Roadha Mihaaru
"ރަޝިޔާ ނުހުއްޓުވެންޏާ، ސަލާމަތީ މަޖިލިސް އުވާލާ"

ރަޝިޔާގެ އުދުވާން ނުހުއްޓުވެންޏާ، ސަލާމަތީ މަޖިލިސް އުވާލާ: ޒެލެންސްކީ

06 އެޕްރީލް 2022

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް، އެއްވެސް ސަބަބަކާ ނުލައި ހަނގުރާމަ އިއުލާންކޮށް، ޔޫކްރޭނަށް އަރައިގަނެ އުދުވާނީ އަމަލުތައް ހިންގަމުންދާ އިރު، އެކަން ނުހުއްޓުވޭ ނަމަ، އދ.ގެ ސަލާމަތީ މަޖިލިސް އުވައިލުމަށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ގޮވާލައްވައިފި އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް، އެއްވެސް ސަބަބަކާ ނުލައި ހަނގުރާމަ އިއުލާންކޮށް، ޔޫކްރޭނަށް އަރައިގަނެ އުދުވާނީ އަމަލުތައް ހިންގަމުންދާ އިރު، އެކަން ނުހުއްޓުވޭ ނަމަ، އދ.ގެ ސަލާމަތީ މަޖިލިސް އުވައިލުމަށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ގޮވާލައްވައިފި އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި އިއްޔެ ވާހަކަ ދައްކަވަމުން ރައީސް ޒެލެންސްކީ ވިދާޅުވީ ރަޝިޔާގެ އުދުވާނަށް ދޮޅު މަސްދުވަސް ވެގެންދާއިރު، އެކަން ހުއްޓުވުމުގައި އދ. މަޖިލީހުގެ ތެރެއިން ކުރެވުނު ކަމެއް ނުފެންނަ ކަމަށެވެ. އަދި ރަޝިޔާ ސިފައިން ޔޫކްރޭންގައި މިހާރު ހިންގަމުންދާ އުދުވާނީ އަމަލުތައް ހުއްޓުވުމުގެ ކުޅަދާނަކަމެއް، އދ.ގެ ނިޒާމުގެ ތެރޭގައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވެއްޖެ އެވެ.

ރައީސް ޒެލެންސްކީ ވިދާޅުވީ ރަޝިޔާ ސިފައިން ޔޫކްރޭންގައި ހިންގާ އުދުވާންތަކުގެ ކުރިމަތީގައި އދ. މަޖިލިސް ބާރެއް ނެތި އޮންނަ އިރު، ދެ ގޮތުން ކުރެ ކޮންމެވެސް އެއް ގޮތަކަށް އަމަލުކުރަންޖެހޭ ކަމަށެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ، ރަޝިޔާއަކީ ހަނގުރާމައިގެ މަސްދަރެއް އަދި އަދާވާތްތެރި ގައުމެއް ކަމަށް ކަނޑައަޅައި، ސަލާމަތީ މަޖިލީހުން ރަޝިޔާ ވަކިކޮށް ބޭރުކުރުމެވެ.

އެ ފިޔަވަޅު އަޅައިފިއްޔާ، ރަޝިޔާ އިން ހިންގާ އުދުވާނީ އަމަލުތަކާ ދެކޮޅަށް ސަލާމަތީ މަޖިލީހުން ނިންމާ ނިންމުންތަކަށް ހުރަސް ނޭޅޭނެ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.

އދ.ގެ ސަލާމަތީ މަޖިލިސް.-- ފޮޓޯ: އޭއެފްޕީ

އދ.ގެ ސަލާމަތީ މަޖިލިސް.-- ފޮޓޯ: އޭއެފްޕީ

"ދެވަނަ ކަމަކީ، އެ ފިޔަވަޅު އަޅަން ނުކެރި، އިތުރު އެހެން ގޮތެއް އަދި އެހެން އިޚްތިޔާރެއް ވެސް ނެތިއްޔާ، ދެން އޮތް އަނެއް އިޚްތިޔާރަކީ ކަލޭމެން އަމިއްލަ އަށް ތިޔަ މަޖިލިސް އުވައިލުން،" ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.

"ސަލާމަތީ މަޖިލީހުން ކަށަވަރުކޮށްދޭންޖެހޭ ސަލާމަތްތެރިކަން ކޮބައިތޯ؟ ސަލާމަތީ މަޖިލީހެއް އޮވެމެ، ސަލާމަތްތެރިކަމެއް ނުލިބޭ. އުދުވާންތައް ހުއްޓުވައި ސުލްހަ ކަށަވަރުކޮށްދިނުމަށް އުފައްދާފައި އޮތް އެންމެ ބޮޑު މުއައްސަސާ، ފުރިހަމަ ގޮތުގައި މަސައްކަތް ނުކުރާކަމީ ފެންނަން އޮތް ހަގީގަތެއް."

