Roadha Mihaaru
މާލީ އަށް ދަތިކުރުމުގެ ގަރާރު ރަޝިޔާ އިން ވީޓޯކޮށްފި

މާލީ އަށް ދަތިކުރުމުގެ ގަރާރު ރަޝިޔާ އިން ވީޓޯކޮށްފި

31 އޯގަސްޓް 2023

އަސްކަރީ ވެރިކަމެއްގެ ތެރޭގައި އޮތް މާލީ އަށް ދަތިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު ދިގުކޮށް، މާލީގައި ތިބި އދ.ގެ ތަޖުރިބާކާރުން އިތުރު އެއް އަހަރަށް އެގައުމުގައި ތިބުމަށް ކަނޑައަޅައި، އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ރަޝިޔާ އިން ވީޓޯކޮށްފި އެވެ.

އަސްކަރީ ވެރިކަމެއްގެ ތެރޭގައި އޮތް މާލީ އަށް ދަތިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު ދިގުކޮށް، މާލީގައި ތިބި އދ.ގެ ތަޖުރިބާކާރުން އިތުރު އެއް އަހަރަށް އެގައުމުގައި ތިބުމަށް ކަނޑައަޅައި، އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ރަޝިޔާ އިން ވީޓޯކޮށްފި އެވެ.

އެ ގަރާރުގައި ކަނޑައަޅާފައި އޮތީ، މާލީ އަށް ދަތިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު އިތުރު އެއް އަހަރަށް އިތުރު ކުރުމަށެވެ. އޭގެ އިތުރުން، މާލީގެ ސިޔާސީ އަދި އިގްތިސާދީ ކަންކަން ހިނގާ ގޮތް ބެލުމަށް އެ ގައުމަށް ފޮނުވާފައި ތިބި އދ.ގެ ތަޖުރިބާކާރުންގެ ޓީމު އިތުރު އެއް އަހަރު އެ ގައުމުގައި ބޭތިއްބުމަށް ވެސް އެ ގަރާރުގައި ގޮވާލާފައިވެ އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ޖުމްލަ 15 މެންބަރުންގެ ތެރެއިން 13 މެންބަރުން އެ ގަރާރާ އެއްކޮޅަށް ވޯޓު ދިނެވެ. ނަމަވެސް، ފަރަންސޭސި ވިލާތާއި އެމިރޭޓްސް އިން ހުށަހެޅި ގަރާރު ފާސްކުރުމާ ދެކޮޅަށް ރަޝިޔާ އިން ވީޓޯގެ ބޭނުން ހިފުމުން އެ ގަރާރު ވަނީ ބާތިލުވެފަ އެވެ. އެ ވޯޓުގައި ޗައިނާ ބައިވެރިއެއް ނުވެ އެވެ.

އދ. ގައި ހުންނަވާ ރަޝިޔާގެ ސަފީރު ވަސިލީ ނެބެންޒިއާ ވިދާޅުވި ގޮތުގައި މާލީއާ ބެހޭ ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމަށް މަގު ފަހިކުރުމުގެ މަގްސަދުގައި މާލީ އަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެންމެ ފުރަތަމަ އެޅީ 2017 ވަނަ އަހަރު އެވެ. އެހެން ނަމަވެސް، އެކަން ހާސިލުކުރުމުގެ ބަދަލުގައި އެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނިވަލުގައި ތިބެގެން، ބަޔަކު މަސައްކަތް ކުރީ މާލީ އަށް ބޭރުގެ އަސްކަރީ އަދި އެ ނޫން ނުފޫޒުތައް ފަތުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

ސަފީރު ވިދާޅުވި ގޮތުގައި މާލީގައި ސުލްހަ ގާއިމުކުރުމުގެ ނަމުގައި ތިބި، އދ.ގެ ތަޖުރިބާކާރުން ވެސް، މާލީގައި ބޭރުގެ ނުފޫޒު ފެތުރުމަށް މަސައްކަތް ކުރެ އެވެ.

މާލީގައި ތިބޭ ބޭރުގެ ތަޖުރިބާކާރުންގެ ޓީމަކުން ސަލާމަތީ މަޖިލީހަށް މިދިޔަ ހަފުތާގައި ހުށަހެޅި ރިޕޯޓްގައި ބުނެފައިވަނީ، މާލީގައި ވެރިކަން ކުރާ ސިފައިންނާއި އެމީހުންނަށް ވާގިވެރިވާ ބިދޭސީ ސިފައިން، މާލީގެ އަންހެނުންނަށް ޖިންސީ ގޯނާ ކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން އިންސާނީ ހައްގުތަކާ ޚިލާފު އެތައް އަމަލެއް ހިންގާ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

މާލީގައި އޮތް އަސްކަރީ ވެރިކަމަށް މަދަދު ދިނުމުގައި ބައިވެރިވާ ބިދޭސީ ސިފައިންނަކީ، ހުޅަނގުގެ ގައުމުތައް ތުހުމަތުކުރާ ގޮތުގައި ރަޝިޔާގެ ކުލީ ސިފައިންގެ ޖަމާއަތެއް ކަމަށްވާ ވަގްނާ ގުރޫޕުގެ ހަނގުރާމަވެރިންނެވެ. މިދިޔަ 2022 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި މާލީގައި މަރައިލި 500 މީހުންގެ މަރުގެ ފަހަތުގައި ތިބީ ވެސް މާލީގެ ސިފައިންނާއި ބިދޭސީ ހަނގުރާމަވެރިން ކަމަށް އެ ރިޕޯޓްގައިވެ އެވެ.