Roadha Mihaaru
މުއިއްޒު ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން

މުއިއްޒުގެ ފުރަތަމަ ވާހަކަފުޅު: ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން!

02 އޮކްޓޯބަރ 2023

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ހޯއްދެވި ބޮޑު ކާމިޔާބީގެ އުފާވެރިކަން ފާހަގަކުރަން ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި ވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލާނެ ކަމުގެ ކަށަވަރުކަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފަ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެތައް ސަތޭކަ ބަޔަކާ އެކު، ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގައި މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ކަށަވަރުކޮށްދޭނެ ކަމަށް ކެމްޕެއިންގެ ތެރޭގައި އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ކަމަށާއި ރައްޔިތުން ވޯޓު ދީ ހޮވީ ވެސް އެ އުއްމީދުގައި ކަމަށެވެ. އެހެންވެ، އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު، އެންމެ ފުރަތަމަ ވެސް ފައްޓަވާނީ އެ މަސައްކަތްޕުޅު ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، ސަރުކާރު ބަދަލުވުމަށް މި ހިނގާ ޓްރާންސިޝަން ޕީރިއަޑްގެ ތެރޭގައި އެކި ގައުމުތަކުގެ ސަފީރުން އެ މަނިކުފާނާ ބައްދަލުކުރައްވަން އަންނަނީ އެދިވަޑައިގަންނަވަމުންނެވެ. ކަނޑައެޅިފައި އޮންނަ އުސޫލުން އެ ހުރިހާ ބޭފުޅުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ހޯއްދެވި ބޮޑު ކާމިޔާބީއަށް ފަހު ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ސަޕޯޓަރުންނާ ސަލާންކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެންމެ އަވަށްޓެރި ގައުމުތަކުގެ ސަފީރުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު އިސްކުރާނީ ދިވެހި ގައުމުގެ މަސްލަހަތު އިސްކުރެވޭ ސިޔާސަތު،" ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި ޖަލްސާގައި މުއިއްޒު ވިދާޅުވި އެވެ.

އިސްކުރާނީ "ޕްރޯ-މޯލްޑިވްސް" ސިޔާސަތު

ބޭރުގެ ބައެއް ނޫސްތަކުން އެމަނިކުފާނަކީ "ޕްރޯ-ޗައިނާ" ބޭފުޅެއް ކަމަށް ބުނެ ލިޔެފައިވާ ބައެއް ހަބަރުތަކަށް ނުސީދާ ރައްދެއް ދެއްވައި މިރޭ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ "ޕްރޯ-މޯލްޑިވްސް" ސިޔާސަތު ކަމަށެވެ.

"ޕްރޯ-މޯލްޑިވްސް ސިޔާސަތަށް ތަބާވާ ހުރިހާ ގައުމަކީ އަޅުގަނޑުމެންނާ ގާތް ރަހުމަތްތެރި ގުޅުން އޮންނާނެ ގައުމުތަކެއް ކަން އަޅުގަނޑު ދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އުއްމީދަކީ ދުނިޔޭގެ ހުރިހާ ގައުމަކީ ވެސް ރާއްޖޭގެ އަމިއްލަވަންތަ ކަމަށް އިހުތިރާމު ކުރާ އަދި އެހެން ގައުމުތަކެކޭ އެއްގޮތަށް މި ގައުމުގެ މިނިވަން ކަން ހިމާޔަތްކުރަން ދިވެހިންނަށް ފުރުސަތު އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރާ ބަޔަކަށް ވުމަށް ކަމަށެވެ.

މި ގައުމުގައި ތިބި ބޭރުގެ ސިފައިން މި ގައުމުން ފޮނުވާލަނަން، އިރާދަކުރެއްވިޔާ ހަމަތަކުގެ ތެރެއިން: މުއިއްޒު

"މި ގައުމުގައި ތިބި ބޭރުގެ ސިފައިން މި ގައުމުން ފޮނުވާލަނަން، އިރާދަކުރެއްވިޔާ ހަމަތަކުގެ ތެރެއިން،" މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ހޯއްދެވި ބޮޑު ކާމިޔާބީއަށް ފަހު ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ހޯއްދެވި ބޮޑު ކާމިޔާބީއަށް ފަހު ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހާރިޖީ އުސޫލުތަކާއި ހަމަތަކުގެ މަތިން ބޭރުގެ ސިފައިން އަނބުރާ ފޮނުވާލެވޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ވެސް އެމަނިކުފާނު މިރޭ ދެއްވި އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި، ބޭރުގެ ސިފައިން ރާއްޖޭގައި ބޭތިއްވި ބަޔަކު، ދިވެހިން އެކަން ބޭނުން ނުވާ ކަމަށް ވަންޏާ، މިތަނުގައި އެމީހުން މަޑުކުރުވަން ބޭނުން ނުވާނެ އެވެ.

މުއިއްޒު ވިދާޅުވީ ބޭރުގެ ސިފައިން ރާއްޖޭގައި ތިބެން ދިވެހިން ބޭނުންނުވާ ކަން ރިޔާސީ އިންތިހާބުގެ ނަތީޖާއިން މިހާރު އެ އޮތީ އެ ބަޔަކަށް ސާފުކޮށް ފެންނަން ކަމަށެވެ. އެހެންވެ، ދިވެހިން މި ނިންމުމާ ދެކޮޅަށް ބޭރުގެ ސިފައިން ރާއްޖޭގައި ނުތިބެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ ހަމަތަކަށް އެއްބަސްވެގެން ވަޑައިގަންނަވާ ކޮންމެ ގައުމެއްގެ ސަފީރަކަށް ވެސް އެމަނިކުފާނުގެ ސަރުކާރެއްގައި ގާތް ގުޅުމެއް ބާއްވާނެ ކަމުގެ ޔަގީންކަން ވެސް މުއިއްޒު ދެއްވި އެވެ.