ރައީސް ޒެލެންސްކީ ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައި، ޔޫކްރޭންގެ އާންމު ރައްޔިތުންނާ ދެކޮޅަށް ނުހިންގާ، ހަނގުރާމައިގެ އެންމެ ޖަރީމާއެއް ވެސް ނެތެވެ. އެހެންކަމުން، ރަޝިޔާގެ އަމަލުތައް ފުރިހަމަ އަށް ތަހުގީގުކުރުމަކީ ބައިނަލްއަގުވާމީ މުޖްތަމައުގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމީހުން (ޔޫކްރޭނަށް އަރައި) އާއިލާތައް އެކުގައި މަރައިފި. ކުޑަކުދިންނާއި އަންހެނުން މަރައިފި. އަދި މަރައިލުމަށް ފަހު އެމީހުންގެ ހަށިގަނޑުތައް އަންދާލަން ވެސް އެމީހުން މަސައްކަތްކޮށްފި،" ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.

"މަގުމަތީގައި އާންމުން ކާރުގައި ދުއްވާފައި ދަނިކޮށް، ޓޭންކުތަކުން އެ ކާރުތަކުގެ މައްޗަށް އަރައި މީހުންނާއެކު ކާރުތައް ޗިސްކޮށްފި. ހަމައެކަނި އެމީހުންގެ ހިތްހަމަޖެހުމަށްޓަކައި، ޔޫކްރޭން ރައްޔިތުންގެ އަތްފައި ބުރިކޮށްފި. އެމީހުންގެ ކަރުތައް ބުރިކޮށްފި."

ޔުކްރެއިންގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޚާކީވްގައި ޔުކްރެއިންގެ ދިދަ ނަގާފައި. -- ފޮޓޯ: އޭއެފްޕީ

ޔުކްރެއިންގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޚާކީވްގައި ޔުކްރެއިންގެ ދިދަ ނަގާފައި. -- ފޮޓޯ: އޭއެފްޕީ

އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިން ޔޫކްރޭންގެ ރަށްތަކަށް އަރައި ހިންގި ޖަރީމާތަކުގެ ތެރޭގައި، އަންހެނުން ހިފައި ހައްޔަރުކޮށް އެމީހުންގެ ދަރިންގެ ކުރިމަތީގައި ރޭޕްކޮށް މަރައިލުން ހިމެނެ އެވެ. އަދި ރަޝިޔާ ސިފައިންނާ ދެކޮޅަށް ހަރުކަށި ބަސްތަކުން ބަހުގެ ހަމަލާތައް ދިން ބައެއް މީހުން މަރާލައި އެމީހުންގެ ދޫ ބުރިކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫކްރޭންގައި ރަޝިޔާ ސިފައިން ހިންގާ އުދުވާނީ އަމަލުތައް، ހަނގުރާމައިގެ ޖަރީމާތަކެއްގެ ގޮތުގައި ޝަރީއަތަށް ހުށަހަޅައިގެން، ޔޫކްރޭނަށް އިންސާފު ހޯދައިދިނުމަށް ވެސް ޒެލެންސްކީ ގޮވައިލެއްވި އެވެ. އަދި ރަޝިޔާގެ އުދުވާނީ ހަމަލާ ހުއްޓުވުމަށް ނުކުޅެދިފައިވާތީ، ބައިނަލްއަގުވާމީ ސަލާމަތާއި ރައްކާތެރިކަމުގެ ނިޒާމު އިސްލާހު ކުރުމަށް ވެސް އޭނާ ގޮވައިލެއްވި އެވެ.

ދުނިޔޭގެ ބޮޑު ބާރެއް، އެއަށް ވުރެ ބާރު ދަށް ގައުމަކަށް އަރައި މުޅި ދުނިޔޭގެ ކުރިމަތީގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާއިރު، އެކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ނުކުރެވޭކަން، ރައީސް ޒެލެންސްކީ ފާހަގަކުރެއްވި އެވެ.

ޒެލެންސްކީ ވިދާޅުވި ގޮތުގައި އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެމްބަރު ގައުމަށް ލިބިފައިވާ ވީޓޯ ކުރުމުގެ ބާރު، ރަޝިޔާ އަށް ވެސް ލިބިފައިވާތީ، ރަޝިޔާގެ އުދުވާން ހުއްޓުވުމުގައި އދ.ގެ ސަލާމަތީ މަޖިލިސް އޮތީ އެއްވެސް އާރެއް ބާރެއް ނެތް މުއައްސަސާއަކަށް ވެފަ އެވެ. އަދި ރަޝިޔާގެ އުދުވާނީ ހަމަލާތައް ކުށްވެރިކުރުމަށް ސަލާމަތީ މަޖިލީހުން ކުރި މަސައްކަތް ވެސް، ވީޓޯގެ ބޭނުންކޮށްގެން ރަޝިޔާ އިން ވަނީ ހުއްޓުވާފައި ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.