Roadha Mihaaru
ހުވަދޫގެ 21 ރަށް ގުޅުވާލުން ރަސްމީކޮށް ފައްޓަވައިފި

ހުވަދޫގެ 21 ރަށް އާރުޓީއެލް ފެރީން ގުޅުވާލުން ރަސްމީކޮށް ފައްޓަވައިދެއްވައިފި

30 އޯގަސްޓް 2023

ގއ. އާއި ގދ. (ހުވަދު އަތޮޅު)ގެ 21 ރަށް ގުޅުވައިދިން އެމްޓީސީސީގެ އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފައްޓަވައިދެއްވައިފި އެވެ.

އިފްރާޒް އަލީ ގދ. ތިނަދޫން އިފްރާޒް އަލީ

ގއ. އާއި ގދ. (ހުވަދު އަތޮޅު)ގެ 21 ރަށް ގުޅުވައިދިން އެމްޓީސީސީގެ އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފައްޓަވައިދެއްވައިފި އެވެ.

ރައީސް އެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ގދ. ތިނަދު އަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ރަށުގެ ބަނދަރު މަތީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ދޭ ލޯންޗުތައް ގދ. ތިނަދޫ ބަނދަރުގައި އަޅާފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ދޭ ލޯންޗުތައް ގދ. ތިނަދޫ ބަނދަރުގައި އަޅާފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސަރުކާރުން ކުރިއަށް ގެންދާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ދަށުން ގއ. އަދި ގދ. އަތޮޅުގައި ފެރީގެ ހިދުމަތް ފެށީ މިދިޔަ މަހެވެ. އަދި މި މަހު 18 ގައި ވަނީ އައްޑު އާއި ފުވައްމުލަކު ހިމެނޭހެން ދެކުނުގެ ހަތަރު އަތޮޅު ވެސް މި ފެރީގެ ހިދުމަތުން ގުޅާލައިފަ އެވެ.

ހުވަދު އަތޮޅުގައި މިހާރު ހިދުމަތް ދެމުން އަންނަނީ ހަ ރޫޓަށް ނުވަ ލޯންޗުންނެވެ. ކުރިއަށް އޮތް ތަނުގައި ލޯންޗްތައް އިތުރުކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ދަތުރުތަކާ އެކު ދެ އަތޮޅު ދެމެދުގައި ކުރިން ފަސް ގަޑިއިރުގެ ދަތުރުތައް މިހާރު ވަނީ ދެ ގަޑިއިރަށް ކުރުވެ ރައްޔިތުންގެ ޖީބަށް ލުއިވެފަ އެވެ. ހަފުތާގެ ހަތް ދުވަހު ދަތުރުތައް އޮންނައިރު މި ހުޅުވުނީ އިގްތިސާދީ ހަރަކާތްތަކަށް ދޮރުތަކެއް ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އާރުޓީއެލްގެ ހިދުމަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ ތަސައްވުރެއްގެ ދަށުން ފެށި ހިދުމަތަކަށް ވާތީ މި މަސައްކަތުގައި ލިބޭ ކާމިޔާބީއާ މެދު އެންމެ އުފާކުރައްވާނީ ވެސް އެމަނިކުފާނު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ފެރީ ދުއްވާ ކެޕްޓަނުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުވަދު އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ފެރީ ދުއްވާ ކެޕްޓަނުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އާޒިމް ވިދާޅުވި ގޮތުގައި، އެމްޓީސީސީގެ ދިގު ތާރިހުގައި ވެސް އެ ކުންފުނިން އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގީ މިދިޔަ ފަސް އަހަރެވެ. އެ ކުންފުނިން މިދިޔަ ފަސް އަހަރުގެ ތެރޭގައި 150 ޕްރޮޖެކްޓް ނިންމައި 150 އަށް ވުރެ ގިނަ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާތަނަށް ހަތް ބިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއުތައް އެމްޓީސީސީން އެކަނި ވެސް ނިންމައިފި،" އާޒިމް ވިދާޅުވި އެވެ.

ހުވަދޫ އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުވަދޫ އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އާރްޓީއެލްގެ ދަށުން ސްޕީޑު ފެރީގެ ހިދުމަތް އެންމެ ފުރަތަމަ ފެށީ މިދިޔަ އަހަރުގެ މެއި މަހު އެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 20 އަތޮޅަށް އާރްޓީއެލްގެ ހިދުމަތް ދޭން ނިންމާފައި ވަނީ ހަ ޒޯނަކަށް ބަހާލައިގެންނެވެ. ރާއްޖޭގެ އެންމެ އުތުރުން ހއ، ހދ، ށ އަދި ޅ އަތޮޅުގައި އެ ހިދުމަތް ވަނީ ފަށައިފަ އެވެ.

އެމްޓީސީސީގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް އާރުޓީއެލްގެ ހިދުމަތް ހުރިހާ އަތޮޅެއްގައި ފެށުމެވެ.