Roadha Mihaaru
"މިނިވަންކަމަށްޓަކައި މުއިއްޒު އިންތިހާބު ކުރަންޖެހޭ"

މިނިވަންކަމާއި ސިޔާދަތު ނެގެހެއްޓުމަށްޓަކައި މުއިއްޒު އިންތިހާބު ކުރަންޖެހޭ: ޝަހީމް

02 ސެޕްޓެމްބަރ 2023

ރާއްޖެ މިއަދު ވަނީ އިސްލާހީ ބަދަލަކަށް ބޭނުންވެފައި ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ މި ފަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލް ބޭފުޅާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެ މިއަދު ވަނީ އިސްލާހީ ބަދަލަކަށް ބޭނުންވެފައި ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ މި ފަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލް ބޭފުޅާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

ލ. ފޮނަދޫގައި ބޭއްވި ފޯރިގަދަ ކެމްޕެއިން ޖަލްސާގައި ޝަހީމް ވިދާޅުވީ، މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒަކީ ހުރިހާ ކެންޑިޑޭޓުންގެ ތެރެއިން ވެސް އެންމެ ގާބިލް، އެންމެ ޒުވާން އަދި އެންމެ އިލްމުވެރި ބޭފުޅާ ކަމަށެވެ.

މުއިއްޒުގެ ހިލްމުވެރިކަން ހުރި ވަރު ބަޔާން ކޮށްދެއްވަމުން ޝަހީމް ވިދާޅުވީ، އިދިކޮޅު ހުރިހާ ކެންޑިޑޭޓުން މުއިއްޒާ ދިމާކުރާއިރު ވެސް ހުންނަވަނީ ހިމޭނުން ކަމަށެވެ. އެމްޑީޕީން ރޭ މާލޭގައި ބޭއްވި ޖަލްސާގައި ވެސް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީގެ އިތުރުން އެ ޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ވެސް މުއިއްޒާ ދިމާލަށް އެއްޗެހި ވިދާޅުވި ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ކީއްވެގެންތޯ؟ މޭވާ އަޅާ ގަހަށް ގާ އުކާނެ ނޫންތޯ؟ އެކަމަކު ބައްލަވާ ޑރ. މުހައްމަދު މުއިއްޒު އެ އިން އެއްވެސް ބޭފުޅަކަށް އެއްޗެއް ވިދާޅެއް ނުވޭ. މިއެއް ނޫންތޯ ހިލްމުވެރިކަމަކީ. ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ސިފައަކީ މިއެއް ނޫންތޯ،" ޝަހީމް ވިދާޅުވި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި މުއިއްޒަށް ވޯޓު ދެއްވަން އެދިވަޑައިގަންނަވަމުން ޝަހީމް ވިދާޅުވީ "ހައްދުންމަތިން ވަނީ މިކަން ނިންމާފައި" ކަމަށެވެ.

ފޮނަދޫގައި ރޭ ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ފޮނަދޫގައި ރޭ ބޭއްވި މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"މި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނެގެހެއްޓުމަށްޓަކައި ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބި ކަމަށް ބުނެ އެންމެ ގިނައިން ވާހަކަ ދައްކަނީ މި ސަރުކާރާ އެކު ތިބި ޕާޓީތަކުން ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ވާހަކަފުޅު މާ ކުރިން ވިދާޅުވެފައިވާކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވި ގޮތުގައި އެ މީހުން "ބާލަންޖެހޭ" ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ މިހާރު ވެސް ދިވެހި ސަރުކާރުން ޖެހިލުންވެއޭ ރާއްޖޭގައި ތިބީ އިންޑިއާގެ ކިތައް ސިފައިންކަން ހާމަކުރަން. މާނައަކީ މިތާ އެބަތިއްބޭ އެތައް ސަތޭކަ ސިފައިން. ދިވެހި ރައްޔިތުންނަށް ނޭނގޭ ކަމެއް ދިވެހި ފަސްގަނޑުގައި ކީއްވެތޯ ހިނގަންވީ؟ އަޅުގަނޑު މިރޭ ވެސް ގޮވާލަނީ ދިވެހި ސަރުކާރަށް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަކުރާށޭ،" ޝަހީމް ވިދާޅުވި އެވެ.

އެކަމަކު ބައްލަވާ ޑރ. މުހައްމަދު މުއިއްޒު އެ އިން އެއްވެސް ބޭފުޅަކަށް އެއްޗެއް ވިދާޅެއް ނުވޭ. މިއެއް ނޫންތޯ ހިލްމުވެރިކަމަކީ. ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ސިފައަކީ މިއެއް ނޫންތޯ،"---ޝަހީމް

އޭނާ ވިދާޅުވީ، ޕީޕީއެމް/ޕީއެންސީން ދިވެހި ދައުލަތުގެ މިނިވަންކަން ދަމަހައްޓާނެ ކަމަށާއި އެފަދަ ވަތަނީ ވެރިކަމެއް ކުރައްވާނެ ވެރިއަކީ މުއިއްޒު ކަމަށެވެ.

ޝަހީމް ވިދާޅުވި ގޮތުގައި އޭނާ ވަރަށް ކުރިއްސުރެ މުއިއްޒު ދެނެވަޑައިގަންނަވަ އެވެ. އެއީ ވަރަށް އަހުލާގު ރަނގަޅު، އިލްމީ އަދި ހީވާގި، މުރާލި ބޭފުޅެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.

"މިފަދަ ސިފަތައް މިއީ އަޅުގަނޑުމެންގެ މި ޒަމާނުގައި 21 ވަނަ ގަރުނުގައި އަޅުގަނޑުމެންގެ ދައުލަތުގެ ވެރިއަކަށް އަންނަން ޖެހޭނީ މި ޒަމާނުގެ ތައުލީމު ލިބިފައިވާ މީހެއް. އެހެންވީމާ ޒުވާނުން، ކަނބަލުން، އިސްރަށްވެހިން މި ރާއްޖޭގެ ގައުމިއްޔަތާއި ދީނާއި އަގީދާ އަށް ލޯބި ކުރައްވާ ހުރިހާ ބޭފުޅުން މި ކަމާ މެދު ވިސްނާވަަޑައިގަންނަވާށޭ،" ޝަހީމް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެންގެ ގައުމުގެ ރައީސަކު އިންތިހާބު ކުރަން ބާއްވާ އިންތިހާބެއް. ތިޔަބޭފުޅުން ފުންކޮށް މި ކަމާ ވިސްނާވަޑައިގަންނަވާށޭ."

އޭނާ ވިދާޅުވީ، ވޯޓު ގަންނަން ފައިސާ ދޭނެ ކަމަށާއި އެކަމަކު ވަގުތީ އުފަލަކަށްޓަކައި ރާއްޖޭގެ ދާއިމީ ހަމަޖެހުމާއި މިނިވަންކަން ގެއްލުވައިނުލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.