Roadha Mihaaru
"ބޮޑު ދަތުރު"ގެ ކާމިޔާބީ ކިޔައިދެއްވީ އަދަދުތަކުން

2،500ރ. އިން 125ރ. އަށް ކުޑަވެ ތަރައްގީގެ "ބޮޑު ދަތުރު" ކާމިޔާބު: އަސްލަމް

30 އޯގަސްޓް 2023

މުޅި ރާއްޖެ ގުޅާލަން މި ސަރުކާރުން ހިންގާ އާރުޓީއެލްއަކީ "ބޮޑު ދަތުރު"ގެ ގޮތުގައި ސިފަކުރައްވައި ކާމިޔާބީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ދެއްކެވީ ކުޑަ މިސާލަކުންނެވެ. ހުވަދު އަތޮޅުގެ 21 ރަށް ގުޅާލުން ރަސްމީކޮށް ފާހަގަކުރަން ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ 2،500ރ. އަށް ކުރަމުން އައި ދަތުރު މިހާރު ވަނީ 125ރ. އަށް ކުޑަވެ އާއްމު މީހާގެ ޖީބަށް ލުއިވެފައި ކަމަށެވެ.

އިފްރާޒް އަލީ ގދ. ތިނަދޫން އިފްރާޒް އަލީ

މުޅި ރާއްޖެ ގުޅާލަން މި ސަރުކާރުން ހިންގާ އާރުޓީއެލްއަކީ "ބޮޑު ދަތުރު"ގެ ގޮތުގައި ސިފަކުރައްވައި ކާމިޔާބީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ދެއްކެވީ ކުޑަ މިސާލަކުންނެވެ. ހުވަދު އަތޮޅުގެ 21 ރަށް ގުޅާލުން ރަސްމީކޮށް ފާހަގަކުރަން ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ 2،500ރ. އަށް ކުރަމުން އައި ދަތުރު މިހާރު ވަނީ 125ރ. އަށް ކުޑަވެ އާއްމު މީހާގެ ޖީބަށް ލުއިވެފައި ކަމަށެވެ.

"މިއީ ބޮޑު އަތޮޅެއް، ވަރަށް ގިނަ ފަހަރަށް ގަދަވޭ، އެތެރެވަރިއަކީ ގަދަތަނެއް. ރަށާ ހަމައަށް ދެވޭއިރު ހުންނަނީ އުނަގަނޑުގައި ރިއްސާފައި. 2000-2500ރ. އަށް ވުރެން ކުޑަކޮށް ލާހިކެއް ނޫން ދަތުރުކުރާކަށް. މިއަދު ދާނެ 125ރ. އަށް،" އަސްލަމް ވިދާޅުވި އެވެ.

"މިއީ ނޫންތޯ އަޅުގަނޑުމެން ގައުމަށް ގެންނަންވާ ބަދަލަކީ."

މިނިސްޓަރު ވިދާޅުވީ އެމްޓީސީސީގެ އާރުޓީއެލް ފެރީގެ ހިދުމަތް ކާމިޔާބު ކަން، އެ ހިދުމަތް ހޯދާ މީހުންގެ އަދަދުތަކުން ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ގދ. ތިނަދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގއ. އާއި ގދ. (ހުވަދު އަތޮޅު)ގެ 21 ރަށް ގުޅުވައިދިން އެމްޓީސީސީގެ އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ރައީސް ފައްޓަވައިދެއްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށް އެއްކޮށް ގުޅާލެވިގެން ނޫނީ ތަރައްގީ ނުގެނެވޭ ކަމަށެވެ. އާރުޓީއެލް ފެރީގެ ހިދުމަތަކީ އެ ތަރައްގީ ހޯދުމަށް ކުރާ އެންމެ ބޮޑު "ދަތުރު" ކަމަށް އޭނާ ވިދާޅުވި އެވެ.

ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ދޭ ލޯންޗުތައް ގދ. ތިނަދޫ ބަނދަރުގައި އަޅާފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ދޭ ލޯންޗުތައް ގދ. ތިނަދޫ ބަނދަރުގައި އަޅާފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ރައީސް ވެސް އެތައް ފަހަރެއްގެ މަތިން ވިދާޅުވެފައި ވާނެ ރަނގަޅަށް ޕްލޭންކޮށްގެން ކުރާ ކަމެކޭ ހަގީގަތުގައި ކާމިޔާބީއާ ހަމައަށް ދެވޭނީ. މިއީ ރަނގަޅަށް ޕްލޭންކޮށްގެން ހިންގާ މަޝްރޫއެއް،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ފެރީގެ ނިޒާމަކުން ރަށްތައް ގުޅާލުމަށް އެމްޑީޕީގެ ކުރީގެ ވެރިކަމުގައި ވެސް މަސައްކަތްކުރި އެވެ. އެކަމަކު، ވެރިކަން ބަދަލުވެ ދެން އައި ސަރުކާރުން އެ ހިދުމަތް ތަރައްގީ ނުކުރީ އެވެ. އެ މަސައްކަތް އަލުން ފަށައި، ކާމިޔާބު ކުރީ މި ސަރުކާރުން ކަމަށާއި މި ހިދުމަތަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައި ވާތީ ދެން ހުއްޓާނުލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން މިކަން ކުރުމުގައި ގެންގުޅޭ ތަސައްވަރާއި ފެންވަރާ. މިއީ ދެން ދިވެހިރާއްޖޭގެ އެއްވެސް ބަޔަކަށް ހުއްޓުވޭނެ ކަމެއް ނޫން،" އަސްލަމް ވިދާޅުވި އެވެ.

ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އާރުޓީއެލް ފެރީގެ ހިދުމަތަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ލިބުނު ކާމިޔާބީ މިނިސްޓަރު ފާހަގަކުރެއްވީ އެ ހިދުމަތް ހޯދިން މީހުން އަދަދުތަކުންނެވެ. އެއީ؛

• ހއ، ހދ، ށ، ގެ 41 ރަށަށް މިދިޔަ އަހަރެއްހާ ދުވަހު 322،238 މީހުން ދަތުރުކުރި.

• ހދ. ކުޅުދުއްފުއްޓަށް އެކަނި 103،026 މީހުން ދަތުރުކުރި.

• ހދ. ހަނިމާދު އަށް އެކަނި 28،654 މީހުން ދަތުރުކުރި.

• ހއ. ދިއްދު އަށް އެކަނި 27،069 މީހުން ދަތުރުކުރި.

• ށ. ފުނަދު އަށް އެކަނި 19،256 މީހުން ދަތުރުކުރި.

އަސްލަމް ވިދާޅުވި ގޮތުގައި، ތިނަދުއަށް އާރުޓީއެލްގެ ހިދުމަތް ފެށިތާ މިވީ އެއް މަސްދުވަހުގެ ތެރޭގައި އެކަނިވެސް، 2،896 މީހުން މި ރަށަށް އައިސްފައިވެ ވެ. އަދި ހުވަދޫގެ އެކި ރަށްތަކަށް 10،836 މީހުން ދަތުރުކޮށްފައިވެ އެވެ.

ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"މި އަތޮޅުގައި އެންމެ އެކަހެރިކޮށް، ކުޑަ އާބާދީއެއް އޮންނަ ރަށް ނަޑެއްލާ އަކީ. އެކަމަކު މިއަދު ނަޑެއްލާ އަކީ އެކަހެރި ރަށެއް ނޫން. މިދިޔަ އެއް މަސް ތެރޭގައި 362 މީހުން ނަޑެއްލާއިން ދަތުރަށް އަރައިފި. މިއީ ނޫންތޯ މި ބޭނުންވާ ކަމަކީ،" އޭނާ ވިދާޅުވި އެވެ.

އާރްޓީއެލްގެ ދަށުން ސްޕީޑު ފެރީގެ ހިދުމަތް އެންމެ ފުރަތަމަ ފެށީ މިދިޔަ އަހަރުގެ މެއި މަހު އެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 20 އަތޮޅަށް އާރްޓީއެލްގެ ހިދުމަތް ދޭން ނިންމާފައި ވަނީ ހަ ޒޯނަކަށް ބަހާލައިގެންނެވެ. ރާއްޖޭގެ އެންމެ އުތުރުން ހއ، ހދ، ށ އަދި ޅ އަތޮޅުގައި އެ ހިދުމަތް ވަނީ ފަށައިފަ އެވެ.

އެމްޓީސީސީގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް އާރުޓީއެލްގެ ހިދުމަތް ހުރިހާ އަތޮޅެއްގައި ފެށުމެވެ.