރެއިން ބޭއްވި މަޖިލީހުގެ ބައި-އިލެކްޝަންގައި އެމްޑީޕީން ޕީޕީއެމްއާ ވާދަކޮށް ކާމިޔާބު ހޯދި ގުރައިދޫ ދާއިރާ ވެސް ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ވަނީ ނާކާމިޔާބުވެފަ އެވެ. މާފުށި، ކާށިދޫ ވެސް ހިމެނޭ ގޮތަށް ކ. އަތޮޅުގެ ހުރިހާ ރަށެއްގެ މެޖޯރިޓީ ހޯދީ މުއިއްޒެވެ.

އެމްޑީއޭގެ ބާރެއް ނ. އަދި ދ. ގައި ނެތް

ރައީސްއާ އެކު ކޯލިޝަން ހަދާފައި އޮތް އެމްޑީއޭއަކީ އެމަނިކުފާނަށް މި އިންތިހާބުގައި ލިބުނު އެންމެ ބޮޑު "އެސެޓް" ކަމަށް ވިދާޅުވެފައިވެ އެވެ. އެއީ، ބައެއް އަތޮޅުތަކުގައި އެމްޑީއޭގެ ތާއިދު އިންތިހާއަށް އޮތުމުން ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

އެ އަތޮޅަކީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ އުފަން އަތޮޅު ނ. އަތޮޅާއި އޭނާގެ ގިނަ ރިސޯޓްތަކެއް ހިންގައި އަދި މަޖިލިސް މެންބަރުކަން ކުރައްވާ ދާއިރާ ހިމެނޭ ދ. އަތޮޅެވެ.

އެކަމަކު، އިއްޔެގެ ނަތީޖާ އިން އެމްޑީއޭގެ އެ ތާއިދެއް ފެންނަން ނެތެވެ.

މިއަހަރުގެ ރިޔާސީ އިންިހާބުގެ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނު ނިންމާލުމުގެ ގޮތުން އެ ޕާޓީ އިން އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ހިނގާލުމުގައި ޕާޓީ އަށް ސަޕޯޓުކުރާ ދެ ގިނަބަޔަކު ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

މިއަހަރުގެ ރިޔާސީ އިންިހާބުގެ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނު ނިންމާލުމުގެ ގޮތުން އެ ޕާޓީ އިން އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ހިނގާލުމުގައި ޕާޓީ އަށް ސަޕޯޓުކުރާ ދެ ގިނަބަޔަކު ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ސިޔާމްގެ ދާއިރާގެ މައި ރަށް، މީދޫ އިން ރައީސަށް މެޖޯރިޓީއެއް ނުލިބެ އެވެ. އެމްޑީއޭގެ މަޖިލިސް މެންބަރު އަހުމަދު އާމިރު ހުންނެވި ކުޑަހުވަދޫ ދާއިރާ އިން ވެސް ކުރި ހޯދީ މުއިއްޒެވެ. މުޅި އަތޮޅަށް ބަލާއިރު މުއިއްޒަށް 2،300 ވޯޓު ލިބުނުއިރު، ރައީސަށް ހޯދުނީ 1،900 ވޯޓެވެ.

ނ. އަތޮޅު ކަށަވަރުވާ މިންވަރު ހާމަކުރެއްވުމަށް ރައީސް ވިދާޅުވެފައިވަނީ "ނ. އަތޮޅު އަދި މާބޮޑަށް އެއްބުރުން" ކަމަށެވެ. އެކަމަކު، ނަތީޖާ އިން ދައްކަނީ އެހެން މަންޒަރެކެވެ. ޖުމްލަ 13 ރަށް ހިމެނޭ ނ. އަތޮޅުގެ ނުވަ ރަށެއްގެ މެޖޯރިޓީ އެމްޑީޕީ އަށް ހޯދުނު ނަމަވެސް، މުޅި އަތޮޅުން ލިބުނު ވޯޓަށް ބަލާއިރު މުއިއްޒު އުޅެނީ ކުރީގަ އެވެ.

މުއިއްޒަށް 3،800 ވޯޓު ލިބުނުއިރު، ވަރަށް ގާތުން ރައީސަށް ލިބުނީ 3،700 ވޯޓެވެ.